ކެނދިކުޅުދޫ ސްކޫލުގައި ޓަރފްއަޅައި ވޯކްވޭ ހަދައިފި

ކެނދިކުޅުދޫ ސްކޫލް ގައި އަޅައިފައިވާ ޓަރފް؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ނ.ކެނދިކުޅުދޫ ސްކޫލުގެ ޕީއީ ކުޅޭ ބިމުގައި ޓަރފްއަޅައި ސްކޫލުގެ ވޯކްވޭ ހަދައި ނިންމައިފިއެވެ.

މި މަސައްކަތް  މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ފެށިނަމަވެސް، ބޭނުންވާ ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން، އެ މަސައްކަތުގެ ބޮޑުބައިގެ މަސައްކަތް ފަށާފައިވަނީ މިމަހުއެވެ. އެގޮތުން ޓަރފް އެޅުމުގެ މަސައްކަތް މީގެ ދެދުވަސްކުރިން ނިމިފަވާއިރު، ވޯކްވޭގެ މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ.

ކެނދިކުޅުދޫ ސްކޫލުގެ ޓަރފް އެޅުމުގެ މަސައްކަތުގެ ތެރެއިން؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ކެނދިކުޅުދޫ ސްކޫލުގެ ކުޅިވަރުތައް ކުޅޭ ބިމަކީ، މީގެ ކުރިން ޗަކަ ބިމަކަށްވާތީ އެ ބިން ވަނީ މޫދު ވެލިން އެއްވަރުކޮށްފައެވެ. ނަމަވެސް، އެއްވަރުކޮށްފައިވަނީ އަކިރި ވެލިންކަމަށްވުމާއެކު ގިނަ ކުދިންގެ ކަކޫ މަށައިގެން ދިޔުންފަދަ އަނިޔާތައް ވަމުންދިޔައެވެ. އެހެންކަމުން މި ޕްރޮޖެކްޓަކީ ސްކޫލް ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ހިންގާފައިވާ ޕްރޮޖެކްޓެކެވެ.

ކެނދިކުޅުދޫ ސްކޫލުގެ ޓަރފް އެޅުމުގެ މަސައްކަތުގެ ތެރެއިން؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

މި ސްކޫލުގައި އަޅާފައިވަނީ 110 ފޫޓު 90 ފޫޓުގެ ޓަރފެކެވެ.

ޓަރފްއާއިއެކު ހަދާފައިވާ ވޯކްވޭގެ ބޭނުމަކީ ޓަރފްއަށް ވެލި އެޅުން މަދުކުރުންކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން، ދަރިވަރުންގެ ބޫޓު ހަޑިނުވެ ކްލާސްރޫމަށް ދެވޭގޮތް ހެދުމާއެކު، ސްކޫލް ޒީނަތްތެރިކުރުމަކީވެސް މަޤްސަދެއްކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ކެނދިކުޅުދޫ ސްކޫލުގެ ވޯކްވޭގެ މަސައްކަތްތަކުގެ ތެރެއިން؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

މި ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކީ ނިންމުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމެއް އެ ސްކޫލަށް ވަނީ ލިބިފައެވެ. އެގޮތުން ޓަރފް އަދި ވޯކްވޭ އެޅުމުގައި، ދާއިރާގެ މެމްބަރު އަހްމަދު އީސާ، ވީއޭއެމްކޯ، ފެނަކަ އަދި ފެނަކައިގެ ޕްރޮޖެކްޓް ގްރޫޕް، އަމީން ކޮންސްޓްރަކްޝަން، ކެނދިކުޅުދޫ ކައުންސިލް، ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން، ކެނދިކުޅުދޫ ހެލްތް ސެންޓަރ، ސްކޫލް ސްޓާފުންނާއި ޕީޓީއޭގެ ފަރާތްތަކުންވަނީ އެހީތެރިކަން ދީފައެވެ.

ކެނދިކުޅުދޫ ސްކޫލުގެ ވޯކްވޭގެ މަސައްކަތްތަކުގެ ތެރެއިން؛- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

މީގެ އިތުރުންވެސް، ސްކޫލް ތަރައްޤީކުރުމުގެ ޕްރޮޖެކްޓުތަކެއް އެ ސްކޫލުން ދަނީ ކުރިއަށް ގެންދަމުން ކަމަށް، ކެނދިކުޅުދޫ ސްކޫލް ޕްރިންސިޕަލް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އެ ޕްރޮޖެކްޓުތައް ނިމިގެންދާނެކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.

ކެނދިކުޅުދޫ ސްކޫލުގައި މިހާރު 437 ދަރިވަރުން ކިޔަވަމުން ދާއިރު، އެ ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާއި ހަމައަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *