ދަރުމައަށް މަސައްކަތްކުރުމުގެ ފުރުޞަަތު ލިބުމުން ދަރިވަރުންނަށް ކުރިއެރުން ލިބޭ – ވައިސް ޗާންސެލަރ

އެމެ.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް. ފޮޓޯ: ޓުވިޓަރ

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމެ.އެން.ޔޫ) ގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރެއިން ދަރުމައަށް މަސައްކަތްކުރުމުގެ ފުރުޞަަތު ލިބުމުން ދަރިވަރުންނަށް ކުރިއެރުންތަކެއް ލިބިގެންދާކަމަށް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެންޔޫގެ ދުރުމީ މަޖައްލާގައި ޝަރީފް ލިޔުއްވާފައިވަނީ މަތީ ތަޢުލީމު އުނގަންނައިދޭ މަރުކަޒުތަކުގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ ދަސްވެނިންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުންކަމަށެވެ.

ތަޢުލީމުގެ އިތުރަށް ބޭނުންވާ ހުނަރާއި ޤާބިލް ސިފަތައް ހޯދައިދީ ކުރިއަރުވާ މަގުކޮށުމަށް ހަމައެކަނި ކްލާހުގައި ލިބިގަންނަ ފިލާވަޅަކުން އެކަނި ފުރިހަމަ ނުކުރެވޭނެކަން އެކި މުފައްކިރުން ވަނީ ސާބިތުކޮށްދީފައިކަން ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

"ކިލާހުން ބޭރުގައި، އެކިއެކި ޙަރަކާތްތައް ރާވާ އިންތިޒާމުކޮށް، ޢިލްމީ ބަހުސްތަކުގައި ބައިވެރިވެ، އަދި ތަފާތު ޚިޔާލުތައް ފައްކާކޮށް ތަރައްޤީކުރަން އެހެން ދަރިވަރުންނާއިއެކު ހޭދަކުރާ ވަގުތަކީ މަތީ ތަޢުލީމުގެ ތަޖުރިބާގެ ވަރަށް މުހިއްމު ބިންގަލެކެވެ. ޔުނިވަރސިޓީއިން ދަރިވަރުންނަށްކުރާ ފައިދާތަކާއި ދަސްވެ ތަރައްޤީވާ ހުނަރުތަކަށް ބަލާއިރު އޭގެ ތެރޭގައި ދޭދޭ މީހުންނާ މުޢާމަލާތުކުރުން، ހިންގުންތެރިވުން، މަޢުލޫމާތު ހޯދާ ދިރާސާ ކުރުން، މީހުންނާ އެކުގައި މަސައްކަތްކުރުން، އަމިއްލައަށް އިސްނެގުން އަދި އުފެއްދުންތެރި ބިނާކުރަނިވި ވިސްނުން ފަދަ ހުނަރުތައް ހިމެނެއެވެ."

އެ މަޖައްލާގެ "ގަލަންދާން" ކޮލަމްގައި ވައިސް ޗާންސެލަރ ލިޔުއްވާފައިވެއެވެ.

މިފަދަ ހުނަރުތަކަކީ ވަޒީފާގެ މައިދާނުގައި ރަނާއި، މުތާއި ޖަވާހިރަށްވުރެ އަގުހުރި އެއްޗެއްކަމަށް ސިފަކުރައްވާ ވައިސް ޗާންސެލަރ ލިޔުއްވާފައިވަނީ ވަޒީފާ ދޭމީހުން ބަލާ އެންމެ މުހިއްމު އެއްކަމަކީ އެމީހަކަށް ލިބިފައިވާ ހުނަރުވެރިކަމާ ތަޖުރިބާތަކެވެ.

ދަރިވަރުންގެ ނަފްސީ ތަރައްޤީއަށް އަދި ކެރުންތެރިކަމަށް ކުރިއެރުންތަކެއް ޔުނިވަރސިޓީގެ ދައުރުން ލިބިގެންދާ ކަމަށްވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރުމައަށް މަސައްކަތްކުރުމުން މުޖްތަމަޢުގައި ދިރިއުޅެމުންދާ އެކި ފަރުދުންނާ އޮންނަ ގުޅުން ބަދަހިވެ، ތަފާތު މިޒާޖުގެ އެކި ކަންކޮޅުތަކުގެ ދަރިވަރުންނާއެކީ އުޅެން ދަސްވެގެންދާނެކަމަށެވެ. ނަތީޖާއަކަށްވަނީ ދުނިޔެއަށް ލޯހުޅުވި، މުސްތަޤުބަލަށް ފައިދާ ކުރާނޭ ޕްރޮފެޝަނަލް ވިޔުގަތަކެއް އުފެއްދުމަށް މަގުފަހިވުމެވެ.

އެމެއެންޔޫގެ ދިރާސީ އަހަރުގެ ކިޔެވުން މާދަމާ ފެށުމަށް ތައްޔާރުވަމުންދާއިރު ވައިސް ޗާންސެލަރ ދަރިވަރުންނަށް ދެއްވާ މެސެޖް ކުރުވެފައި ވަރަށް ފުރިހަމައެވެ.

"މަތީ ތަޢުލީމަކީ ހަމައެކަނި ފޮތަކުން، ކިލާހަކުން، އެދުރަކުން، ސެޓިފިކެޓަކުން ނިންމާލެވޭނޭ ތަޖުރިބާއެއް ނޫންކަމެވެ. މި ތަޖުރިބާގެ މަންފާ އަދި ފުރިހަމަ ބޭނުން ކުރެވޭނީ ދަރިވަރުން އަމިއްލައަށް މިތަޖުރިބާ ފުޅާކުރަން މަސައްކަތްކުރިވަރަކުންނެވެ."

ވައިސް ޗާންސެލަރގެ އުންމީދަކީ ފެށޭ ދިރާސީ އަހަރަކީވެސް ޔުނިވަރސިޓީން ދެވޭ ތަޢުލީމްގެ ފެންވަރު ރަނގަޅު އަދި ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ލިބިގެންދާނެ އަހަރަކަށްވުމެވެ.

 

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވީސީ އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. ޤައުމީ ޔުނިވަރސިޓީގެ ދިރުމަކީ ސަރ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *