ބޮޑުފޮޅުދޫ ސްކޫލުން، އެ ރަށު ކައުންސިލާއި ބެލެނިވެރިންނާ ގުޅިގެން 2022 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ފަށައިފިއެވެ.

އިއްޔެ ފެށި މި ހަރަކާތްތައް، ބޮޑުފޮޅުދޫ ސްކޫލުން ދިޔައީ ސޯޝަލް މީޑިއާގައި ލައިވްކުރަމުންނެވެ. މި ލައިވް ތަކުން ފެނިގެންދިޔައީ ވަރަށް ފެހި ނަމަވެސް އެހާމެ ކުލަގަދަ މަންޒަރުތަކެކެވެ. ސްކޫލުގެ މައި ދޮރާށިން ފެށިގެން މުޅި ސްކޫލް ވަނީ އެކި ކުލަ ކުލައިން ޒީނަތްތެރިކޮށްފައެވެ.

"ވައިލްޑް އެނިމަލްސް"ގެ ތީމްއަކަށް ޒީނަތްތެރިކޮށްފައިވާ ބޮޑުފޮޅުދޫ ސްކޫލުން ދަރިވަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިންނާއި އެކިވައްތަރުގެ ހަދިޔާތަކުންނެވެ. މީގެ އިތުރުން، ދުވަހަށް ޚާއްސަ "މެސްކޮޓް" އެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. ދަރިވަރުން ވަނީ ދުވަހަށް ޚާއްސަ ކޮށްފައިވާ މެސްކޮޓާއެކީ ފޮޓޯ ވެސް ނަގާފައެވެ.

ކުޑަކުދިންގެ ދުވަހުގެ ރަސްމީ ޕްރޮގްރާމުތައް ފެށުމުގެ ގޮތުން، އިއްޔެ ދަރިވަރުންނަށް މަރުހަބާ ކިޔާފައިވާއިރު، މި ދުވަހުގެ ހަރަކާތްތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެކަމަށް ބޮޑުފޮޅުދޫ ސްކޫލުން ބުނެއެވެ. މެއި މަހުގެ 10 ވަނަ ދުވަސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، އެދުވަހު ޚާއްސަ އެސެމްބްލީއާ އެކު މުވައްޒަފުންގެ ހުނަރުތައް ދައްކާލަން ވަނީ ރާވާފައެވެ.

11މެއި ވާ ބުދަ ދުވަހު "ދަރިވަރުންނާއެކު މުވައްޒަފުން" ގެ ނަމުގައި ހަރަކާތެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، ދަރިވަރުންގެ ހުނަރުތައް ދައްކާލުމުގެ ހަރާކާތެއް ވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

އަދި ބޮޑުފޮޅުދޫ ސްކޫލުން ކުރިއަށްގެންދާ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، އެންމެ ފަހު ހަރަކާތްކަމަށްވާ، ކުޑަކުދިންގެ ޢާއިލީ ހަވީރެއް، އަންނަ ބުރާސްފަތި ބާއްވަން ވަނީ ނިންމާފައެވެ.

ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި 10 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހަކެވެ. ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ހުރިހާ ސްކޫލަކުން މި ދުވަސް ދަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.
advertisment
ހިޔާލު