"ޔޫތް އޮން ދަ މޫވް"ގެ ފަރާތުން "ސްޓްރެންތަނިންގ ލައިފް ސްކިލް ފޯރ ޔޫތް"ގެ ނަމުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްއެއް ފަށައިފިއެވެ.
ހިލޭ ސާބަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްއަކީ، މުޅި ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްއެކެވެ. ޔޫތް އޮން ދަ މޫވްގެ ޗެއަރ ޕާސަން ރިފްޝާން އަލީ ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާރު މި ޕްރޮގްރާމް 3 ސްކޫލެއްގެ ދަރިވަރުންނަށް ވަނީ ބާއްވާފައިކަމަށެވެ. އެއީ ބިލެއްދޫ ސްކޫލް، އިސްކަންދަރު ސްކޫލް އަދި ތޮއްޑޫ ސްކޫލެވެ. މީގެ އިތުރުން އެހެން އަތޮޅުތަކުގެ ސްކޫލްތަކުން މި ޕްރޮގްރާމް ބޭއްވުމަށް އެދިފައިވާކަންވެސް ރިފްޝާން ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމަކީ ދަރިވަރުންނަށް ވަރަށް މުހިއްމު ޕްރޮގްރާމެއްކަން ފާހަގަކުރަމުން ރިފްޝާން ވިދާޅުވީ، ސްކޫލްތަކުން ދަރިވަރުންގެ ކިޔެވުމަށް އިސްކަންދޭ މިންވަރަށް ދިރިއުޅުމަށް ބޭނުންވާ މުހިއްމު ހުނަރުތައްވެސް ދަސްކޮށްދޭންވާނެއެވެ.
"ސްކޫލްތަކުން އެކި ކޯރ ކަރިކިއުލާ އެކްޓިވިޓީސް އާއި އެކަޑެމިކް އެކްޓިވިޓީސްތައް ބާއްވާ. އެހެންނަމަވެސް ލައިފް ސްކިލްސްގެ ހުނަރުތައް އެންމެ އެކަށީގެންވާ ގޮތުގަ ދަސްކޮށްނުދެވޭ."
މި ޕްރޮގްރާމް ކުރިއަށް ގެންދާއިރު އެކި އުކުޅުތައް ދަސްކޮށްދީ ދަރިވަރުންނާއިއެކީ، އެކި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރުން ކުރިއަށް ގެންދާނެކަން ރިފްޝާން ފާހަގަކުރެއްވިއެވެ.
ދިރިއުޅުމަށް ބޭނުންވާ މުހިއްމު ސިފަތަކާއި ހުނަރުތައް ފުރިހަމަވެފައިވާ ޝަހްސިއްޔަތަކަށްވުމަށް އެހީތެރިވެދޭ މި ޕްރޮގްރާމްގައި، މިފަދަ އެތައް މުހިއްމު ހުނަރުތަކެއް ދަސްވެގެންދާނެއެވެ. އެގޮތުން ލީޑަރޝިޕް ކޮމިއުނިކޭޝަން، ޕްރޮބްލަމް ސޯލްވިންގ، އޭންގަރ މެނޭޖްމެންޓް ފަދަ މުހިއްމު ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނުވިގެންދާނެއެވެ. މީގެ އިތުރުންވެސް ދިރިއުޅުމުގެ އިތުރު ހުނަރުތައް މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނަށް ދަސްވެގެންދާނެއެވެ.

ރިފްޝާން ފާހަގަކުރެއްވި ގޮތުގައި މި ޕްރޮގްރާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދަރިވަރުން މި ޕްރޮގްރާމްގައި ކުރިއަށް ގެންދާ ސެޝަންތަކަށް ދޭ އެއްބާރުލުމެވެ. ހަމައެހެންމެ މި ޕްރޮގްރާމްގެ ތެރެެއިން ލީޑަރުންތަކެއް އުފެދިގެން އައުމެވެ.
"ބައެއް ދަރިވަރުންނަކީ ކަންކަމުގައި ފަސްޖެހޭ ދަރިވަރުން. އަޅުގަނޑުމެން މި ކުދިންނާ ވާހަކަ ދައްކާލާ އެކްޓިވިޓީސްތަކުގައި އުޅެލީމަ ފާހަގަވި މިކުދިންގެ ކިބައިގަވެސް ލީޑާރޝިޕް ކޮލިޓީސް ހުރިކަން. މި ކުދިން ބޭނުންވަނީ ކުޑަ ޕުޝްއެއް. އަޅުކަނޑުމެން މި ދެނީ މި ކުދިންނަށް މި ޕުޝް."
ރިފްޝާން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ފުރުސަތުތައް ލިބޭ މިންވަރު ދަށްކަން ފާހަގަކުރައްވަމުން ރިފްޝާން ވިދާޅުވީ، މި ޕްރޮގްރާމްގައި އެއްވެސް އަތޮޅެއް އިސްތިސްނާ ނުކޮށް ހަމަހަމަކަމާއިއެކީ ކުރިއަށް ގެންދިޔުމަށް އިސްކަމެއްދޭނެއެވެ.
"ސްޓްރެންތަނިންގެ ލައިފް ސްކިލް ފޯރ ޔޫތު" ޕްރޮގްރާމަކީ ޤާބިލް ޒުވާނުންތަކެއް އުފެއްދުމަށް މުހިންމު ހުނަރުތައް ދަސްކޮށްދީ އަށަގަންނުވާ ޕްރޮގްރާމްއެކެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޒުވާން އައު ޖީލެއް އުފައްދާ، އިސްނެގުމާއި އިސްވެއުޅުމުގެ އުކުޅުތައް ދަސްކޮށްދީ ފަރުދީ ގޮތުން ހޭލުންތެރި ޒުވާނުން އުފައްދާ، އެ ޒުވާނުން ހިޔާރު ކުރަންވީ މަގު ކޮށައިދިނުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދެވެ.
advertisment
ހިޔާލު