ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރިންސިޕަލެއް ނެތި އަހަރަކާ ގާތްވެފައިވާތީ އެ ސްކޫލުގެ ބެލެނެވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ހުރި އެންމެ ގިނަ ދުވަސްވީ ސްކޫލުކަމުގައިވާ ހދ. އަތޮޅު ތަޢުލީމީ މަރުކަޒަކީ މީގެ ކުރިން ތައުލީމީ ގިނަ ދަރިންތަކެއް އުފައްދާ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސްކޫލެކެވެ. މީގެއިތުރުން ހދ.އަތޮޅު ތައުލީމީ މަރުކަޒަކީ އެހެން ސްކޫލްތަކަށް ނަމޫނާދައްކަމުން އަންނަ ސްކޫލެއްވެސް މެއެވެ.
ބެލެނެވެރިންގެ ކަންބޮޑުވުމަކީ މިއަދު މިކަން ބަދަލުވެގެން ގޮސްދާނެތީއެވެ.
970 ދަރިވަރުން ކިޔަވަމުންދާ އެ ސްކޫލްގައި ޕްރިންސިޕަލެއް ނެތި އަހަރަކާއި ގާތްވެފައިވާއިރު ޑެޕިއުޓީ ޕްރިންސިޕަލެއްގެ އިތުރުން ސްކޫލްގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްވެސްނެތްކަމަށް ބެލެނިވެރިން ބުނެފައިވެއެވެ. އެ ސްކޫލްގެ ކިޔެވުން އިއްޔެ ފެށިއިރު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާ ހުންނެވީ ކަރަންޓީންގައިކަމަށްވެސް ބެލެނެވެރިން ބުނެފައިވެއެވެ.
ކުދިންގެ އޯލެވެލް ފެށުމަށް ކައިރިވަމުން އަންނައިރު ސްކޫލްގެ އިދާރީ ހިންގުން މިގޮތަށް ހުރުމުން ބެލެނިވެރިން ވަނީ މާޔޫސްކަމެއްގެ ތެރޭގައެވެ. އެ ސްކޫލާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުން އެ ސްކޫލަށް ޕްރިންސިޕަލެއް ހަމަޖެއްސުމަށް އިންޓަވިއު މަރުހަލާވަނީ ނިމިފައެވެ. ނަމަވެސް ޕްރިންސިޕަލް ސްކޫލާއި ހަވާލުވެ ވަޑައިގަންނަވާނީ ކޮންއިރަކުންކަމެއް ޔަޤީންވެފައިނުވާކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފްއާއި ހަވާލާދީ ބެލެނިވެރިން ބުނެފައިވަނީ ސްކޫލަށް އިންޓަވިއު ކުރި ޕްރިންސިޕަލް ސްކޫލާ ހަވާލުވެ ލައްވާނީ އަންނަމަހުކަމަށާއި އަދި އެޕްރިންސިޕަލަކީ މިހާރުވެސް އެހެން ސްކޫލަކާއި ހަވާލުވެ ހުންނެވި ޕްރިންސިޕަލެއްކަމަށެވެ.
އެސްކޫލްގެ ޕީޓީއޭގެ ބައެއް ބެލެނިވެރިން މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މަޢްލޫމާތު ލިބެއެވެ.
ބެލެނިވެރިން ބުނެފައިވަނީ ދަރިވަރުންގެ ކިޔެވުމަށް ސްކޫލަށް ބެލެނިވެރިންގެ ފަރާތުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ބެލެނިވެރިން ތައްޔާރަށް ތިބިކަމަށެވެ. ބެލެނެވެރިންގެ އެދުމަކީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ މެނޭޖްމެންޓް ރަނގަޅުކޮށްދިނުމެވެ.
advertisment
ހިޔާލު