ސެޓެލައިޓް ސްކޫލް ޕްރޮގްރާމް ރަސްމީ ގޮތެއްގައި މިއަދު އިފްތިތާހްކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
ސެޓެލައިޓް ސްކޫލަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ނިޒާމީ ތަޢުލީމު ފޯރުކޮށްދިނުމަށް ސަރުކާރުގެ ސްކޫލެއް ޤާއިމުނުވާ ރަށްތައް ކަމަށްވާ ބ.ފެހެންދޫ، ވ.ތިނަދޫ އަދި އެ އަތޮޅު ރަކީދޫގެ ރައްޔިތުންނަށް، އެ ބައެއްގެ ރަށުގައި ތިބެ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
ސެޓެލައިޓް ސްކޫލު އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، ގާތްގަނޑަކަށް 12 ވަރަކަށް އަހަރަށްފަހު، ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކުރެވިގެންދިޔަ ތިން ރަށުގެ ދަރިވަރުން އަމިއްލަ ރަށުގައި ތިބެ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. އަދި ފަހިވެގެންދިޔަ މި ފުރުސަތުގެ ސަބަބުން، ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ސެޓެލައިޓް ސްކޫލް ޕްރޮގްރާމުން ހައި ސްޕީޑް އިންޓަނެޓާއެކީ، ދަރިވަރުންނަށް ވައިފައިގެ ޚިދުމަތްތައް، ކިޔަވާ ހުރިހާ ގަޑިއެއްގައި ލިބެން ހުންނާނެއެވެ.

މި ނިޒާމުގެ ދަށުން ކިޔަވައިދޭއިރު، ދަރިވަރުން ހާޒިރުވާނީ އެ ކުދިންގެ ރަށުގެ ސްކޫލުތަކަށެވެ. ސެޓެލައިޓް ސުކޫލުތަކަށް ކިޔަވައިދިނުމަށް ޚާއްސަ ކުރެވިފައިވާ ޓީޗަރުން ތިއްބަވާނީ މާލޭގެ ހުރަވީ ސްކޫލުގައި ޤާއިމުކޮށްފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ. ކިޔަވައި ދެއްވާ ޓީޗަރުން އެހެން ރަށެއްގައި ތިއްބެވި ނަމަވެސް ފެސިލިޓޭޓަރ ޓީޗަރުން އަބަދުވެސް ދަރިވަރުންނާއެކު ކްލާސްތަކުގައި މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން މި ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމުގައި ބެލެނިވެރި ސްކޫލްތައް ގޮތުގައި ބ.ގޮއިދޫ ސްކޫލާއި، ވ.ކެޔޮދޫ ސްކޫލް އަދި ވ.އަތޮޅު ތަޢުލީމީ މަރުކަޒު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި މި ބެލެނިވެރި ސްކޫލުން ރާވާ ހިންގާ އިތުރު ހަރަކާތްތަކުގައި ސެޓެލައިޓް ސްކޫލު ދަރިވަރުން، ބެލެނިވެރި ސްކޫލަށް ހާޒިރުވެގެން ބައިވެރިވާނޭ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.
ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވައިހިންގުންވެސް ހިމެނެއެވެ.

މި ސްކޫލްގައި ތިއްބަވާ ޓީޗަރުންގެ މަސްޢޫލިއްޔަތަކަށް ވާނީ ދަރިވަރުންނަށް އުގަންނައިދިނުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާއި ކްލާހުގައި ކުރާ މަސައްކަތްތަކަށް ބޭނުންވާ އިތުރު މެޓީރިއަލްސް ފޯރުކޮށްދިނުމެވެ. މިފަދަ ކަންތައްތައް ރަނގަޅު ނިޒާމެއްގެ ދަށުން ކުރިއަށްގެންދިޔުމަށްޓަކައި، ކިޔަވައިދެއްވާ މުދައްރިސުންނާއި މަރުކަޒީ ސްކޫލުގައި ތިއްބަވާ ޓީޗަރުންނާއެކު ކޯޑިނޭޝަން މީޓިންގެ ޤަވާޢިދުން ބޭއްވިގެންދާނެއެވެ.
ދިރާސީ އަހަރު 2021-2022ގައި މި ސްކޫލްތަކުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 ގެ ނިޔަލަށެވެ. ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު މިއިން ކޮންމެ ސްކޫލެއްގައި 2 ޓީޗަރުންނާއި 1 އެޑްމިން އޮފިސަރަކާ، މަސައްކަތު މީހަކު، މަސައްކަތް ކުރާނެއެވެ.
advertisment
ހިޔާލު