ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުން، ގައްދޫގައި ހުންނަ، ގދ.އަތޮޅު ސްކޫލުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފަށައިފިއެވެ.
މި ދިޔަ މަހު ފެށި މި ޕްރޮޖެކްޓްގެ ދަށުން، ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ކްލާސްރޫމްތަކުގައި މުށިޖެހުން، ޕްލޭ އޭރިއާ ހެދުން، ސްކޫލް އިމާރާތް އަލިކުރުން، ސްކޫލް ސަރަހައްދު އަލިކުރުން އަދި ސްކޫލުގެ އެކި ތަންތަނުގައި އޭސީ ހަރުކުރުން ހިމެނެއެވެ.

މި މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް ނިމިފައިވަނީ ސްކޫލް ތެރެ އަލިކުރުމަށާއި ސްކޫލް ސަރަހައްދު އަލިކުރުމަށް ބޮކި ހަރުކުރުމުގެ މަސައްކަތެވެ. ހަމަމިއާއެކު، ހަތަރު ކްލާސްރޫމެއްގައި މުށި ޖެހުމާއެކު، ފަސް ތަނެއްގައި އޭސީވެސް ވަނީ ހަރުކޮށްފައެވެ.
އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ބާކީ ހަތަރު ކްލާސްރޫމުގެ މުށި ޖެހުމާއި، އިތުރު ހަތަރު ތަނެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތާއި، ޕްރީސްކޫލް ކުދިންގެ ޕްލޭ އޭރިއާގެ މަސައްކަތްތައް ހިމެނެއެވެ.

ސްކޫލުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ދަރިވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން، އެ ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ނާހިދާ ވިދާޅުވީ، މި މަސައްކަތްތަކުގެ ސަބަބުން ވަރަށް ގިނަ ދަތިތަކަކަށް ހައްލު ލިބިގެންދާނެކަމަށެވެ. އެގޮތުން، ސްކޫލާއި ސްކޫލް ސަރަހައްދުގައި އަލި ކަމެއް ނެތުމުގެ ސަބަބުން، ސްކޫލުގެ ބައެއް ހަރަކާތްތައް ބޭއްވުމަށް ދިމާވި ދަތި ތަކަށާއި، ކްލާސްރޫމުގައި މުށި ޖެހުމުން، ހިރަފުހުން ދަރިވަރުންނަށް ލިބެމުންދިޔަ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެ ސްކޫލް ހުންނަނީ ހޫނު ގަދަ ހިސާބެއްގައިކަން ފާހަގަކުރައްވާ އޭސީ ހަރުކުރެވުމަކީ، މުދައްރިސުންނާއި ދަރިވަރުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއްކަންވެސް ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، އައު އިމާރާތުގައި ޕްލޭއޭރިއާ ހެދިފައިވީނަމަވެސް، ބައެއް ކަންތައްތަކުގެ ސަބަބުން އެންމެ ބޭނުންތެރިގޮތުގައި އޭރިއާ ބޭނުންކުރެވެމުން ނުދާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަލަށް ހަދާ ޕްލޭއޭރިއާއިއެކު ޕްރީސްކޫލް ކުދިންނަށްވެސް ހިތްހަމަޖެހުމާއެކު ކުޅެލެވޭނެ މާހައުލެއް ލިބިގެންދާނެކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
ގދ.އަތޮޅު ސްކޫލުގައި ޖުމްލަ 305 ދަރިވަރުން ތަޢުލީމު ހާސިލް ކުރަމުންދާއިރު، އެ ސްކޫލުގައި އުންގަންނައިދެނީ ފައުންޑޭޝަން ސްޓޭޖުން ގްރޭޑް 10 އަކާ ހަމައަށެވެ.
advertisment
ހިޔާލު