މި ހަފުތާތެރޭގައި އޮންލައިންކޮށް ކިޔަވައިދިނުމެއް ނޯންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.
ކޮވިޑް ވޭރިއެންޓްގެ އާ ރާޅާއެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު ވިދާޅުވީ، މިފަހަރު މިގެނެވުނީ އެއް ހަފުތާގެ އިންތިޒާމެއް ކަމަށާއި، މީގެ ކުރިން ކޮވިޑާއެކު ގެނެވުނު ބަދަލަކީ ވަގުތު ލިބިގެން ސަރވިސް ޕްރޮވައިޑަރސްއާ ވާހަކަ ދެކެވިގެން ގެނެވުނު ބަދަލެއް ކަމަށެވެ. އެކަމަކު ކުއްލިއަކަށް މިފަހަރު އިންތިޒާމުތައް ހަމަޖައްސަން ޖެހުމާ ގުޅިގެން ސަރވިސް ޕްރޮވައިޑަރސްއާ ވާހަކަ ދައްކަން ވަގުތު ލިބިފައިނުވާ ކަމަށާއި، އެހެންކަމުން މި ހަފްތާގައި އޮންލައިންކޮށް ކިޔަވައިދިނުމެއް ނޯންނާނެކަމަށެވެ.
ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން ސްކޫލުތަކުގެ ވިސްނުން ހުރިގޮތް އެނގިގެންދިޔަ ކަމަށާއި، އެގޮތުން ސްކޫލު ގަޑީގައި ދަރިވަރުން ކިޔެވޭނެ ގޮތްތަކެއް ސްކޫލުތަކުން މިހާރު ވިސްނާފައިވާކަމަށްވެސް ވިދާޅުވިއެވެ.
ޕްރީ ސްކޫލުތަކުގެ ކިޔަވައިދިނުންވެސް ކުރިޔަށްދާނީ ދެ ދުވަހު ކަމަށާއި، ޕްރީ ސްކޫލުތައް ބަންދުކުރަން ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ. އަދި މަތީ ސާނަވީ ދަރިވަރުން ކޮންމެ ދުވަހަކުވެސް ސްކޫލަށް ހާޒިރުކުރަން ނިންމީ ގިނަ ކަންކަމަށް ވިސްނާފައި ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން އިއްޔެ ފަށާފައިވާއިރު ކިޔެވުން ކުރިޔަށްގެންދަނީ ޙާއްސަ ފިޔަވަޅުތަކަށް ސަމާލުކަންދީގެންނެވެ.
advertisment
ހިޔާލު