ކުދިންނަށް މަސައްކަތް ދަސްކޮށްދީ ޅައިރުއްސުރެ ހީވާގި ބަޔަކަށް ހަދަން ޖެހޭކަމަށް މިއަަދުގެ ޚުތުބާގައި ބުނެފިއެވެ. އިޖުތިމާއީ މަސައްކަތުގައި ދަރިން ބައިވެރި ކުރުމުގެ މައްޗަށް މިއަދުގެ ޚުތުބާ ގެނެސްދިންއިރު އިސްލާމްދީނުގައި މަސައްކަތްތެރިކަމަށް ދީފައިވާ އަހައްމިއްޔަތުކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އިސްލާމްދީން ގޮވައިލަނީ މަސައްކަތް ނުކޮށް، ކަންނެތްވެފައި ނުތިބުމަށްކަމަށާއި މުރާލިކަމާ، ހީވާގިކަމާއެކު ހުއްދަ މަސައްކަތްތައްކޮށް ރިޒްޤު ހޯދައި އުޅުމަށް އިސްލާމްދީނުގައި ބާރު އަޅައި ގޮވާލާކަން އަދި ހަމަ އެފަދައިން އިސްލާމް ދީން ގޮވައިލަނީ މަސައްކަތް ކޮށްގެން ތިމާގެ ދިރިއުޅުން ބިނާ ކުރުމަށްކަން ބަޔާންކޮށްފަައިވެއެވެ.
ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ހުރިހާ ކަމެއްގައިވެސް ފުރިހަމަ ނަމޫނާއެއް މުޅި އުއްމަތަށް ދައްކަވާފައިކަން ބަޔާންކޮށް އެކަލޭގެފާނު ތުއްޕުޅުއިރުން ފެށިގެން މަސައްކަތްޕުޅު ކުރައްވައިފައިވާކަން މިއަދުގެ ޚުތުބާގައި ކިޔައިދީފައިވެއެވެ. އަދި އެހެންމީހުންނަށް މަސައްކަތް ކޮށްދެއްވުމާއި، ވިޔަފާރީގެ މަސައްކަތުގައިވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު ގޭތެރޭގެ ބައެއް މަސައްކަތްތަކާއި، އަމިއްލަފުޅު ބައެއް މަސައްކަތްޕުޅުތަކުގެ އިތުރަށް، ޤައުމީ މަސައްކަތްތަކުގައިވެސް އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިކަން ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
މަސްޖިދުލްނަބަވީ ބިނާ ކުރެއްވުމުގައި ހިލަ އުފުއްލެއްވުމާއި ވެލި އުފުއްލެއްވުން ފަދަ ކަންކަމުގައި އަސްޙާބު ބޭކަލުންނާއެކު މަސައްކަތް ކުރެއްވިއެވެ.އަދި އަޙުޒާބު ހަނގުރާމަ ފެށުމުގެ ކުރިން ޚަންދަގު ކޮންނެވުމުގެ މަސައްކަތުގައި، އެހެން މުސްލިމުންނެކޭ އެއްފަދައިން އެކަލޭގެފާނު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. ރަސޫލާގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަނެ މިކަމުގެ މައްޗަށް ދަރިން ތަރުބިއްޔަތުކޮށް ހޭނުވުމަށް ވަނީ ޙުތުބާގައި ވަޞިއްޔަތް ކޮށްފައެވެ.
މަސައްކަތްކުރުމަކީ ޙައްޤެއް އަދި ޝަރަފެއްކަމުގައި ދެކި ހުއްދަ މަސައްކަތް ކުރުމުގައި ޖެހިލުންވެގެން ނުވާނެކަމަށާއި ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ފުރިހަމަކޮށްކަމާއި އެކަމުގެ ސަބަބުން މީހުންގެ މެދުގައި އިތުބާރުކުރެވޭ މީހަކަށްވެ މާތްﷲ ގެ ރުހިވޮޑިގަތުން ލިބިގެންދާނެކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ނަމަވެސް މުޖުތަމައުގެ ތެރެއިން ގިނައިން ފެންނަމުން ދަނީ، މިއާ ޚިލާފު ގޮތްތައްކަން ފާހަގަކޮށް، ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއް، ތެދުވެރިކަމެއް ނެތި، ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި، ފަރުވާކުޑަކޮށް، އެމަސައްކަތެއް ކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާކަމާއި މިއީ މުސްލިމު މުޖުތަމައުއެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫންކަން ޚުތުބާގައި ބުނެފައިވެއެވެ.
އިސްލާމީ ޙަޟާރަތް ކުރިއަރިއިގެންދިޔައީ މުސްލިމުންގެ މަސައްކަތްތެރިކަމުގެ ސަބަބުންނެވެ. މުސްލިމުން ބިނާކޮށްފައިވާ ކިއްލާތަކާއި ބިނާތަކަކީ މަސައްކަތްތެރިކަމުގެ ނަމޫނާއެކެވެ. މުސްލިމުންގެ މަސައްކަތްތެރިކަމުގެ ފެންވަރު އެތަންތާންގައި ލިޔެވިފައި ހުރި ލިޔުންތަކުންނާއި ކުރަހާފައި ހުރި ކުރެހުންތަކުން ފެނިގެންދެއެވެ.
މިއަދުގެ ޚުތުބާގައި ދިވެހި ކާބަފައިންވަނީވެސް މަސައްކަތް ކުރުމުގައި އިސްލާމީ އުޞޫލްގެ މަތިން ފަރުވާތެރިކަމާއެކު ކަމަށް ކަމޭހިތައިގެން މަސައްކަތް ކޮށްފައިވާ ބައެއްކަމަށާއި މުޖްތަމަޢުއެއް ކުރިއަރާނީ އެމުޖްތަމަޢުއެއްގެ ދަރިން ހުރިހާ ގޮތަކުންވެސް ހަރުދަނާ ބަޔަކަށް ވެގެންކަމަށް ބުނެފައިވެއެވެ. އަދި ހީވާގި، މަސައްކަތްތެރި އަދި އުފެއްދުންތެރި ބަޔަކަށްވެގެންކަން ބަަޔާންކޮށް، އިސްލާމީ ގިއުގަނޑުގެ ތެރެއިން ތަރުބިއްޔަތުދީ މަސައްކަތްތެރިކަމަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އުފެއްދުމަށް ވަނީ މިއަދުގެ ޙުތުބާގައި ނަސޭޙަތްތެރިވެފައެވެ.
advertisment
ހިޔާލު