ރޯޒުމީޑް އަހްމަދު އަލީ ދީދީގެ ހަނދާނުގައި، ޒިކްރާ އިންޓަރނޭޝަނަލް ކޮލެޖްގެ ފަރާތުން ގުރްޢާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ. އެކި ބޭފުޅުންގެ ހަނދާނުގައި ކުރިއަށް ގެންދާ މިމުބާރާތް މެދު ނުކެނޑި ބާއްވާ މިއީ 7 ވަނަ ފަހަރު ކަމަށް އެ ކޮލެޖްގެ ޑިރެކްޓަރ އަހުމަދު އަލީ ދީދީ ވިދާޅުވިއެވެ.
އެކި އުމުރު ފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 7 އުމުރު ފުރާއެއް ވާދަކުރާނެއެވެ. އެއީ 6 އަހަރުންދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީ އުމުރުފުރާއެވެ. މުބާރާތުގައި 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ. 1ވަނައަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު 2ވަނަ އަށް ހޮވޭ ފަރާތަކަށް 1 އަހަރު ދުވަހުގެ ސްކޮލަރޝިޕްއެއް ހަމަޖެހިގެންދާނެއެވެ. އަދި 3 ވަނަ އަށް ހޮވޭ ފަރާތަކަށް 6 މަސް ދުވަހުގެ ސްކޮލަރޝިޕްއެއް ހަމަޖެހިގެންދާނެއެވެ.
މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، ދަރިވަރުންގެ ހިތުގައި ގުރްޢާނާއިމެދު އަހުލުވެރި ކުރުވުންކަމަށް ޑިރެކްޓަރ އަހުމަދު އަލީ ދީދީވަނީ ފާހަގަކޮށްފައެވެ.
މިފަދަ މުބާރާތެއް ބޭއްވިގެންދަނީ ބެލެނިވެރިންނާއި ދަރިވަރުން އަދި ހަމައެހެންމެ ސްކޫލުތަކުގެ އެހީތެރިކަމާއިއެކުކަން ފާހަގަކޮށް ޒިކްރާ އިންޓަރނޭޝަނަލް ކޮލެޖްގެ ޑިރެކްޓަރ އަހުމަދު އަލީ ދީދީވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޞަފާ އުމްރާ ގްރޫޕްގެ އެއްބާރުލުން ފާހަގަކޮށް އެ ފަރާތަށްވެސްވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ފެބްރުއަރީ 2022 ގެ ކުރިންް އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ފޯމް ހުށައެޅުމަށް އެ ކޮލެޖްއިންވަނީ އެދިފައެވެ.
advertisment
ހިޔާލު