ބިލެތްދޫ ސްކޫލްގައި ފާހަގަކުރާ ބެލެނިވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެ ސްކޫލްގައި ކިޔަވާ ކޮންމެ ދަރިވަރަކު، އަގުވަޒަން ކުރުމުގެ ކާޑެއް ބެލިނިވެރިންނަށް ދީފިއެވެ.
މިއީ "ބެލެނިވެރިންގެ ދުވަސް" ފާހަގަކުރުމަށް އެ ސްކޫލްގައި އިއްޔެ ބޭއްވި ޚާއްޞަ އެސަމްބްލީގައި ބެލެނިވެރިން ބައިވެރިވީ ލޯބި ރަމްޒުކޮށްދޭ ހާޓެއް ހިމެނޭ ބޭންޑެއް އަޅައިގެންނެވެ. ހުރިހާ ބެލެނިވެރިންނަށް އެ ސްކޫލްގެ މެނޭޖްމަންޓާއި މުދައްރިސުންގެ އިތުރުން ހުރިހާ ދަރިވަރުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ބެލެނިވެރިންނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔަމުންދިޔައިރު، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔާއަށް ދިއްކޮށްލީ މާނައިގެން ފުރިގެންވީ ހިތުގެ ޝުއޫރު ހިމެނޭ ކާޑެކެވެ. މިއީ މުދައްރިސުންގެ އެހީތެރިކަމާއެކު ކުދިން އަމިއްލައަށް ތައްޔާރުކުރި އެކުދިންގެ ހިތުގެ ޝުއޫރުތަކެވެ. މައިންބަފައިން އެކުދިންނަށް ދޭ އެހީތެރިކަމާއި އެއްބާރުލުމާއި ކިޔެވުމަށް ދޭ ސަމާލުކަން ރަމްޒުކޮށްދޭ ކުޑަކުޑަ ހަދިޔާއެކެވެ.
ބެލެނިވެރިންގެ ދުވަހުގެ ޚާއްޞަ ސައި ބޭއްވީ އިއްޔެ ހަވީރު އެ ރަށު އަތިރިމަތީ ސަރަޙައްދުގައެވެ. މިއީ ސްކޫލްގެ ސްޓާފުންގެ ފަރާތުން ބެލެނިވެރިންގެ ޝަރަފުގައި، އެ ސްކޫލަށް ބެލެނިވެރިންގެ ފަރާތުން ކޮށްދޭ ކަންތައްތައް އަގުވަޒަން ކުރުމުގެ ގޮތުން ދިން ސައެކެވެ.

ބިލެތްދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަމީޒު ވިދާޅުވީ ބެލެނިވެރިންގެ ދުވަހެއް ފާހަގަކުރުން މުހިންމު ކަމަށާއި، ދަރިވަރުންނާއި ސްކޫލަށް ބޭނުމެއްޖެހޭ ކޮންމެ ވަގުތެއްގައި އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ބަޔަކީ އެއީ ކަމަށެވެ. އެހެންވެ ބެލެނިވެރިންގެ ދުވަސް ފާހަގަކުރަން އެ ސްކޫލުން ނިންމީ މި އަހަރު އެކުލަވާލި އެ ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައިވެސް ހިމަނައިގެންނެވެ.

" މި ސްކޫލްގެ ބެނިވެރިންނަކީ ނަމޫނާ ބައެއް. ކޮންމެ ކަމަކަށް އެދުނަސް ހެޔޮހިތުން އެކަމެއް އެބަކޮށްދޭ. އަދި ދަރިންނަށް ތަޢުލީމް ދިނުމަށް އެ ބެލެނިވެރިން އެ ދަނީ ނަމޫނާ ދައްކަމުން" ހުސްވި އަހަރުގެ ފަހުކޮޅު ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވި ރަމީޒު ވިދާޅުވިއެވެ.
ޕްރީސްކޫލުން ފެށިގެން ގުރޭޑް 12އަށް ކިޔަވައިދޭ ބިލެތްދޫ ސްކޫލްގައި 36 މުދައްރިސުން މަސައްކަތް ކުރަމުން ގެންދެއެވެ.
advertisment
ހިޔާލު