އެމްއެންޔޫ ސްކޫލް އޮފް ނާސިންގެ ޑީންއަކަށް ދެވަނަ ދައުރަކަށް އާޝިޔާ އިބްރާހިމް ހަމަޖައްސައިފިއެވެ.
މި މަގާމު އާޝިޔާއާއި ހަވާލުކޮށްދެއްވީ މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަގާމު އާޝިޔާއާއި ހަވާލުކޮށްދެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަރީފެވެ. އަދި މިއެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީވެސް ވައިސް ޗާންސެލަރއެވެ.
އާޝިޔާ މި މަގާމަށް އައު ދައުރަކަށް އައްޔަންކުރައްވާފައި މިވަނީ އޭނާގެ ހަތަރު އަހަރުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޝިޔާ ވިދާޅުވީ ކުރިއަށްވެސް ވަރަށް ގިނަ ޕްލޭންތައް ރާވައިފައިވާ ކަމަށާއި ކުރިއަށް އޮތްތާގައި ލެކްޗަރާއިންނާއި އެ ފެކަލްޓީގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު އިތުރުކުރުންވެސް ހިމެނޭކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަޑު މި މަގާމަށް އައްޔަން ކުރުމަށް އެމްއެންޔޫއިން ނިންމީ އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާއާއި ވޭތުވެދިޔަ ދުވަސްތަކުގައި ސްކޫލް އޮފް ނާސިންގް ގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާތީ"
އެ ސްކޫލުގެ ކުރިއެރުމަށް ރާވައިފައިވާ ކަންކަމުގެ ތެރޭގައި ނާސިންގ ދާއިރައިން ރިސާޗް މަސައްކަތްތައް ފުޅާކުރުން، ކެމްޕަހުގައި މާސްޓާސް އަދި ޑިގްރީ ކޯސްތަކުގެ ފުރުސަތު އިތުރު ކުރުމާއި، އެ ދާއިރާއިން ޕީއެޗްޑީ ތައާރަފް ކުރުމާއި ޕީއެޗްޑީ ހާސިލް ކޮށްފައިވާ ފަރާތްތައް އިތުރު ކުރުމާއި ސްޕެޝަލައިޒް އެކިއެކި ކޯސްތައް ފަރުމާ ކުރުމާއި، މެންޓަލް ހެލްތާއި ކޮމިއުނިޓީ ނާސިންގ ފެށުމާއި އަދި ނާސިންގގެ އާޓްލެބް އަޕްގްރޭޑް ކުރުން ހިމެނެއެވެ.
އާޝިޔާ އެމްއެންޔޫގައި މަސަކަތް ކުރައްވަމުންދާތާ 23 އަހަރުވެފައިވާއިރު ޔުނިވަރސިޓީގެ އެކި މަގާމްތައް ވަނީ ފުރުއްވާފައެވެ. އެ ގޮތުން ލެކްޗަރާއެއްގެ ގޮތުގައި، އަދި ސިނިއާ ލެކްޗަރާއެއްގެ ގޮތުގައިއާއި، ޑިޕާޓްމަންޓްގެ ހެޑެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވާފައެވެ.
advertisment
ހިޔާލު