އަލަށް ޕްރިންސިޕަލްކަމުގެ މަޤާމު ލިބިވަޑައިގެންނެވި ފަރާތްތަކަށް، ތަޢުލީމީ ދާއިރާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބާއްވާ މި ޕްރޮގްރާމަކީ އޮރިއެންޓޭޝަނެއްގެ ސިފައިގައި ގެންދާ ޕްރޮގްރާމެކެވެ. ކޮންމެ ފަހަރަކުވެސް، އަލަށް ޕްރިންސިޕަލްކަމުގެ މަޤާމު ލިބިވަޑައިގަންނަވާ ފަރާތްތަކަށް، އެ މިނިސްޓްރީން މި ޕްރޮގްރާމް ކުރިއަށްގެންދެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ބޭނުމަކީ އެ މިނިސްޓްރީގެ އުސޫލުތަކަށާއި ޤަވާޢިދުތަކަށް އަހުލުވެރިކުރުމުވެ. މިގޮތުން ކޮންމެ ޑިޕާޓްމެންޓެއްގެވެސް އިސް ފަރާތްތައް، އަލަށް ހޮވިވަޑައިގެންފައިވާ ޕްރިންސިޕަލުންނަށް، އެ ޑިޕާޓްމެންޓެއްގެ ކަންތައްތައް އޮޅުންފިލުވައިދީ މަޢުލޫމާތު ސާފުކުރައްވާފައިވެއެވެ.

މީގެެ އިތުރުން އަލަށް މަޤާމަށް ހޮވިވަޑައިގެންފައި ތިއްބެވި ޕްރިންސިޕަލުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސާކިއުލާއަށް އަހުލުވެރިކޮށް، ފަސޭހަކަމާއެކު މަޤާމު އަދާކުރެވޭނެ ގޮތް ހިއްސާކުރައްވާފައިވެއެވެ. އަދި ސްކޫލުތަކުގެ ލީޑަރުން ތަރައްޤީކުރުމަށް މަސައްކަތް ކޮށް "އިންސްޓްރަކްޝަނަލް ޑިވެލޮޕްމެންޓް" އަށް އެހީތެރިކަން ފޯރުވައިދީ، ސްކޫލުގައި އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށް ދަސްކޮށްދިނުމަކީވެސް މި އޮރިއެންޓޭޝަނުގެ މަޤްޞަދެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހެދުނުން ހަވީރަށެވެ. މިމަހުގެ 13 ގައި އެ ފަރާތްތަކަށް އެންސީޓީ ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ.
ޕްރޮގްރާމް ނިންމާ ހުރިހާ ފަރާތްތަކަށް، އޮރިއެންޓޭޝަން ނިންމިކަމުގެ ސެޓްފިކެޓް ހަވާލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
advertisment
ހިޔާލު