ފުރަތަމަ ޓަރމްގެ ބަންދާ ދިމާކޮށް، އއ.އަތޮޅު ތަޢުލީމީ މަރުކަޒުން ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް އިސްލާމް ސްޓަޑީ ކޭމްޕެއް ބާއްވައިފިއެވެ.
މި ސްޓަޑީ ކޭމްޕަކީ، 2022 އަދި 2023 ވަނަ އަހަރު އެސްއެސްސީ އިމްތިޙާނު ހަދާ ދަރިވަރުންނަށް އިސްލާމް ފިލާވަޅު ރަނގަޅަށް އުނގަންނައިދީ ފަހުމް ކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕުގެ ދާރިސެއްގެ ގޮތުގައި ވަޑައިގެންނެވީ ރެހެންދި ސްކޫލުގެ އިސްލާމް މުދައްރިސް ޤާސިމް މުޙައްމަދެވެ.

މި ކޭމްޕުގައި، ފިލާވަޅު ނަގައިދިނުމުގެ އިތުރުން ތަފާތު ހަރަކާތްތަކާއެކު، ދަރިވަރުންނަށް ފިލާވަޅު އުންގަންނައިދީފައިވެއެވެ. އެގޮތުން، އެކި ގްރޫޕްތަކަށް ދަރިވަރުން ބަހާލައިގެން ސުވާލު ކަރުދާސް ދިނުމާއި އެއަށް ޖަވާބު ދިނުމާއި ދަރިވަރުން މުނިފޫހި ފިލުވުމަށްޓަކައި އެކިއެކި އައުޓްޑޯރ އެކްޓިވިޓީސްތައް ސްކޫލުގެ ކޮމްޕައުންޑް ސަރަހައްދުގައި ކުރިއަށް ގެންދިޔައެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވި އިސްލާމިކް ސްޓަޑީ ކޭމްޕް ކުރިއަށް ގޮސްފައިވަނީ މި މަހުގެ 26-28 އަށެވެ. ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 ން ރޭގަޑު 10:00 އަކަށް މި ކޭމްޕު ކުރިއަށް ގެންގޮސްފައިވާއިރު، އެކި ދަންފަޅިތަކަކަށް ބަހާލާފައިވެއެވެ. އެގޮތުން 8:00 – 12:00 އަށް ހެނދުނުގެ ދަންފަޅި އޮންނައިރު، 9:30 – 10:00 އަކަށް ދަރިވަރުންނަށް ބްރޭކެއް ލިބެއެވެ. މެންދުރު ދަންފަޅިއަކީ 14:00 – 17:00 އެވެ. އަދި ރޭގަނޑު ދަންފަޅިއަކީ 20:00 – 22:00 އެވެ.

މި ސްޓަޑީ ކޭމްޕު ކާމިޔާބުކަމާއެކީ ނިންމާލުމުގައި ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބިވަޑައިގަންފައިވާކަން، އއ.އޭއީސީގެ ޕްރިންސިޕަލް ރަޝީދާ މޫސާ ވިދާޅުވިއެވެ. އެގޮތުން، މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްތައްކަމުން، ސްކޫލްގެ މުދައްރިސުން ޗުއްޓީގައި ތިއްބެވުމުން، ސްކޫލް އިދާރީ މަސައްކަތްކުރާ އެންމެހާ ބޭފުޅުންގެ މަސައްކަތަށާއި ދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސެކަންޑްރީގެ ލީޑިންގ ޓީޗަރުންނަށާއި، ބެލެނިވެރިންނަށާއި، ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލުން ދެއްވި އެއްބާރުލުމަށް، އެ ފަރާތްތަކަށްވެސް ޕްރިންސިޕަލްވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ސްޓަޑީ ކޭމްޕުގައި ބައިވެރިވެފައިވަނީ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންގެ ޖުމްލަ 24 ދަރިވަރުންނެވެ.
advertisment
ހިޔާލު