ކަރިކިޔުލަމުން ޙާސިލްވެފައިވާ މިންވަރު ދެނެގަތުމަށް ހެދި އެސެސްމެންޓް ނިމިއްޖެ – ސްޓޭޓް މިނިސްޓަރ

ފޮޓޯ - ސަން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ހުރިހާ ސްކޫލެއްގައިވެސް ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހުނު ބަދަލުތަކުގެ ސަބަބުން ކުދިންނަށް ކަރިކިޔުލަމުން ހާސިލުވެފައިވާ މިންވަރު ނުވަތަ ލާރނިންގ ލޮސް ހުރި މިންވަރު ދެނެގަތުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އެސެސްމެންޓެއް ހަދާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން އޮންލައިންކޮށް ގެންދެވުނުއިރު ދަރިވަރުންނަށް ޙާއްސަކޮށްގެން ޓެލެކިލާސްތަކެއް ވެސް ކޮވިޑް 19 ގެ ޙާލަތުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

އާތިޔާ ވިދާޅުވީ ކުދިން ސްކޫލަށް ހާޒިރުނުވެ ކިޔެވުން ފުރިހަމަކުރަން ޖެހުމުގެ ސަބަބުން ކުދިންނަށް ހާސިލުކުރެވިފައިވާ މިންވަރު ދެނެގަތުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައިވާއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އާތިޔާ ވިދާޅުވީ ކޮވިޑްގެ ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޮންލައިންކޮށް އެސެސްކުރަން ޖެހުމެވެ. ނަމަވެސް މިހާރު އެކަމަށް ވެސް ތައްޔާރުވެފައިކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކަރިކިޔުލަމް އިން ޙާސިލްވެފައި ހުރި މިންވަރު ބެލުމަށްޓަކައި ހެދި އެސެސްމެންޓްގެ ނަތީޖާއަށް ބެލުމަށްފަހު ރިމީޑިޔަލް ކިލާސްތަކާއި ދެންކުރަން ހުރި އެހެން ކަންކަން ރާވާލާފައިވާނެކަމަށާއި ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ރިމީޑިޔަލް ކިލާސްތައް މާލޭގެ ސްކޫލްތަށް ފިޔަވައި ހުރިހާ ސްކޫލެއްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައިވެއެވެ.

މާލޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޯމަލް ސެޝަންތައް ފެށުމުންނެވެ.

އާތިޔާ ވިދާޅުވީ، އެސެސްމެންޓްގެ އެނަލިސިސް އާއި ފައިނަލް ރިޕޯޓް އަދި ނުނިމޭ ކަމަށެވެ.

މިއަދު ސްކޫލުގެ ކިޔެވުން ފެށިފައިވާއިރު އަނެއްކާވެސް ކޮވިޑް 19 ގެ ރާޅެއް ވަނީ ކުރިމަތިވެފައެވެ. އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ވެސް ހިމެނޭހެން ސްކޫލަށް ހާޒިރުވެގެން ކިޔަވަން އަންގާފައިވާނީ 2 ދުވަހު ކަމަށާއި، ނަމަވެސް ސްކޫލްތަކުގެ އާބާދީއަށް ބެލުމަށްފަހު ފިޔަވަޅުތަކާއެކު ކިޔަވައިދެވޭނަމަ އިތުރު ދުވަސްތަކުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސާނަވީ އަދި މަތީ ސާނަވީގެ ދަރިވަރުން ހުރިހާ ދުވަހެއްގައި ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. ކިޔަވައިދިނުމުގައި ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގެ ސްކޫލްތަކަށް އެކަނި ކަމަށާއި، އަތޮޅުތެރޭގެ އެއްވެސް ސްކޫލެއްގެ ކިޔެވުމަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *