ލެޓް ޔުއަރ ލައިޓް ޝައިންގެ ނަމުގައި އިމޯޝަނަލް އިންޓެލިޖެންސް ޕްރޮގްރާމެއް ހިންގަން ނިންމައިފި

ރައީސާ ސަމާ އިބްރާހިމްދީދީ އަދި ޗެއަރޕާސަން ސަހާތު ޓީވީ ޕްރޮގްރާމެއްގައި. ފޮޓޯ: އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީ

އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީން ކުޑަކުދިންނަށް އަމާޒުކޮށްގެން "ލެޓް ޔުއަރ ލައިޓް ޝައިން"ގެ ނަމުގައި އިމޯޝަނަލް އިންޓެލިޖެންސް ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.

ދުޅަހެޔޮ އުފާވެރި ހަމަޖެހޭ ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޑަކުދިންނަށް އަމާޒުކޮށްގެން މި އަހަރު ހިންގޭ ޕްރޮގްރާމްތަކުގެ ތެރެއިން މި ޕްރޮގްރާމް ކުރިއަށްދާނީ މި ޖެނުއަރީމަހުގެ 9 ،  10  އަދި 11 ވަނަ ދުވަހުއެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓިގެ ކޯ ފައިންޑިންގް ރައީސާ ސަމާ އިބްރާހިމްދީދީ ވިދާޅުވިގޮތުގައި މި ޕްރޮގްރާމްގެ މަގްސަދަކީ ކުޑަކުދިންނަށް އެކުދިންގެ އިހްސާސްތައް އަދި އެހެން މީހުންގެ އިހްސާސްތައް ދެނެގަނެ އެހެން މީހުންނާއި ހިއްސާކުރަން ދަސްވެ ކޮންޓްރޯލް ކުރަން ދަސްކޮށްދިނުމާއި ކުޑަކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދިނުމާއި މުއާމަލާތް ކުރާނެގޮތާއި އަމިއްލަ ހުނަރުތައް ބާރުވެރިކޮށް ރަގަޅު ކުރަން ހުރި ކަންތައްތައް ދެނެގަނެ ކާމިޔާބު ކުއްޖެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެދިނުމެވެ.

ސަމާ ވިދާޅުވިގޮތުގައި 3 ދުވަހަށް ދެމިގެންދާ މި ޕްރޮގްރާމް ނިންމާ ކޮންމެ ކުއްޖަކީ މުޖުތަމައު ބޭނުންވާ ފަދަ ހުނަރުވެރި ބާރުވެރި ކުއްޖަކަށް ހެދުމަށްޓަކައި ކުޑަކުދިންނާއި ގުޅޭ ތަފާތު އެކިއެކި ހަރަކާތްތަކާއިއެކު ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ ކިޔަވައިދިނުމާއި މައުލޫމާތު ހިއްސާކުރުމާއި ކުދިންގެ އަމަލީ ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ. މިއީ މިފަދަ ގޮތަކަށް ހިންގޭ ފުރަތަމަ ޕްރޮގްރާމްކަމަށްވާތީއާއި އަދި ބޭނުންވާ މަގުސަދު ހާސިލްކުރުމަށްޓަކައި، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 20 ކުދިންނަށެވެ. އެހެން ނަމަވެސް ސަމާ ފާހަގަ ކުރައްވާ ގޮތުން މުސްތަގްބަލްގައި މި ޕްރޮގްރާމްގެ އިތުރު ސެޝަންތައް ކުރިއަށް ދާނެއެވެ. އެހެންކަމުން ހުރިހާ ބެލެނިވެރިންވެސް އެ ބޭފުޅުންގެ ދަރިން ބާރުވެރި ހަރުދަނާ ޒިންމާދާރު ކުދިންނަށް ހެދުމަށްޓަކައި މި ފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ ކޮމިއުނިޓީން އިލްތިމާސް ކުރެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް މައިންޑްފުލް ކޮމިއުނިޓީގެ ސޯޝަލް މީޑިއާ ޕްލްޓްފޯމްތައް އަދި 9199918އަށް ގުޅާލުމުން މައުލޫމާތު ލިބޭނެއެވެ. އަދި މިހާރު އޮންލައިންކޮށްވެސް މި ޕްރޮގްރާމްގައި ބައިވެރި ވެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *