ފުވައްމުލަކު ސިޓީގެ ފުނާޑު އަވަށު، މަސްޖިދުއް ސިއްދީޤުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރަމުން ގެންދާ އަޙްމަދު ރާއިޢް ބަޝީރުގެ ކިޔެވުމަށް އެ މިސްކިތަށް ދާ ކޮންމެ މީހަކުވެސް ތަޢުރީފުކުރެއެވެ. ބޮޑުބޭބެގެ ފަހަތުން އޭނާ އެ ދަނީ ޤުރުއާނަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި ކުލުނު ޢަމަލުން ދައްކަމުންނެވެ. އޭނާގެ އެ އަޑު ވަނީ އެތައް ބައެއްގެ ހިތުގައި ބިންވަޅުނެގިފައެވެ.
ރާއިޢް އިމާވެ ނަމާދުކުރަން ފެށީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. މި ރޯދަ މަހު، އެތައް މިސްކިތެއްގައި އިމާމްވެ ނަމާދު ކުރުމުގެ ފުރުޞަތު ލިބުނެވެ.

ހާފިޒު އަހުމަދު ސްކޫލްގެ ހަ ވަނަ ކިލާހުގައި ކިޔަވަމުން ގެންދާ ރާއިޢްގެ ފުރަތަމަ އަމާޒަށް ވާޞިލް ވުމަށް އޮތީ މަދު ދުވަސްކޮޅެކެވެ. ޤުރުއާން ހިތުދަސްކުރަން ހިތުއަޅައި މަސައްކަތް ކުރަން ފެށިތާ ތިން އަހަރާ ހަ މަސް ވިއިރު، ދަސްނުވެ އޮތީ އެންމެ ފޮތެއްގެ ދެބައިކުޅަ އެއްބައެވެ.
" އިރާދަކުރެއްވިއްޔާ ރޯދަމަސް ނިމުމުގެ ކުރިން ޤުރުއާން ހިތުދަސްކޮށް ނިންމާލާނަން" ޤުރުއާން ހިތުދަސް ކުރުމުގެ އަޒުމާއި ޖޯޝުގައި ހުރި ރާއިޢް ބުންޏެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި މުރާޖަޢާކޮށް ކޮމިޓީއަށް ކިޔައިދީ ނިންމާލެވޭނެ ކަމަށް އުއްމީދުކުރެއެވެ.
ރާއިޢްއަކީ ކުޑައިރުއްސުރެ ޤުރުއާނަށް ޚާއްޞަ ސަމާލުކަމެއްދީ ކިޔެވުމަށް ޝަޢުޤުވެރިކަމެއް ބެހެއްޓި ދަރިވަރެކެވެ. މިހާރުވެސް އޭނާގެ ދުވަހީ ތާވަލުގެ ބޮޑުބައެއް ޚާއްޞަކޮށްފައި އޮތީ ވެސް ޤުރުއާން ކިޔުމާއި ދީނީކަންތައްތަކަށެވެ.

ޤުރުއާން ހިތުދަސްކުރުން ކާފަގެ ވަސިއްޔަތެއް
"ފިރިހެން ކުއްޖަކު ލިބޭ ކަމުގެ އުފާވެރި ޚަބަރާއެކު ފުރަތަމަ ވެސް ކުރި ވަސިއްޔަތަކީ އެ ދަރިފުޅަކީ ޤުރުއާން ހިތުދަސްކޮށްދީ، ދީނީ ކަންތައްތަކަށް ސަމާލުކަންދޭ ކުއްޖަކަށް ހަދައިދޭން" ރާއިޢް އުފަން ވުމުގެ ކުރިން އޭނާގެ ކާފަގެ އެ ވަޞިއްޔަތް މަންމައަށް މިހާރުވެސް އަޑުއިވޭ ކަހަލައެވެ.
