ކަނޑޫދޫ ސްކޫލްގައި ބެލެނިވެރިންނާއި ދަރިވަރުންނާއެކު ކަސްރަތުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ކަނޑޫދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ/ ކަނޑޫދޫ ސްކޫލް

ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންއެކު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއް ކަނޑޫދޫ ސްކޫލުން ފަށައިފިއެވެ.
ސްކޫލަށް ދަރިވަރުން އައުމުގެ ކުރިން ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމް ބާއްވަނީ ދެ ދުވަހުއެވެ. އެއީ އާދިއްތަ އާއި އަންގާރަ ދުވަހެވެ. އާދިއްތަ ދުވަހު ކުރިއަށް ގެންދަނީ ގްރޭޑް 1 އިން ފެށިގެން 8 ގެ ދަރިވަރުންގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން (އެޗް.ޕީ.އީ) ގަޑިއެވެ. މިގަޑި ނަގައިދެނީ ސްކޫލް ޓީޗަރުންނެވެ. އަންގާރަ ދުވަހު ކުރިއަށް ގެންދަނީ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުނާއެކު ކަސްރަތު ކުރުމުގެ ގަޑިއެވެ. މި ގަޑި ނަގައިދެނީ ބެލެނިވެރީންނެވެ.

ކަނޑޫދޫ ސްކޫލް ޕްރިންސިޕަލް މުހައްމަދު ވަހީދު ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރު ލިބިގެންދެއެވެ. ހަމައެހެންމެ ސްކޫލާއި ބެލެނިވެރިންގެ މެދުގައި ގާތް ގުޅުމެއް އުފެދިގެންދާކަންވެސް ވަހީދު ފާހަގަކުރެއްވިއެވެ.

ކަނޑޫދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ ކަސްރަތުގެ ޕްރޮގްރާމް: ފޮޓޯ/ ކަނޑޫދޫ ސްކޫލް

އެ ރަށު ފުޓްބޯޅަ ދަނޑުގައި ބާއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކޮންމެ އާދިއްތަ އަދި އަންގާރަ ދުވަހެއްގެ ހެނދުނު 6:00 އިން 6:45 އަށެވެ. ވަހީދު ވިދާޅުވި ގޮތުގައި ސްކޫލް ގޯތިތެރެއިން ބޭރުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުން ކުދިންގެ ކިބައިން ޝައުގުވެރިކަމާއި ގަޔާވާކަން ފެނިގެންދެވެ. މީގެ އިތުރުން ހެނދުނު ކަސްރަތުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުން ދަރިވަރުންގެ ސިކުނޑި ތާޒާވެ ކިޔެވުމަށް ސަމާލުކަންދޭ މިންވަރު އިތުރުވާނެއެވެ.
މިހާރު ގިނަ ދަރިވަރުންގެ ސްކްރީން ވަގުތު އިތުރުވެފައިވުމުގެ ސަބަބުން ތަފާތު އެތައް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރަމުން ޕްރިންސިޕަލް ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން މި މައްސަލަތަކަށް ކޮންމެވެސް މިންވަރެއްގެ ހައްލެ ލިބެގެންދާނެއެވެ. ހަމައެހެންމެ މި ޕްރޮގްރާމްގެ ސަބަބުން މުސްތަގްބަލްގައި ރަނގަޅު ފައިދާތަކެއް ދަރިވަރުންނަަށް ކުރުމަކީ، އެ ސްކޫލުގެ އެންމެ ބޮޑު އުންމީދުކަންވެސްވަނީ ފާހަގަކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *