ޢަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތުގައި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ކިޔެވުން މިއަދު ފަށާފައިވާއިރު، އެ ސްކޫލުގެ ދަރިވަރުން ކިޔަވަމުންދާނީ، ވަގުތީ ގޮތުން ސްކޫލް ބަދަލުކޮށްފައިވާ އެމްޓީސީސީގެ ހުޅުމާލެ ފެރީ ޓާމިނަލާ ޖެހިގެން ހުރި ސޯމިލުގައެވެ. ވަގުތީ ގޮތުން ޢަރަބިއްޔާ ސްކޫލް މިތަނަށް ބަދަލުކޮށްފައިވަނީ، އެ ސްކޫލުގެ ކުރީ އިމާރާތައް ދިމާވި މައްސަލަތަކަކާއި ގުޅިގެން، ތަނބުތަކުަގއި ރެނދުލައި، އެ އިމާރާތް ބޭނުން ނުކުރެވުމުގެ ސަބަބުންނެވެ.
ވަގުތީގޮތެއްގައި ހަމަޖައްސާދީފައިވާ އެ އިމާރާތުގައި، 19 ކްލާސް ހެދުމާއެކު، ޢަރަބިއްޔާ ސްކޫލުގެ 900އެއްހާ ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމް ކޮށްފައިވަނީ އެއްމަސް ދުވަހުގެ ތެރޭގައެވެ.

ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ސުޖާއު އަބްދުއް ރަހީމް ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ގުޅިގެން، އެ ސްކޫލްގައި ކިޔެވުން ކުރިއަށް ގެންދަނީ ބައެއް ގުރޭޑް ތަކަށް ހަފްތާއަކު ދެ ދުވަހު ކިޔަވައިދޭ ގޮތަށެވެ. އަދި ގްރޭޑް ނުވައެއްގެ ދަރިވަރުންނަށް ހަފްތާއަކު ތިން ދުވަހު ކިޔަވައިދޭއިރު، ދިހައަކުން މަތީ ގްރޭޑްގެ ދަރިވަރުންނަށް ކޮންމެ ދުވަހަކު ކިޔަވައިދިނުމަށް ނިންމައިފައިވާކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
މިދިޔަ ޑިސެމްބަރު މަހު، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދާއިމީ ގޮތެއްގައި ތަނަވަސް އިމާރާތެއް، ބާ ޖަމާލުއްދީން ސްކޫލް ބިމުގައި އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. ބާ ޖަމާލުއްދީން ސްކޫލްގެ ބިން ޢަރަބިއްޔާއަށް ހަމަޖެއްސެވިކަން، އެ ސްކޫލުގެ ޕޭރެންޓް ޓީޗަރ އެސޯސިއޭޝަނާ ބައްދަލުކުރައްވައި، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
advertisment
ހިޔާލު