ބައެއް ސްކޫލްތަކުން ކޮންމެ ދުވަހަކު ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެނީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ބައެއް ސްކޫލްތަކުން ނިންމައިފިއެވެ.

ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމި ސްކޫލްތަކުގެ ތެރޭގައި ހިރިޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ހިމެނެއެވެ. އިމާދުއްދީން ސްކޫލުން ވަނީ ނިމިގެންދިޔަ ހަފްތާއިން ފެށިގެން ސްކޫލަށް ކޮންމެ ދުވަހަކު ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާފައެވެ.

ދެވަނަޓާމުގެ ކިޔެވުން ފެށުމާއެކު ދެ ދުވަހުން އެއްދުވަހު ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފެށީ މާލެ ހިމެނޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމައި ހިރިޔާ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ނޯޓްގައި ބުނެފައި ވަނީ ކުރިން ކިޔަވައި ދިން ވަގިތަށްވުރެ ދަންފަޅި ކުރުވާނެ ކަމަށެވެ. ގުރޭޑް އެކަކާއި ދޭއް، އަދި ތިނެއްގެ ދަރިވަރުންނަށް ކިޔެވުން 12:50 އިން 4:15 އަށް ކުރިއަށް ގެންދާއިރު، ހަތަރެއް، އަދި ފަހެއްގެ ދަރިވަރުންނަށް ކިޔެވުން ކުރިއަށް ގެންދާނީ 12؛50 އިން ހަވީރު 4:25 އަށެވެ. ގުރޭޑް 6 ން މަތީގެ ދަރިވަރުންގެ ކިޔެވުން ހެނދުނު 6:50 ގައި ފަށާއިރު، ހައެއްގެ ދަރިވަރުން ނިމެނޭނީ 11:40 ގައެވެ. 7 އާއި 8 ގެ ދަރިވަރުންނަށް ނިމޭނީ 2:15 ގައެވެ. ނުވައެއް އަދި 10 ގެ ދަރިވަރުން ނިމެނީ 12:25 ގައެވެ.

އިސްކަންދަރު ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖްގައި ބުނެފައި ވަނީ ގުރޭޑް ހަޔަކުން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުވާންޖެހޭނީ 6:55 އަށް ކަމަށެވެ. އަދި ބުނެފައި ވަނީ ނިމޭގަޑި ޓައިމްޓޭބަލްގައި ހިމަނާފައިވާނެ ކަމަށާއި، ބެލެނިވެރިން ކުދިން ބަލާ އަންނަންވާނި ޓައިމްޓޭބަލްގައިވާ ގަޑީގެ 10 މިނިޓް ފަހުން ކަމަށް ކަމަށެވެ. ޓައިމް ޓޭބަލް ގުލާސްތަކުގެ ގުރޫޕްތަކަށް މާދަމާ ފޮނުވާނެ ކަމަށް ވެސް އެ ސްކޫލުން ބުނެފައިވެއެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުން ދަނީ ހުރިހާ ދަުވަހު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައި ދެމުންނެވެ. އެއީ އެލްޖޭން ފެށިގެން ގުރޭޑް 10އާ ހަމައަށެވެ.

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ނައީމާ ވިދާޅުވި ގޮތުގައި، ހުރިހާ ދުވަހަކު ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ނިންމީ ދަންފަޅި ކުރުކޮށްގެން ދެ ދުވަހުން އެއްދުވަހު ކިޔަވައިދޭން ޖެހުމުން ހަފްތާއަކު ކޮންމެ މާއްދާއަކުން ކިޔަވައިދެވެނީ އެންމެ ގަޑިއިރެއް ކަމަށް ވާތީއެވެ.

" ހަފްތާއަކު ދެ ދުވަހު، މާއްދައަކަށް އެންމެ ގަޑިއިރެއް ނަގައިގެން ކޮންޓެންޓް ކަވަރެއް ނުކުރެވޭ" ނައީމާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ނައިމާ ވިދާޅުވީ ކޮންމެ ދުވަހަކު ދަރިވަރުން ހާޒިރުކޮށްގެން ކިޔެވުން ކުރިއަށްދާއިރު، ކޮވިޑްއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދޭނެ ކަމަށާއި، އެންމެ އިސްކަމެއް ދޭނީ އެކުދިންގެ ރައްކާތެރިކަމަށެވެ.

ކޮވީޑް ކޭސްތައް އިތުރުވަމުންދިއުމާއެކު ދެ ހަފްތާގެ މުއްދަތަށް އޮންލައިންކޮށް ކިޔަވައިދޭން ބައެއް ސްކޫލްތަކުން ވަނީ ހުސްވި ހަފްތާގައި ފަށާފައެވެ. އޮންލައިންކޮށް ކިޔަވައިދޭން ފެށި ސްކޫލްތަކުގެ ތެރޭގައި ބްރައިޓްވޭ އާއި ގިޔާސުއްދީން ސްކޫލް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *