ސްކޫލް ދަރިވަރުންގެ ތެރެއިން، ކޮވިޑް ވެކްސިން ޖެހި ދަރިވަރުންގެ ޢަދަދު 32000އަށްވުރެ ގިނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. މިހާރު ވެކްސިން ފުރިހަމަނުކޮށް ތިބީ ދިހަ އިންސައްތަ ދަރިވަރުންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 15 ގައި ސްކޫލުތަކުގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމައިފައިވަނީ 12 އަހަރާއި 17 އަހަރުގެ ދަރިވަރުންނަށެވެ. ވެކްސިން ދިނުމުގެ ހަރަކާތުގައި، މި ޢުމުރުފުރައިގެ ދަރިވަރުންނަށް ޖެހުމަށް ހަމަޖެހިފައިވަނީ ޑަބްލިޔުއެޗްއޯ އިން ހުއްދަ ދީފައިވާ ފައިޒާ ވެކްސިންއެވެ.
ކޮވިޑުން ދިފާޢުވުމަށްޓަކައި، ދަރިވަރުންނަށް ހިންގާ ވެކްސިން ހަރަކާތުގައި މިހާތަނަށް 218 ސްކޫލަކުން، 32،358 ދަރިވަރުން ވަނީ ފައިޒާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އެއީ އަތޮޅުތެރެއިން 21133 ދަރިވަރުންނާއި މާލޭގެ ސްކޫލުތަކުން 11225 ދަރިވަރުންނެވެ.
އުމުރުން 12 އަހަރާއި 17 އަހަރުގެ ދަރިވަރުންގެ ތެރެއިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި މިދިޔަ އަހަރު ދިރާސީ އަހަރު ނިންމި ދަރިވަރުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެ ދަރިވަރަކު ކިޔެވި ސްކޫލަކުންނެވެ. އަދި ވެކްސިން ޖެހުމުގައި، ދަރިވަރުން ދާއިމީ ގޮތެއްގައި ފަރުވާ ކުރާ ބައްޔެއް ހުރިތޯ ބަލައި، ހުރެއްޖެ ހިނދެއްގައި ކަންކުރަމުންދަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުންނެވެ. މިގޮތުން، ވެކްސިން ޖެހުމުގައި ބެލެނިވެރިންގެ އެއްވެސް އިއުތިރާޒެއް ނެތްތޯ ބަލައި، ދަރިވަރުންގެ ކިބައިގައި އެއްވެސް ސިއްޙީ މައްސަލައެއް ހުރިތޯ ބެލުމަށްޓަކައި ޙާއްސަ ފޯމެއްވެސް ފުރުވައެވެ.
އަދި ސްކޫލުތަކަށް ވަދެ ނިކުމެ އުޅޭ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަށަވަރުކުރަމުންދެއެވެ. އެގޮތުން، ސްކޫލުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އަންގާފައިވާއިރު، ބެލެނިވެރިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތައް ސްކޫލަށް ނުވަދެވޭ ގޮތަށް ވަނީ ނިންމާފައެވެ.
advertisment
ހިޔާލު