"ކުޑަކުދިން ގްރޫމްކޮށްގެން ކުށްކުރުވާ މައްސަލަތައް ހީކުރާވަރަށްވުރެ ގިނަ"

ކުޑަކުދިން ގްރޫމްކޮށްގެން ކުށްކުރުވާ މައްސަލަތައް ހުރީ ހީކުރާ ވަރަށްވުރެ މަތީގައި ކަމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފާރިޝް ވިދާޅުވެއްޖެއެވެ.

ކުށުގެވެށިން ކުދިން ސަލާމަތްކުރުމާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ވިދާޅުވީ ކުށުގެ މާހައުލުގައި ކުޑަކުދިން ގެންގުޅުމާއި ކުޑަކުދިން ބޭނުންކޮށްގެން އެކި ބާވަތްތަކުގެ ކުށްކުރުން ކުރިއާ އަޅާބަލާއިރު މިހާރު އިތުރުވެފައިވާކަމަށެވެ. ކުޑަކުދިންނާއި ގުޅުންހުރި މިފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށާއި، ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އާންމުގޮތެއްގައި ފާހަގަވަނީ އަތޮޅުތެރޭގައި އުޅޭ ކުދިންނަށް ރަނގަޅު ގޮތެއް ހޯދައިދޭނެކަމަށް ބުނެ މާލެގެނެސްގެން އެކުދިން ބޭނުންކޮށްގެން ކުރާކުށްތައްކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި އެގޮތަށް ކުދިން މާލެ ގެންނައިރު ގެންނަނީ ކުއްޖާގެ މައިންބަފައިންނަށްވެސް އެނގިގެންކަމަށާއި އަދި ބައެއް ފަހަރު އާއިލާގެ ތެރެއިން ކޮންމެވެސް މީހަކާއި ގުޅިގެންވެސް ކުދިން ގެނެސްފައި އެބަހުރިކަމަށް ފާރިޝް ވިދާޅުވެފައިވެއެވެ.

ކުދިން ލައްވާ ޖިނާޢީ ކުށްތައް ކުރުވާ ފަރާތްތައް ކުދިންނަށް ވިސްނައިދީފައި އޮންނަނީ އެކުށްތައް ކުރުމުން ކުއްޖާ ކުށްވެރިވަނީ ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އަދި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކުރަނީ އެނޫން އެއްވެސް ގޮތެއް ނެތުމުން ކަަމަށާއި ހައްޔަރު ކުރުމުގެ ކުރިން ކުއްޖާގެ އުމުރުގެ އިތުރުން މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ ހައްޔަރުކުރާ ކުޑަކުދިން ބަލަހައްޓަމުންދަނީ ޚާއްސަ އިންތިޒާމްގެ ތެރެއިން ކަމަށާއި، އެކުދިން ގެންގުޅެނީ ބޮޑެތި މީހުންނާއި ވަކިން ދެޖިންސް ވަކިން ކަމަށެވެ. އަދި ގިނަ ފަހަރަށް ޝަރީޢަތުގެ މަރުހަލާގައި ފުލުހުންގެ ބަންދުން ދޫވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށަށްދާ ކަމަށާއި، އެކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަމާއެކު، ތަޢުލީމާއި ލިބެންޖެހޭ އެހެން ހައްޤުތައް ލިބޭނެކަމަށް ފާރިޝް ވިދާޅުވިއެވެ.

ކުށުގެ މާހައުލަށް ކުއްޖާ ވައްދަނީ ފުރަތަމަވެސް ކުއްޖާ ގްރޫމްކޮށްގެންކަން ފާރިޝް ފާހަގަކުރެއްވިއެވެ.

ކުށްތައް ހުއްޓުވުމަށް މައިންބަފައިންނާއި މުޖުތަމަޢުގައި އުޅޭ އެހެން މީހުންނަށްވެސް މަސައްކަތްތަކެއް ކުރެވޭނެކަމަށާއި ކުއްޖާގެ އުޅުމަށް އަންނަ ބަދަލުތަކަށް ބެލެނިވެރިން ސަމާލުކަންދިނުމަކީވެސް ކުށުގެ ވެށިން ކުއްޖާ ސަލާމަތްކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފާރިޝް ވިދާޅުވިއެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *