ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ޚާއްޞަކޮށް، އޮންލައިންކޮށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ ކޯސްތަކެއް އިފްތިތާޙްކޮށްފިއެވެ.
މި ކޯސްތައް ހިންގަނީ އިނގިރޭސިވިލާތުގެ ގައިޑް އެޑިޔުކޭޝަނާ ގުޅިގެންނެވެ.

މި ކޯސްތައް އިފްތިތާޙްކޮށްފައި ވަނީ މިއަދު އެކަމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ގައިޑް އެޑިޔުކޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ކޯސްތައް ހިންގާނީ ގައިޑް އެޑިޔުކޭޝަންގެ ތަޖުރިބާކާރުން މެދުވެރިވެއެވެ. ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނުކުރުމަށްޓަކައި، ޑިޖިޓަލް ގިނަ ވަޞީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރުކުރެވިފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

ގައިޑް އެޑިޔުކޭޝަން ޕޯޓަލް މެދުވެރިކޮށް މުދައްރިސުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ޚާއްޞަކޮށް ތައްޔާރުކުރެވިފައިވާ ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ކިޔަވައިދިނުމާ ގުޅޭ އެކި ދާއިރާތަކުން ތަފާތު ގިނަ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮތުމުން، މުދައްރިސުންނަށް އެބޭފުޅަކު އެންމެ ބޮޑަށް ތަމްރީނު ބޭނުންވާ ދާއިރާއަކާ ގުޅޭ ކޯހެއް އިޚްތިޔާރު ކުރުމަށް މި ޕްރޮގްރާމުގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެ އެވެ.
މި ކޯސްތައް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، މުދައްރިސުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބުން ކަމަށެވެ. އަދި ސްކޫލްތަކުގެ މުވައްޒަފުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީއިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރ ވަނީ ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުން މި ކޯސްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އެދިލައްވާފައެވެ. މިއާއެކު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް މި ފުރުޞަތު ފަހިކޮށްދެއްވިކަމަށްޓަކައި ގައިޑް އެޑިޔުކޭޝަންގެ ސީއީއޯ، ލިއޯން ހާޑީ އަދި ގައިޑްގެ ޓީމަށް، މިނިސްޓަރ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ މުދައްރިސުންނަށް މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
advertisment
ހިޔާލު