ޅެންވެރިންގެ ދުވަސް ޙާއްސަކުރަނީ އުތީމު އާދަމްބެއަށް

މި އަހަރުގެ ޅެންވެރިންގެ ދުވަސް އުތީމް އާދަމް އަބްދުއްރަހުމާން (އުތީމް އާދަމްބެ)އަށް ޚާއްސަކުރަން ދިވެހިބަހުގެ އެކެޑަމީން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 15ވަނަ ދުވަހަކީ ދިވެހި ބަހުގެ އެކަޑަމީން ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ދިވެހި ބަހުގެ އެކެޑަމީން އަންނަނީ ތާރީޚީ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން އެ ދާއިރާތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ޚާއްސަ ކުރަމުންނެވެ.

މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުތީމުގެ އާދަމްބެގެ ޤައުމީ ޖޯޝުން ފުރިފައިވާ މަޝްހޫރު ލަވައެއް ކަމަށްވާ "ފެނިލުމުން ދިވެހި ދިދަ ވިހުރިލާ" އެވެ.

ޅެންވެރިކަމުގެ ދުވަސް މިއަހަރު ޙާއްސަވާ އާދަމްބެއަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޚާއްސަކޮށް ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް 2004 ވަނަ އަހަރު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޅެމާއި ޅެންވެރިކަމުގެ ދާއިރާއިން ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2016 ވަނަ އަހަރު ވަނީ އޭނާއަށް އަރުވާފައެވެ.

ދިވެހި ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ އާދަމްބެއަކީ 11 އަހަރު ވަންދެން ހއ. އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އުތީމު ކަތީބުކަމާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުކަމުގެ މަޤާމާއި، ރާއްޖެތެރޭގެ ކިޔަވައިދޭ މަރުކަޒުތަކުގެ ނާޒިރުކަމުގެ މަޤާމު ފުރުއްވާފައިވެއެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން އާންމު ގޮތެއްގައި ޖަލްސާއެއް ބޭއްވި ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީއާއި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މިއަހަރުގެ ޖަލްސާ ފަސްކުރަން ދިވެހިބަހުގެ އެކަޑަމީން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *