ކޮވިޑާ ގުޅިގެން އެމެރިކާގެ ކޮލެޖްތަކުގެ ކިޔެވުން އަނެއްކާވެސް އޮންލައިންކޮށް

އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން ކޮވިޑް-19 ގެ ބޮޑު ރާޅަކާއި ކުރިމަތިލާންޖެހި އެމެރިކާގެ ކޮލެޖްތަކުގެ ކިޔެވުން  އޮންލައިންކޮށް ގެންދަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ފިނި މޫސުމުގެ ބަންދަށްފަހު އެމެރިކާގެ ކޮލެޖުތަކުގެ ކިޔެވުން ފެށުމަށް ގާތްވެފައިވަނިކޮށެވެ. އެއް ހަފްތާގެ މުއްދަތަކަށް އޮންލައިންކޮށް ގެންދަން ހަމަޖެހިފައި އޮތަސް މި މުއްދަތު ދިގުދެމިގެން ގޮސްދާނެކަމަށް ލަފާދޭ މާހިރުން ދަނީ ބުނަމުންނެވެ.

މަޝްހޫރު ޔުނިވަރސިޓީއެއްކަމަށްވާ ހާވަރޑް ޔުނިވާރސިޓީގެ ކިޔެވުންތައް ފުރަތަމަ ތިން ހަފްތާ އޮންލައިންކޮށް ގެންދިޔުމަށްފަހު، މިމަހުގެ ފަހުކޮޅު ކެމްޕަހަށް ހާޒިރުވެ ދަރިވަރުންގެ ކިޔެވުން ކުރިޔަށްގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ. ޔުނިވަރސިޓީ އޮފް ޗިކާގޯގެ ސެމިސްޓަރ ފެށުން ލަސްކޮށްފައިވާއިރު މިޗިގަން ސްޓޭޓް ޔުނިވަރސިޓީން ދަނީ އޮންލައިންކޮށް ކިޔެވުން ގެންދިޔުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންނެވެ.

މި ކޮލެޖްތަކުގެ އުއްމީދަކީ އިތުރު ތިން ހަފްތާއެއްގެ ތެރޭގައި އޮމިކްރޯން ވޭރިއެންޓްގެ ޕީކް ފަހަނައަޅައި ކެމްޕަސްތަކުގައި ކިޔެވުން ފެށުމެވެ. ކިޔެވުން އޮންލައިންކޮށް ގެންދިޔުމުގެ ސަބަބުން ދަރިވަރުން ދަނީ ޢިލްމީ ހަޔާތުގެ ފޮނި މީރުކަން ހާސިލް ނުކުރެވޭކަމަށް ބުނަމުންނެވެ. ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް، ޕެންޑެމިކްގެ ސަބަބުން ދަނީ އަސަރު ކުރަމުންނެވެ. މިގޮތުން އެންމެ ބޮޑު އަސަރެއް ކުރާ އެއްބަޔަކީ ކިޔަވަމުންދާ ޒުވާން ޖީލްކަމަށް ދިރާސާތަކުން ދައްކައެވެ.

އޮމިކްރޯންގެ ސަބަބުން ތަޢުލީމް ލިބިގަތުމަށްޓަކައި ހުރި ދަތިތައް ކުޑަކުރުމަށްޓަކައި މާސްކު އަޅައި ބޫސްޓަރ ވެކްސިން ޖެހުމަށް ދަރިވަރުންނަށް ދަނީ އިރުޝާދު ދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *