ކިނބިދޫ ސްކޫލްގެ މަސައްކަތު މީހުން ކަރަންޓީނުވުމާއި ގުޅިގެން އެ ސްކޫލު މުވައްޒަފުން ސްކޫލް ސާފުކުރުމަށް ނުކުމެއްޖެއެވެ. އެ ސްކޫލުގައި ޖުމްލަ 5 މަސައްކަތު މީހުން ހަރަކާތްތެރިވާއިރު މި ވަގުތު ހުރިހާ އެންމެން ތިބީ ހޯމް ކަރަންޓީނުގައިކަމަށް އެ ސްކޫލް ޕްރިންސިޕަލް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
ސްކޫލް ކުނިކެހުމާއި، ކްލާސްތައް ފޮޅުން، ފާހާނަ ސާފުކުރުމުގެ އިތުރުން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ސްކޫލް މުވައްޒަފުންނެވެ. މަސައްކަތު މީހުން ވަޒީފާއަށް ނުކުންނަންދެން މި މަސައްކަތް ކުރަމުންދާނީ ސްކޫލު މުވައްޒަފުންކަމަށް އެ ސްކޫލް ޕްރިންސިޕަލް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް މި ދުވަސްކޮޅު ކްލާސް ރޫމް ޑިސްއިންފެކްޓް ކުރުމުގެ މުހިންމުކަންވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
" މި ދުވަސްކޮޅު ކޮންމެ ދުވަހަކު ޖެހޭނެ ކްލާސްތައް ޑިސްއިންފެކްޓް ކުރަން. ރަށުގައި ވަރަށް ހަލުވިކަމާއެކު ކޮވިޑްދަނީ ފެތުރެމުން."
އަހްމަދު އަބްދުﷲ ވިދާޅުވިއެވެ.
ކޮންމެ ދުވަހެއްގެވެސް ހަވީރު 5:00 އިން 6:00 އަށް ހުރިހާ މުވައްޒަފުން ނުކުމެ މުޅި ސްކޫލް ސާފުކޮށް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މި މަސައްކަތަށް މުވައްޒަފުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން އެ ސްކޫލުއިންވަނީ ފާހަގަކޮށްފައެވެ.
advertisment
ހިޔާލު