"މިނިސްޓްރީގެ ސިޔާސަތަކީ ޚިދުމަތް އޮތް ތަނަކަށް ރައްޔިތުން އައުމުގެ ބަދަލުގައި ޚިދުމަތް އެހިސާބަކަށް ފޯރުކޮށްދިނުން"

ޚިދުމަތް އޮތް ތަނަކަށް ރައްޔިތުން އައުމުގެ ބަދަލުގައި ޚިދުމަތް އެހިސާބަކަށް ފޯރުކޮށްދިނުމަކީ މައިގަނޑު ސިޔާސަތެވެ.  އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ ހޮނިިހިރު ދުވަހެއްގެ ރޭ ގެނެސްދޭ ދިލާސާ ޕްރޮގްރާމްގައި މިދިޔަ ހަފްތާގެ މައުޟޫޢުއަކީ އުނގަންނައިދިނުމަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތެވެ. މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީނިއަރ ޕޮލިސީ ޑައިރެކްޓަރ، މޫސާ އާދަމް ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމްގެ ފެންވަރު ކަށަވަރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން މިހާރުވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމްތަކުން 4-3 ދުވަސް ވަންދެން ސްކޫލްތަކަށް ޒިޔާރަތްކޮށްގެން ޙާލަތު ދެނެގަންނަކަމަށް ވިދާޅުވިއެވެ.

އުނގެނުމަށް ނުވަތަ އުނގަންނައިދިނުމަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި އާބާދީއަށް ބެލުމެއްނެތި ހުރިހާ ޚިދުމަތެއް ދެވޭނެގޮތް ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެކެވެ.  އެގޮތުން ސެޓަލައިޓް ސްކޫލްތަކަކީ ސްކޫލްތައް ނެތް ރަށްތަކުގައި އުނގެނުމަށް މަގުފަހި ކޮށްދީ ޢިލްމު ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ ތަޢުލީމީ ނިޒާމެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރ، މޫސާ އާދަމް ފާހަގަކުރެއްވިއެވެ.

ކަނޑުދަތުރުކޮށްފައި ބޮއްކުރާއެއްގައި ދަރިފުޅު ގޮވައިގެން އެހެން ރަށަކަށް ތަޢްލީމް ފޯރުކޮށްދިނުމަށް އުފުލި ތަކްލީފްތަކަށް ނިމުން އައިސްފައިވަނީ ދާދި ފަހުން ތަޢާރަފްކުރެވުނު ސެޓެލައިޓް ސްކޫލްގެ ނިޒާމުން ރާއްޖޭގެ 3 ރަށެއްގެ ކިޔަވައިދިނުން ފެށިގެން ވަނީ ގޮސްފައި. މި ނިޒާމުގެ ސަބަބުން ސްކޫލްތަކުގައި ޒަމާނީ ޓެކްނޮލަޖީގެ އެހީތެރިކަން ލިބިގެންދޭ.  ޕޭރެންޓް ސްކޫލްތަށް ކަމުގައިވާ މާލޭ ސްކޫލްތަކާއި ހުރަވީ ސްކޫލްގެ ޓީޗަރުންގެ އެހީތެރިކަން އެޓޭޗްކުރެވުނު ރަށްރަށުގެ ސްކޫލްތަކަށް ލިބި ކިޔަވައިދިނުން ކުރިޔަށްގެންދިޔުން ފަސޭހަވެގެންދޭ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެެނެރަލް، މަރިޔަމް ނާސިރު ވިދާޅުވީ ސްކޫލްތަކުގެ ޙާލަތު ވަޒަންކުރުމުގައި ބަލަނީ 5 ދާއިރާއަކަށް ކަމަށެވެ. ހުރިހާ ކުދިން ޝާމިލްކޮށްގެން އުނގެނުމާއި އުނގަންނައިދިނުމުގެ ކަންކަން ކުރިޔަށްގެންދިޔުމާއި ކޮންމެ ކުއްޖަކަށް ޢިލްމު ހޯދުމަށް މަގުފަހި ކޮށްދިނުމަކީވެސް ވަޒަންކުރުމުގައި ބެލިގެންދާ ދާއިރާއެކެވެ. ސަލާމާތްތެރި ރައްކާތެރި މާހައުލެއް ޤާއިމްވެފައިވާކަން ކަށަވަރުކުރުމާއެކު ސްކޫލްތަކާއި ބެލެނިވެރިންނާއި މުޖުތަމަޢާ އޮންނަ ގުޅުމަކީ ކޮބައިކަންވެސް ދެނެގަނެވޭކަމަށް ވިދާޅުވިއެވެ.

މި ކަންކަން ދެނެގަނެ ވަޒަންކުރުމަށްފަހު ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމްއާއި ސްކޫލްގެ ހިންގުންތެރިކަން ހުރިގޮތް އަދި ރަނގަޅުކުރަންވީ ކަންކަން ކިޔައިދެވި ޙިއްސާކުރެވި މިނިސްޓްރީގެ ޑިޕާޓްމެންޓްތަކާއި، ސެކްޝަންތަކަށްވެސް ރިވިއުތަށް ޙިއްސާކޮށް އިތުރަށް ކުރަންޖެހިފައިވާ ކަންކަމާމެދު މަޝްވަރާތަށްވެސް ކުރެވިގެންދާކަމަށް މަރިޔަމް ނާސިރު ވިދާޅުވިއެވެ.

އަދި ވަށާޖެހޭ ތަޢްލީމެއް ފޯރުކޮށްދިނުމަކީ މުހިއްމުކަމެއް ކަމުގައި މިނިސްޓްރީއިން ދެކޭއިރު ދިރިއުޅުމަށް ތައްޔާރުކުރުމަށާއި، ޢަމަލީ ތަޖްރިބާތައް ފޯރުކޮށްދީ ހުނަރުތައް އަށަގެންނެވުމަށްޓަކައި، ކްލާސްތަކުގައި ފޮތްތަކުގެ އިތުރުން މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި ވަށާޖެހޭ ތަޢުލީމް ފޯރުކޮށްދެވެން އަންނަނީ އެއްދަންފަޅިއަކަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކުރެވިގެންކަމަށްވެސް ވިދާޅުވިއެވެ.

ދެ ސެޝަނަކަށް އޮތުމުން ބެލެނިވެރިންނާއި، މުދައްރިސުން އަދި ދަރިވަރުންނަށްވެސް ތަކްލީފްތަކާއި ކުރިމަތިވާކަމަށް ފާހަގަކުރޭ. އެއްދަންފަޅިއަކަށް ކިޔަވައިދިނުމުން ހުރިހާ ދަރިވަރުންވެސް ޙަރަކާތްތަށް ނިންމާލާފައި ގެޔަށް އައިސް އެހެންކަންކަމަށް ޢާއިލާއެކުވެސް ވަގުތު ހޭދަކުރެވޭ

ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ބަލާއިރު ޖުމްލަގޮތެއްގައި 216 ސްކޫލް ޤާއިމްކުރެވިފައިވާއިރު އޭގެތެރެއިން 160 ސްކޫލްތަކަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަށްކަމަށް އެޑިއުކޭޝަން ފައިނޭންސިންގެ އެގްޒެކެޓިވް، ނައުޝާދް އިބްރާހީމް ވިދާޅުވިއެވެ. އަދި ތަޢުލީމަށް ކުރާ ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫންކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ. ޤައުމު އާރާސްތުކުރުމުގައި ކުރެވޭ މަސައްކަތުގައި 38 ޕްރޮޖެކްޓެއް ނިމިފައިވާއިރު އޭގެތެރޭގައި 182 ކިލާސްރޫމާއި 11 މަލްޓިޕާޕަސް ހޯލް އަދި 29 އެހެނިހެން ވަސީލަތްތަށް ހިމެނެއެވެ. ޕެންޑަމިކްގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލައިގެންވެސް އިންފްރާސްޓްރަކްޗަރ ފުރިހަމަކުރުމަށް މަސައްކަތްކުރެވިފައިވާކަން މިކަމުން އެނގިގެންދެއެވެ.

އުނގެނުމަށް ނުވަތަ އުނގަންނައިދިނުމަށް ފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަށް ބަލައިގަނެ ރަނގަޅު ދަރިންތަކެއް ބިނާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *