އައިޔޫއެމްއިން އޮންލައިންކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލަނީ

އިސްލާމިކް ޔުނިވަރސީޓީން މަގްބޫލު އުޒުރަކާ ލައިގެން އޮންލައިންކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

މި ފުރުސަތު ހުޅުވާލައިފައި މިވަނީ ރާއްޖޭގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްލާމިކް ޔުނިވަރސިޓީން ބުނާގޮތުގައި ވަރަށް އަވަހަށް ދަރިވަރުންނަށް ސްޓޫޑަންޓް އެފެއާޒުން މިކަން އަންގާނެކަމަށެވެ. އަދި އޮންލައިންކޮށް ކިޔަވަން ބޭނުންވާ ދަރިވަރުން އެކަމާ ގުޅޭ ލިޔެ ކިއުންތަކާއި ފޯމް ފުރިހަމަ ކުރަންޖެހޭނެއެވެ.

އެ ޔުނިވަރސިޓީގެ،  ބަދަލު ގެނެވިފައިވާ އެކަޑަމިކް ކަލަންޑަރ ޔުނިވަރސިޓީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދެއެވެ. މިހާރު ކިޔަވަމުންދާ (ކުރީގެ) ދަރިވަރުން ކިޔަވަން ބޭނުންވާ މާއްދާ/މާއްދާތައް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އިސްލާމިކް ޔުނިވަރސިޓީން ވޭތުވެދިޔަ 3 ސެމިސްޓަރގައިވެސް ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ.

މިހާރުވަނީ ކުރިއަށް އޮތް ސެމިސްޓަރގެ ކޯސްތަކާއި ގުޅެން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ. އަދި ކޮވިޑްގެ މިހާލަތު ބަދަލުވަމުން ނުދާނަމަ އެއްކޮށް އޮންލައިކޮށް ކިޔަވާދޭ ގޮތަށްވެސް ބަދަލު ކުރަން ޖެހިދާނެކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަށް އިތުރުވެ މިހާރު މިވަނީ ކޮވިޑްގެ އެލަރޓް "ރެޑް" އެލަރޓަށް ބަދަލުވެފައެވެ.

ސިއްހީ މާހިރުން ވިދާޅުވާގޮތުން މިމަހުގެ ފަހުކޮޅު އަދި އަންނަ މަހުގެ ކުރީކޮޅަކީ ރާއްޖެ ކޮވިޑްގެ ޕީކްއަކަށް ދާނެ ކަމަށް ލަފާކުރާ ދުވަސްވަރެވެ.

ކޮވިޑްގެ ކޭސްތަކަށް ބަލާއިރު މިހާރު މިވަނީ ދުވާލެއްގަ މައްޗަށް 1000 ކޮވިޑް ކޭސް ފެންނަން ފަށާފައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 30 ގައެވެ.  ޔުނިވަރސިޓީ ހުޅުވަން ހަމަޖެހިފައިވާއިރު ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭގެ ގައިޑް ލައިންތަކާއި އުސޫލްތަކާއި އެއްގޮތަށް އަމަލު ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން ޔުނިވަރސިޓީ ތެރޭގައި ދަރިވަރުން އުޅޭއިރު 3 ފޫޓު ދުރުގައި ތިބުމާއި، ހުން ބެލުމާއި، ސެނިޓައިޒުކުރުމާއި، ގިނަ ދަރިވަރުން އެއްތަނަކަށް އެއްވެ ނޫޅުމާއި ގިނަ ވަގުތު ޔުނިވަރސިޓީ ތެރޭގައި ނޫޅުން ފަދަ ބައެއް އުސޫލްތައް ޔުނިވަރސިޓީ ތެރޭގައި ގާއިމްކުރުން ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *