ކީރިތި ޤުރުއާންގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް ކަނޑައަޅައިފިއެވެ. މި މިންގަނޑު ކަނޑައަޅާފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އިންތިޒާމްކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި މިންގަނޑު އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރުއެވެ. މިއީ ކިޔައިދިނުމުގެ ފެންވަރާއި ދާއިރާގެ އިސްބޭފުޅުން އަދި ދަރިވަރުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި އޮތް ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުން ކުޑަކުރުމަށް ކަނޑައަޅާފައިވާ މިންގަނޑެއްކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ބުނެއެވެ.
ހަމައެހެންމެ މި މިންގަނޑަކީ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޓީޗަރުންނަކީ ގާބިލް ބަޔަކަށްހެދުމާއިއެކު މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދޭ މުގައްރަރުތައް އެއްގޮތްކުރުން އަދި ކިޔަވައިދޭ މުއްދަތު އެއްވަރު ކުރުންކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
މިރަސްމިއްޔާތުގައި ވަހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި މުގައްރަރުން ކިޔަވައިގެން ނުކުންނަ ދަރިވަރުންގެ ކިބައިން މުޖުތަމައުއަށް އެތައް ފައިދާތަކެއް ކުރާނެކަމުގައެވެ. އަދި ހަމަ އެހެންމެ ދަރިވަރުން ހަވާލުކުރާ މުދައްރިސުންނަކީ، ކަމަށް އެކަށީގެންވާ ބައެއްކަމުގެ ޔަގީންކަންވެސް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.
ސަރުކާރުން ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ނޫރު އަބަދުވެސް ޙިމާޔަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވަނީ މި ރަސްމިއްޔާތުގައި ދެއްވާފައެވެ.
މިނިސްޓަރ ވަނީ ޤުރުއާންގެ މި މަސައްކަތާއި އެއްގޮތަށް އެހެން މުހިންމު ދާއިރާތަކުން އެކަށޭނެ މިނިމަމް ސްޓޭންޑަޑްއެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކަނޑަޅާނެކަމުގެ އުންމީދު ކުރައްވާކަމުގައިވެސް ވިދާޅުވެފައެވެ.
މި ދާއިރާގެ ކޮލިފިކޭޝަންތައް ކަމުގައި ބަލާނެކަމަށް ކަނޑައަޅާފައިވަނިީ ގިރާއަތު ކޯހާއި ގާރީ ކޯސް، ޤުރުއާން ޓީޗިން ކޯސް އަދި އިމާމް ކޯހެވެ. ކަނޑައެޅި މިނިމަމް ސްޓޭންޑަޑް 6 ބަޔަކަށް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކޯ-މޮޑިއުލްތަކާއި ކޯ-މޮޑިއުލްތަކުގެ މުގައްރަރާއި މުއްދަތާއި ކްރެޑިޓް ޕޮއިންޓް ދޭނެ އަދަދާއި ޓީޗަރުންގެ ޝަރުތުތަކާއި އަދި ޕްރޮގްރާމްތަކަށް ވަދެވޭނެ ޝަރުތުތަކެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނީ އަލަށްފަށާ ކޯސްތައް ހުންނަންވާނީ އަލަށް ކަނޑައެޅި ސްޓޭންޑަޑަށް ފެތޭ ގޮތަށްކަމަށެވެ. ނަމަވެސް މިހާރު ފަށައިގެން ކުރިއަށްދާ ކޯސްތަކަށް މިހާރުވެސް ކުރިއަށް ގެންދާހެން ގެންދެވޭނެއެވެ. އަދި އަލަށް ކަނޑައެޅި މިންގަނޑަށް ކޯސްތައް ކުރިއަށް ގެންދިއުމުގެ އިޚްތިޔާރުވަނީ އެ އޮތޯރިޓީން ދީފައެވެ.
advertisment
ހިޔާލު