އެންމެ ތުއްތުއިރުއްސުރެ ކައިރީގައި ބައިންދައިގެން ޤުރުއާން ކިޔަވައިދިނުމާއި ދީނީ ކަންތަކަށް ދަރިފުޅު ޝަޢުޤުވެރި ކުރުމުގައި މުހިންމު ރޯލެއް އޭނާގެ ކާފަ ވަނީ އަދާކޮށްފައެވެ. އޭގެ ފަހަތުން ރާއިޢްގެ ބޮޑުބޭބެ ދަނީ ޤުރުއާން ހިތުދަސްކުރުމަށް ކޮށްދޭންޖެހޭ ހުރިހާ މަގެއް މަގުފަހިކޮށް ދެމުންނެވެ.
" މިއީ ބައްޕަގެ އެ ވަސިއްޔަތް ރާއިޢްގެ ބޮޑުބޭބެ ދިން ސަމާލުކަން. ޤުރުއާން ކިލާހަށާއި ހިފުޒު ކުލާހަށް ގެންގޮސް، އެވަރުން މިސްކިތަށް ގެންގޮސް އިމާމުވެ ނަމާދު ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިން"
ޤުރުއާން ކިޔެވުމުގައި ރާއިޢްގެ އެދުރަކީ ރޯޝަނީގޭ އައިޝަތު އަބްދުﷲ އެވެ. އޭނާއަށް އެންމެ ކަަމުދަނީ ކުރީގެ ޤުރުއާން މުދައްރިސް އަބްދުﷲ މުފީދުގެ ކިޔެވުމެވެ. މުފީދުގެ ކިޔެވުމަކީ އޭނާ އެންމެ ގަޔާވާ ކުރިއަށް ދިއުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.
" މުދައްރިސްގެ އެ ކިޔެވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވުނު. އޭގެ ފަހަތުން ކުރިއަށް މި ދެވުނީ" ރާއިޢް ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ސްކޫލްގައި ކިޔެވުމުން ޤުރުއާނަށް އެދޭ ޝަޢުޤަށް އެއްވެސް ބަދަލެއް ނުގެނެއެވެ. ދޭ ފިލާވަޅުތައް ބަރާބަރަށް ނިންމައި، ކިޔެވުމުގައި ތޫނިފިލިކަމާއެކު ކުރިއަށް ދެ އެވެ. އެންމެ މުބާރާތެއް ފިޔަވައި އެހެން ހުރިހާ ޤުރުއާން މުބާރާތަކުން އެކަށީގެންވާ ރނަގަޅު ކާމިޔާބީތަކެއް އޭނާ ދަނީ ހޯދަމުންނެވެ. ފުވައްމުލަކުގައި މި އަހަރު ބޭއްވި ރޯޒްމީޑް އަހުމަދު އަލިދީދީގެ ހަނދާނީ ޤުރުއާން މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދައިގެން އުމުރާ ދަތުރެއް ވެސް ރާއިޢް ވަނީ ހޯދާފައެވެ.
ރާއިޢް ބޭނުން ވަނީ ކާފަގެ ވަސިއްޔަތުގައި ހިފައިގެން ހަމައެކަނި ޤުރުއާންގެ ހިތުދަސްކުރާކަށް ނޫނެވެ. ޤުރުއާން ހިތުދަސްކުރުމަށްފަހު، ޤުރުއާނުގެ އިލްމުން ޕީއެޗްޑީއާ ހިސާބަށް ދާށެވެ.
" ﷲ އިރާދަކުރެއްވިއްޔާ މި ދަތުރު ނިންމާލާނީ ޤުރުއާނުގެ އިލްމުން ދެވޭނެ އެންމެ މައްޗަށް ގޮސްފައި. އުއްމީދަކީ ޤުރުއާނުގެ ޢިލްމުން ޕީއެޗްޑީ ޙާޞިލްކުރުން. އޭރުން ކާފަގެ އެ ވަޞިއްޔަތް ފުރިހަމަ ކުރެވުނު ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭނީ" މިހާރުވެސް ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދެމުން ގެންދާ ރާއިޢް ބުންޏެވެ.
ކުޑައިރުއްސުރެ ރާއިޢް ދައްކަނީ އެ ހިތްވަރެވެ. އެ އަޒުމެވެ. އެއީ އޭނާއަށް ނުކުރެވޭނެ ކަމެއް ނޫނެވެ. ރާއިޢްއަށް އެދެނީ ކާމިޔާބީއަށެވެ.
ހިޔާލު