ދެކުނު އޭޝިޔާގައި، 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން މިވަގުތު ދޭ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ: ޔުނިސެފް

ދެކުނު އޭޝިޔާގައި، 12 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން މިވަގުތު ދޭ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެކަމަށް ޔުނިސެފުން ބުނެފިއެވެ.

ކުޑަކުދިންނަށް ކޮވިޑް-19 އިން ސަލާމަތް ކުރާނެ ގޮތްތަކާގުޅޭ ގޮތުން ބެލެނިވެރިންގެ ސުވާލުތަކަށް ޔުނިސެފްގެ ސިއްޙީ މާހިރުން ވަނީ ޖަވާބު ދީފައެވެ.

ޔުނިސެފުން ބުނީ ކޮވިޑްގެ ގިނަ ކޭސްތަކުގައި ކުޑަކުދިންނަށް ބަލީގެ އަސަރު ކުރާވަރު ކުޑަކަމަށާއި، ހޮސްޕިޓަލުގައި އެދުމަތި ކުރަންޖެހޭ މިންވަރުވެސް މަދުކަމަށެވެ. ދެކުނު އޭޝިޔާގައި ކޮވިޑް-19އަށް ފައްސިވާ މިންވަރު އިތުރުވެފައިވާއިރު، މި ވައިރަސް ޖެހޭ ކުޑަކުދިންގެ އަދަދުވެސް ފައްސިވާ ބޮޑެތި މީހުންނާ އަޅާބަލާއިރު، އިތުރުވި ކަމަށް ޔުނިސެފުން ބުނެއެވެ. ނަމަވެސް ބަލީގެ ކުރީގެ ރާޅުތަކަށްވުރެ އިތުރު އަދަދަށް ކުޑަކުދިން މި ވައިރަސް ޖެހޭކަމަށް ސާބިތު ކުރެވޭވަރުގެ ހެއްކެއް ފެންނަން ނެތް ކަމަށްވެސް ޔުނިސެފުން ބުނެފައިވެއެވެ.

ޔުނިސެފުން ބުނެފައި ވަނީ ކުޑަކުދިންގެ ދިފާޢީ ނިޒާމު ބޮޑެތި މީހުންގެ ދިފާޢީ ނިޒާމާއި އަޅާބަލާއިރު އަދި އުމުރުގެ ގޮތުން ވަރަށް ބޮޑުތަން ތަފާތު ކަމަށާއި، މިވަގުތު ޑަބްލިއުއެޗްއޯއިން ލަފާދީފައި ވަނީ 12 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ބަޔޯޓެކް ވެކްސިން ދޭން ކަމަށެވެ. އަދި ބުނީ، މިލަފާ ބިނާވެފައި ވަނީ މިއުމުރުފުރާގެ ކުދިންނަށް ވެކްސިނުން ލިބޭ ރައްކާތެރިކަމާއި އެދެވޭ ނަތީޖާގެ މައްޗަށެވެ. ނަމަވެސް މިވަގުތު  ޑަބްލިއުއެޗްއޯ އިން ބާރުއަޅަނީ ޤައުމުތަކުން އެޤައުމެއްގެ ހައިރިސްކް ކެޓަގަރީގެ ބޮޑުބަޔަކަށް ވެކްސިންޖެހުމަށްފަހު، ކުދިންގެ ތެރެއިން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ވެކްސިންޖެހުމަށް އިސްކަންދިނުމަށެވެ. ހައިރިސްކް ކެޓަގަރީގެ ގޮތުގައި ބަލަނީ އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރަމުންދާ މީހުންނެވެ.
ޔުނިސެފުން ބުނީ، ދެކުނު އޭޝިޔާގައި، ކުދިންނަށް ފައިޒަރ ވެކްސިން މިވަގުތު ދޭ ހަމައެކަނި ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
ފައިޒަރ ވެކްސިނަކީ 18 އަހަރުންދަށުގެ ކުދިންނަށް ޖެހުމަށް ޑަބްލިއު އެޗްއޯއިން ހުއްދަދިން ހަމައެކަނި ވެކްސިނެވެ. މި ވެކްސިނަކީ އާންމުކޮށް ދެކުނު އޭޝިޔާގެ ޤައުމުތަކުން ލިބެން ހުރި ވެކްސިނެއް ނޫން ކަމަށްވެސް ޔުނިސެފުން ބުނެފައިވެއެވެ.

އެހެން ވެކްސިންގެ އަޖުމަބެލުމަށް ކުރެވުނު ދިރާސާތަކުގައި ކުޑަކުދިން ބޭނުންކޮށްފައި ނުވުމުން، އެ ވެކްސިންތަކުގެ އަސަރު ކުޑަކުދިންނަށް ކުރާނެ ގޮތަކާއި ވެކްސިންގެ އަސަރު ދެމިހުންނާނެ މުއްދަތެއް އަންދާޒާކުރާނެ ދިރާސާއެއް އަދި އެކަމާއިބެހޭ މަޢުލޫމާތެއް ވެސް އެއްވެފައި ނެތްކަމަށް ކުޑަކުދިންގެ ހިމާޔަތުގައި މަސައްކަތްކުރާ އދ ޖަމިއްޔާގެ ދެކުނު އޭޝިޔާގެ އޮފީހުން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *