ކަނޑޫދޫ ސްކޫލުން ބަލިތަކާބެހޭ ގޮތުން މައުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފި

މިއަދު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން:ފޮޓޯ/ ކަނޑޫދޫ ސްކޫލް

ތަފާތު ބަލިތަކާބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ތ. ކަނޑޫދޫ ސްކޫލުން، އެ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.

މިއީ އެ ސްކޫލުގެ އިނިކުއަރީ ޓީމުން ކުރިއަށް ގެންދިޔަ ސެޝަންއެކެވެ. 3 ގަޑިއިރުގެ މި ސެޝަންގައި ޑެންގޫ ފަދަ ބަލިތައް ފެތުރޭ ގޮތްތަކާއި މިފަދަ ބަލިތައް ފެތުރެން ދިމާވާ ސަބަބުތައްވަނީ ދަރިވަރުންނަށް ހިއްސާކޮށްފައެވެ. އެ ރަށު ހެލްތް ސެންޓަރުގެ ޑޮކްޓަރ މައުލޫމާތު ދެއްވި މި ސެޝަންގައި އެ ސްކޫލް  ފައުންޑޭޝަން ދަރިވަރުންގެ އިތުރުން ގްރޭޑް 1 އިން 4ގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.
އެސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ވަހީދް ވިދާޅުވި ގޮތުގައި މިފަދަ ސެޝަންތަކުގެ ސަބަބުން ދަރިވަރުންނަށް ބަލިތަކާބެހޭ މައުލޫމާތު ލިބި، ބަލިތަކުން ރައްކާތެރިވުމަށް އަމިއްލައަށްވެސް މަސައްކަތްކުރާނެއެވެ. ދަރިވަރުންގެ ފިލާވަޅުތަކަށް މިފަދަ މައުލޫމާތު ބޭނުންވާކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ މި ސެޝަންގެ ސަބަބުން ޓީޗަރުންނަށް ފިލާވަޅުތައް ކުރިއަށް ގެންދިޔުމަށްވެސް ފަސޭހަވާނެކަމުގައެވެ.
ތަފާތު ބަލިތައް ފެތުރެމުންދާ މި ދުވަސްވަރުގައި ދަރިވަރުންނަށް ބަލިތަކާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައިވެސް ވަހީދު ވަނީ ފާހަގަކުރައްވާފައެވެ. ޓައިމް ޓޭބަލްއެއްގެ ދަށުން ދަރިވަރުންނަށް މިފަދަ ބޭނުންތެރި ޕްރޮގްރާމްތަކެއް ކޮންމެ ހަފްތާއަކުވެސް ކުރިއަށް ގެންދިޔުމަށް ރާވާފައިވާނެކަމަށްވެސް ކަނޑޫދޫ ސްކޫލުންވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *