ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ "ފައްސިޔަ" ޕްރޮގްރާމްގެ ދަށުން، ގްރޭޑް 10 އަދި 12 ގެ ދަރިވަރުންނަށް ދިވެހި ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހި ކޭމްޕުގެ މަޤްސަދަކީ، އެސްއެސްސީ އަދި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް، އިމްތިހާނާބެހޭ މަޢުލޫމާތު އޮޅުންފިލުވައިދީ އިމްތިހާނުގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް، މާއްދާ ރަނގަޅަށް ފަހުމް ކޮށްދިނުމެވެ. މި ކޭމްޕުގެ މުދައްރިސެއްގެ ގޮތުގައި ވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދާރިސް އަންވަރު އިބްރާހީމެވެ.

މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ފިލާވަޅުތަކުގެ އިތުރުން، ކްލާހުން ބޭރުގެ ހަރަކާތްތަކަކާއެކީގައެވެ. މި ކޭމްޕުގައި ދަރިވަރުންނަށް އުނގަންނައިދީފައިވާ ބައިތަކުގެ ތެރޭގައި ދޭހަ، ޙުލާސާ އަދި ލިޔާ އިމްތިހާނު ޕޭޕަރުގެ ތަފާތު ލިޔުންތައް ލިޔާނެ ގޮތްތައް ހިމެނެއެވެ.

ދިވެހި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ، މި މަހު 27ން 29 އަށް ތިން ދުވަހުގެ މުއްދަތަށް ހަތް ދަންފަޅިއަކަށް ބަހާލައިގެންނެވެ. ޖުމްލަ 55 ދަރިވަރުން މި ކޭމްޕުގައި ބައިވެރިވެފައިވެއެވެ.

ކޭމްޕު ކާމިޔާބުކަމާއެކީ ނިންމާލުމުގައި، ބެލެނިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަކަން، ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދިވެހި މުދައްރިސް ފިރާގް ޢަލީ ވިދާޅުވިއެވެ. ދަރިވަރުންނަށް ރިފްރެޝްމެންޓް ފޯރުކޮށްދިނުމާއި، ކޭމްޕް ނަންގަވައިދެއްވަން ވަޑައިގެންނެވި އަންވަރު އިބްރާހީމްގެ ހުރުމާއި ކެއުމުގެ ކަންތައްތަކުގައިވެސް ބެލެނިވެރިން ދެއްވި އެހީއާއި އެއްބާރުލުން ފާހަގަކޮށް، ފިރާގު ޝުކުރު އަދާކުރެއްވިއެވެ.

"ފައްސިޔަ" ޕްރޮގްރާމަކީ، މުޅި އަހަރަށް ބަހާލެވިގެން، އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި، ރ.އަތޮޅު ތަޢުލީމީ މަރުކަޒުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން، އެކި މާއްދާތަކުގެ އިތުރު ގަޑީގެ ހަރަކާތްތައް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
advertisment
ހިޔާލު