މާލޭ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިޔަ "ތައްޔާރުވަމާ" ސިލްސިލާގެ މިއަހަރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓުން ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 18 -35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
"ތައްޔާރުވަމާ" ސިލްސިލާގެ މިއަހަރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުމުގައި 24 ޒުވާނުން ބައިވެރިވެފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓުން ބުނެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި އެ މިނިސްޓްރީން ވަނީ ޒުވާނުންނަށް މުހިއްމު ބައިތަކެއް ހިމަނާފައެވެ. އެގޮތުން އެ ސެޝަންގައި މޯޓިވޭޝަން، ހިލޭ ސާބަހަށް މަސައްކަތްކުރުން ނުވަތަ ވޮލެންޓިއަރިޒަމް، ކެރިއަރ ޕްލޭނިންގ އަދި އިންޓަވިއުގައި ހިމެނޭ މުހިއްމު ބައިތަކުގެ ތެރެއިން ސީވީ ލިޔާނެގޮތާއި އިންޓަވިއުއަށް ތައްޔާރުވުމަށް ހެދުން އަޅާނެ ގޮތާއިގުޅޭ މަޢުލޫމާތު ބައިވެރިންނާ ހިއްސާކޮށް މަޝްވަރާކޮށްފައިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި އިންޓަވިއުގައި ހިމެނޭ މުހިއްމު ބައިތަކުގެ މަޢުލޫމާތު ބައިވެރިންނާ ޙިއްސާކޮށްދެއްވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙުމަދު މުނައްވަރެވެ.

އަދި މި މަސައްކަތު ބައްދަލުވުމުގައި ނަމޫނާ ޝަޙްސިއްޔަތެއް ނުވަތަ ރޯލް މޮޑެލްއެއްގެ ގޮތުގައި މަޢުލޫމާތު ދެއްވާފައިވަނީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގައި ހަރަކާތްތެރިވަމުން އަންނަ އައިޝަތް ތޯއިފާއެވެ. ތޯއިފާ ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި "ޔޫތް އެވަރޑްސް 2021″ ޙާސިލްކޮށްފައެވެ.
މި މަސައްކަތު ބައްދަލުވުމުގައި ފުރިހަމަކޮށްފައިވާ ބައިތައް އެނގޭނެހެން ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓުން ހިންގާ "ތައްޔާރުވަމާ" ސިލްސިލާގެ މިއަހަރުގެ ދެވަނަ މަސައްކަތު ބައްދަލުވުން މިއަންނަ މަހު އޮންނާނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އަމާޒަކީ ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކުވެސް މި ސިލްސިލާގެ މަސައްކަތު ބައްދަލުވުމެއް ބޭއްވުމެވެ.
advertisment
ހިޔާލު