އެމް.އެން.ޔޫ.އެސް.ޔޫއިން ގްލޯބަލް ރިސަރޗް ޕްރޮޖެކްޓެއްގައި ރާއްޖެ ތަމްސީލްކުރަނީ

ގްލޯބަލް ސްޓޫޑަންޓް ފޯރަމާއި ގުޅިގެން އެމެރިކާގެ މަޝްހޫރު ހާރވާޑް ޔުނިވަރސިޓީން ކުރިއަށްގެންދާ ގްލޯބަލް ރިސަރޗް ޕްރޮޖެކްޓްގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބައިވެރިވެއްޖެއެވެ.

ގްލޯބަލް ސްޓޫޑަންޓް ފޯރަމަކީ 119 ޤައުމެއްގެ 196 ޔޫނިއަންގެ ރިސަރޗަރުންގެ މައްޗަށް އެކުލެވިގެންވާ ފޯރަމެކެވެ.

މި ރިސަރޗް ބިނާވެފައިވަނީ މަތީ ތަޢްލީމާއި މުޖްތަމަޢުގައި އުފެދެމުންދާ ސްޓޫޑެންޓް ޕޮލިޓިކަލް އޭޖެންސީތަކުގެ މައްޗަށެވެ. މި ރިސަރޗްގެ އަމާޒަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އޮންނަ ސްޓޫޑެންޓް އޭޖެންސީތަކުގައި ދަރިވަރުން ކަންކަން ރާވާ ހިންގުމުގައި އަދާކުރާ ދައުރާއި، ދަރިވަރުން ތަމްސީލްކުރުމާއި، ދަރިވަރުންގެ ސިޔާސަތުތަކުގައި އެކި ޤައުމުތަކުގައި ހުރި ތަފާތުތައް ދެނެގަތުމެވެ.

ރިސަރޗްގައި އިސްކޮށް ތަޙްލީލްކުރައްވަމުން ގެންދަވާނީ ހާރވާރޑް ޔުނިވަރސިޓީގެ ޑރ. މަންޖާ ކްލެމެންސިކްއެވެ. ރާއްޖެ ހިމެނޭ އޭޝިޔާ ސަރަޙައްދުގެ އިސް ރިސަރޗަރެއްގެ ގޮތުން މަސައްކަތްކުރައްވަނީ ކޮމަންވެލްތް ސްޓޫޑެންޓްސް އެސޯސިއޭޝަންގެ ޗެއަރޕާރސަން ޑރ. މުސައްރަތް މައިޝާ ރެޒާއެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ޓީމެއް މި ރިސާރޗްގައި ހަރަކާތްތެރިވަމުން ގެންދެއެވެ. މި ރިސަރޗް ޓީމްގެ ރިސަރޗް ކުރިއަށްގެންދިޔުމުގައި އިސްވާރެއްގެ ގޮތުން މަސައްކަތްކުރައްވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ 2019 ވަނަ އަހަރުގެ ރައީސް އަދި މިހާރުގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު، މުޙައްމަދް ޝާން ޢާމިރެވެ. ޝާންއަކީ ޤައުމީ ޔުނިވަރސިޓީގައި ސިވިލް އިންޖިނިއަރިންގެ ދާއިރާއިން އޮނަރސް ޑިގްރީ ޙާސިލްކޮށްފައިވާ އިންޖީނިއަރެކެވެ. "އާރޓްސް އިން ސޯޝަލް ޕޮލިސީ" ،މާސްޓަރސްގައި ކިޔެވަމުންދާއިރު ޝާންއަކީ ރިސަރޗްކުރުމަށް ޝައުޤުވެރިވާ ދަރިވަރެކެވެ.

 

އެމް.އެން.ޔޫ.އެސް.ޔޫ 2020 ވަނަ އަހަރުގެ އިނަރގްރޭޝަން ރަސްމިއްޔާތުގައި ޝާން ވާހަކަދައްކަވަނީ – ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

ތަޢުލީމީ ޤާބިލިއްޔަތުކަމުގެ އިތުރުން ޝާންއަކީ ލީޑަރޝިޕްގައި ނަމޫނާ ދައްކަމުން އަންނަ ފަރާތެކެވެ.

ސްޓޫޑެންޓް އިމްޕެކްޓް އޮން ހަޔަރ އެޑިއުކޭޝަން ގްލޯބަލީ (އެސް.އައި.އެޗް.އީ.ޖީ)ގެ ޕްރޮޖެކްޓް މިދިޔަ އަހަރު ފަށާފައިވާއިރު ރިސަރޗް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫންމަހުގައިކަމަށް އެސް.އައި.އެޗް.އީ.ޖީ ޕްރޮޖެކްޓުން ހާމަކޮށްފައިވެއެވެ.

ޤައުމީ ޔުނިވަރސިޓީން ދާދި ފަހުން ވަނީ އިނގިރޭސިވިލާތުގެ ޕްލިމަތު ޔުނިވަރސިޓީއާ ދެމެދު މެމަރަންޑަމް އޮފް އަންޑަރސްޓޭންޑިން (އެމްއޯޔޫ) އެއްގައިވެސް ސޮއިކޮށްފަ އެވެ. މި ސޮއިކުުރުމުގައި ދިރާސާކުރުމުގެ ދާއިރާއިން ޙާއްސަ އެހީތެރިކަމެއް ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *