ބީއެމްއެލް މާފުށި ބްރާންޗުން ގުރައިދޫ ސްކޫލުގެ ސެން ކުލާހަށް ބައެއް ތަކެތި ހަދިޔާކޮށްފި

ކ ގުރައިދޫ ސްކޫލުގެ ސެން ކުލާހަށް ބޭންކް އޮފް މޯލްޑިވްސް މާފުށި ބްރާންޗްގެ ފަރާތުން ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

މި ތަކެއްޗާއި ސްކޫލުގެ ފަރާތުން ހަވާލުވެލެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ސިރާޖުއެވެ.

އެ ކުލާހަށް ބޭންކުގެ މާފުށީ ބްރާންޗްގެ ފަރާތުން ހަދިޔާކޮށްފައިވަނީ "އެޑިއުކޭޝަން ޓޫލްސް"އެވެ. އެއީ ކިޔެވުމަށް ބޭނުންވާ ސާމާނެވެ.

ގުރައިދޫ ސްކޫލުގައި ސެންކުލާހެއް ގާއިމްކުރެވުނީ 2016 ވަނަ އަހަރުއެވެ. މަދު ވަސީލަތްތަކާއިއެކު އަދި ތަމްރީން ވެފައިވާ އެންމެ ޓީޗަރަކާއިއެކު މިސްކޫލުގެ ސެން ކުލާހުގައި ހާއްސަ އެހީއަށްް ބޭނުންވާ ދަރިވަރުންނަށް މިހާރުވެސް އަންނަނީ ކިޔަވައި ދެމުންނެވެ. މިއީ އެންމެންގެ ބޭންކް މިޝިއާރުގެ ދަށުން ސްކޫލްތަކަށް ބޭންކުގެ ފަރާތުން ހަދިޔާ ކުރާ ތަކެއްޗެވެ. އަހަރެންގެ ބޭންކް މިނަމުގައި ކުރިއަށް ގެންދާ މި ކޮމިއުނިޓީ ފަންޑުގެ ދަށުން މި ހަރަކާތަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކުދިންގެ ކިޔެވުމާއި އެހެނިހެން ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ބީއެމްއެލްއިން ގުރައިދޫ ސެން ކުލާހަށް ހަދިޔަ ކުރި ތަކެތި

މިއީ މުޅި ރާއްޖޭގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދާ ސްކޫލުތަކަށް ކިޔަވައި ދިނުމަށް ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ފަހި މާހައުލެއް ބޭއްވުމުގެ މަގްސަދުގައި ބޭންކުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި ކުޅުމުގެ ތެރެއިން އެކުދިން އުނގެނި ތަފާތު ހުނަރު ދަސްކުރުމަށްވެސް ލިބިގެންދާ ވަރަށް ފަހި ފުރުސަތަކަށް މި ފުރުސަތު ވެގެން ދެއެވެ. ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލުގެ ލީޑިންގ ޓީޗަރ ރިޒްމާ ހަސަން ވިދާޅުވި ގޮތުގައި ސްކޫލުތަކަށް ބީއެމްއެލްއިން ތަފާތު ގޮތް ގޮތުން ވެދެމުންދާ އެހިތެރިކަމަކީ ސްކޫލުތަކުން ނުހަނު ބަލައިގަންނަ އަދި ޝުކުރު އަދާކުރައްވާ ކަމެކެވެ. ހަމައެއާއިއެކު މި ފަހަރު ގުރައިދޫ ސްކޫލުގެ ސެން ކުލާހަށް ބީއެމްއެލްގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުން އަދި ސްކޫލުގެ ބެލެނިވެރިންގެ ނަމުގައި ވަނީ ޝުކުރު އަދާކުރައްވަފައެވެ. އަދި މިފަދަ އެހީއަށް އަބަދުވެސް އެ ސްކޫލުން މަރުހަބާ ކިޔާނެކަމަށް ލީޑިން ޓީޗަރ ރިޒްނާ ވަނީ ވިދާޅުވެފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *