ބައިނަލްއަޤްވާމީ ކުޑަކުދިންގެ ފޮތް ކިޔުމުގެ ދުވަހާ ގުޅިގެން، ޗިލްޑްރެންސް މަލްޓިމީޑިއާ ލައިބްރަރީން ބޭއްވި ކުޑަކުދިންގެ ކުރުވާހަކަ މުބާރާތުގެ ވަނަތައް އިއުލާންކޮށްފިއެވެ. ވަނަތައް އިއުލާން ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނިމިގެން ދިޔަ އަހަރުގެ އޭޕްރިލް ދޭކުން ޖުލައި މަހު އެކަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު ގިންތި އަކަށް ބަހައިލައިގެންނެވެ. އެއީ ހަ އަހަރުން ދަށުގެ ގިންތި، ހަތް އަހަރާއި 10 އަހަރުގެ ގިންތި، 11 އަހަރާއި 13 އަހަރުގެ ގިންތި އަދި 14 އަހަރާއި 18 އަހަރުގެ ގިންތި އެވެ. ކޮންމެ ގިންތި އަކުން އެއް ވަނަ ދެވަނަ ތިން ވަނަ އަދި ގަދަ ފަހެއް ވެސް ހޮވާފައިވެއެވެ.
ކުޑަކުދިންގެ ކުރުވާހަކަ މުބާރާތް ބާއްވާފައި ވަނީ، ކުޑަކުދިންގެ ފޮތް ކިޔުމުގެ ދުވަހާގުޅިގެން، ފޮތް ކިޔުމަށް އަހުލުވެރިކުރުވުމުގެ ގޮތުންނެވެ. ފޮތް ކިޔުމަށް ހާއްސަ މުހިއްމުކަމެއް ދިނުމަށާއި، މުޖްތަމަޢުތެރޭގައި ކުޑަކުދިންގެ ވާހަކަ މަދުވުމާއެކު، ލިޔުންތެރިކަމަށާއި ކިޔުންތެރިކަމަށް ލޯބިޖެއްސެވުމުގެ ގޮތުން ކަމަށް ޗިލްޑްރެންސް މަލްޓިމީޑިއާގެ ލައިބްރޭރިއެން ހައްވާ ނަބާހާ އާމިރް ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތުގެ ސަބަބުން، އެކުދިން ލިޔާ ވާހަކަތައް މުޖްތަމަޢުތެރޭގައި ޤަބޫލުކުރާނެކަން އެކުދިންނަށް އިހްސާސްވެ، އިތުރަށް ލިޔުންތެރިކަމަށް މަސައްކަތްކުރުވުމުގެ ލޯބި އަށަގަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަ އަހަރުން ދަށުގެ ގިންތިން އެއް ވަނަ ލިބިފައި ވަނީ އައިމިނަތު އަފާފް ހުސެއިން (އާފްގެ ރޯދަ) އަށެވެ. މި ގިންތިން ދެ ވަނަ ލިބިފައި ވަނީ މަޝްޢަލް މަހުރޫސް އަހުމަދު (މަޝްޢަލް އަކީ އެހީތެރިވާ ކުއްޖެއް!) އަދި ތިންވަނަ ލިބިފައިވަނީ ބަތޫލް ބިންތު ހަސަން ސަނީޒް (މޯލީ) އަށެވެ.

ހަތް އަހަރާއި 10 އަހަރުގެ ގިންތިން އެއް ވަނަ ލިބިފައި ވަނީ އައިމިނަތު ރޫޔާ ހުސެއިން ގެ "ކުޑަ ކުޑަ ބުޅަލާއި މާކަނަ" އަށެވެ. އަދި ދެވަނަ ޒުލްކިފްލީ ބިން މުހައްމަދު ވަލީދު ގެ އެކުވެރިޔާ އަށް ލިބުމާއެކު، ތިންވަނަ ހާސިލްކޮށްފައި ވަނީ އަލްކާ ބިންތު ސިރާޖު ސޯލިހް ގެ ބޮޑާވުމުގެ ނަތީޖާއެވެ.

11 އަހަރާއި 13 އަހަރުގެ ގިންތިން އިބްރާހިމް ޝިމްރާން ހަމީދު ގެ ޝިމްރާނުގެ ބައްޕަޔާއެކު އުފާވެރި ވަގުތުކޮޅެއް! ވާހަކައަށް އެއްވަނަ ލިބިފައިވާއިރު، މި ގިންތިން ދެވަނަ ހާސިލްކޮށްފައިވަނީ ޙައްވާ ހަމްސާގެ ކޮތަރާއި ހިނި އެވެ. އަދި ތިންވަނަ ލިބިފައިވަނީ އިބްރާހިމް ފައްޔާހް ފަޒީލް ގެ ފަރުކޮޅު ދަތުރެވެ.

14 އަހަރާއި 18 އަހަރުގެ ގިންތިން ފާތިމަތު ނިހާލް މުޙައްމަދުގެ އައުފާގެ ޕަރީ ދައްތަ ހޯދާފައިވާއިރު، ދެވަނަ ހާސިލްކޮށްފައިވަނީ ފާތިމަތު ޔުޝްފާ އަޙްމަދުގެ ހަސަދަވެރިވުމުންނެވެ. އަދި ތިންވނަ ހާސިލްކޮށްފައިވަނީ މަރިޔަމް ޒިފްޝާ މުހައްމަދު ގެ އަގުނުކުރެވޭ ނިޢުމަތް މިވާހަކައެވެ.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 25 ކުދިންނެވެ.
advertisment
ހިޔާލު