ފޮތްތައް ނެރޭއިރު ކުށްނުލައި ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތް: ސްޓޭޓް މިނިސްޓަރ

ފޮތްތައް ނެރޭއިރު ކުށް ނުލައި ނެރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ފޮތްތައް ލިޔުއްވާ ބޭފުޅުން ފޮތްތަކުގައި ކުށް ލިޔުއްވުމަކީ ގަސްދުގައި ކުރައްވާ ކަމެއް ނޫން ކަމަށެވެ. ފޮތްތަކުގައި ކުށްހުރުން އެއީ، ގަސްތުގައި ކޮށްގެން އުޅޭ ކަމެއްކަން ދެއްކުމުގެ ގޮތުން ބައެއް ފަރާތްތަކުން ވާހަކަދެއްކިކަމަށާއި މިހެން ވާހަކަދެއްކުމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން ފޮތްތަކަށް ކުރާ އިތުބާރު ކެނޑިގެންދާނެކަމަށް ވިދާޅުވިއެވެ.

ފޮތުގައި ކުށް ހުރެގެން އެކަންކަން ފާހަގަކުރެވުމުން ރިފަރެންސް ދޭނީތޯ ނުވަތަ ނޫންތޯ މަޝްވަރާ ކުރެވުނުކަމަށާއި ދުނިޔޭގެ ބައެއް ޤައުމުތަކުގައި އެގޮތަށް ރިފަރެންސް ދޭކަމަށް ބައެއް ދީނީ އިލްމުވެރިންވެސް ވިދާޅުވެފައިވާކަމަށް ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަދި އިސްލާމް ފޮތްތަކުގައި މިހާރުވެސް ރިފަރެންސް ދީފައި އެބަހުރިކަަން ފާހަގަކުރައްވާ، ސްޓޭޓް މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީން ކުރެވުނު މަޝްވަރާއަށްފަހު ކުށް ނުލައި ފޮތްތައް ނެރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ އިސްލާމާއި ޤުރުޢާން ފޮތްތަކުން އާޔަތްތަށް އުނިކޮށް ޚަތިމަށް ރެފަރެންސް ދިނުމަށް ހަމަޖައްސަން އެންގީ ޤުރުޢާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތަށް ހެދުމަށް ކަމަށެވެ. މި މަޝްވަރާ ކުރެވުނީ ދަރިވަރުން ޤުރުޢާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ގަސްތުގައި ނޫންކަމަށް ސްޓޭޓް މިނިސްޓަރ ރޭގެ ޕްރޮގްރާމުގައިވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

އިސްލާމާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް އެކަން ކަށަވަރުކުރުމަށް އަންގާފައިވާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ދަރިވަރުންގެ ފޮތްތަކުން އާޔަތްތައް އުނިކުރުމަށް އެދި އެޑިއުކޭޝަން މިނިސްޓްރީން ނެޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ފޮނުވި ސިޓީއެއް  މިދިޔަ މަހު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެއާ އެކު، އެޑިއުކޭޝަން މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *