އޭގެ ތެރެއިން މުޙައްމަދު ޙުސައިނަކީ، 1 ފެބުރުވަރީ 1980 ގައި، ދިވެހިރާއްޖޭ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ހެޑްމާސްޓަރ/ އިނގިރޭސި މުދައްރިސަކަށް ބަދަލުވެވަޑައިގެން، އެމަގާމުގައި ހުންނަވާ، ތ. ތިމަރަފުށްޓަށް ވަޑައިގެން، ތަޢުލީމީ މަރުކަޒު ހުޅުވުމަށް ވާންޖެހުނު ތައްޔާރީތައް ކުރެއްވުމުގެ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިގޮތުން، ރަށުއޮފީހާ ގުޅިގެން، އެރަށުގައި ގްރޭޑް 1 އަށް ވަންނަ އުމުރުފުރައިގެ ކުދިން ތިބިތޯ ބައްލަވައި، ގްރޭޑް 1 އަށް ކުދީން ހަމަޖައްސަވައި، އެއަށްވުރެ ދޮށީ އުމުރުގެ ކުދީންވެސް ނަންގަވައިގެން އެ ކުދީންގެ ފެންވަރު ބައްލަވައި ޚާއްޞާ ކްލާސްތަކެއް އުފައްދަވައި، އެކުދީން އެ ކްލާސްތަކަށް ހަމަޖެއްސެވިއެވެ. އަދި ހުރިހާ ކްލާސްތަކުގެ ޓައިމްޓޭބަލްވެސް ހައްދަވައި ކިޔަވައިވެސް ދެއްވިއެވެ.

ދުވަސްކޮޅަކު ޚިދުމަތް ކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، މުޙައްމަދު ޙުސައިންގެ އުފަން ރަށުގައި ހުންނަ މަދްރަސަތުލް އިފްތިތާޙަށެވެ. އެ މަދަރުސާގައިވެސް ގްރޭޑް 1 އުފައްދަވައި ތަޢާރުފު ކުރެއްވުމުގައި މުޙައްމަދު ޙުސައިންގެ ހިއްސާ ވަރަށް ބޮޑަށް ލިބިފައި ވެއެވެ. އޭރު ކުދީންގެ ފެންވަރު ހުރިގޮތުން ގްރޭޑް 8 އުފެއްދޭގޮތް ނުވުމުން، ޕްރީ 8 އުފައްދަވައި، އިނގިރޭސި ބަހުގެ ތަޢުލީމުގެ ތެރެއަށް އެ މަދަރުސާ ގެންދެވުމުގައިވެސް މުޙައްމަދު ޙުސައިންގެ ހިއްސާ ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. މަދްރަސަތުލް އިފްތިތާޙުގައި ޚިދުމަތް ކުރެއްވުމަށްފަހު، މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދީންގެ މަރުކަޒަށް ބަދަލުވެވަޑައިގަތެވެ. އޭރު އެ މަރުކަޒުގައި ތިބި ކުދީންގެ ތެރޭގައި، އުސޫލުތަކަށް ތަބާވާ ކުދީން މަދެވެ. މުޙައްމަދު ޙުސައިންގެ މިންނެތް މަސައްކަތާއި ހުނަރުވެރިކަމުން، ދެތިންމަސްދުވަހުގެ ތެރޭގައި، އެ މަރުކަޒުގައި ތިބި 110 ކުދީންނަކީ އުސޫލުތަކަށް ތަބާވާ ކިޔަމަންތެރި ކުދިބަޔަކަށް ހެއްދެވިއެވެ.
މުޙައްމަދު ޙުސައިން ވަނީ، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ޚިދުމަތް ކުރައްވައިފައެވެ. އެ މަރުކަޒުގެ ހިންގެވުމުގެ އިތުރުން، މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެކި މާއްދާތައް ކިޔަވައިދެއްވުމާއި، އެކިއެކި މުނާސަބަތާގުޅޭގޮތުން ޖަލްސާތައް އިންތިޒާމު ކުރާނޭ ގޮތާއި، ވާހަކަ ދައްކަން ދަސްކޮށްދެއްވުންފަދަ ގިނަ ހުނަރުތަކެއް ކުދީންގެ ކިބައިގައި އަށަގެންނެވުމުގެ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.
ޒުވާނުންގެ މަޖިލީހުގެ ސެކްރެޓެރީއަކަށް މުޙައްމަދު ޙުސައިން ބަދަލުވެވަޑައިގަތީ 7 މާރިޗު 1983 ގައެވެ. އެ މަރުކަޒުގައި ޒުވާން ކުދީންކޮޅެއް ނެރެމުން ގެންދިޔަ ނޫސް "ޒުވާނުންގެ ހަރަކާތް" ތައްޔާރުކުރައްވައި ނެރުއްވުމުގައި އެހީތެރިވެދެއްވިއެވެ. ޒުވާނުންގެ މަރުކަޒުގެ ސެކްރެޓެރީކަންވެސް ކުރައްވައި، 6 ފެބުރުވަރީ 1985 ގައި މަޖީދިއްޔާ ސްކޫލުގެ ދިވެހި މުދައްރިސަކަށް ބަދަލުވެވަޑައިގެން، ފަށާ ތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންނަށް ދިވެހި ބަސް އުނގަންނައިދެއްވިއެވެ. އަދި އެ ދަރިވަރުންނަށް ޚާއްޞަ ކުރައްވައިގެން ސްޓޭޖް ޝޯއެއް ތައްޔާރު ކުރެއްވުމާއި، ތަމްސީލާއި ޑްރާމާ ތައްޔާރު ކުރައްވައި ހުށަހަޅުއްވައިދެއްވުމުގައި އުޅުއްވައިފައި ވެއެވެ. އަދި ދަރިވަރުން ލައްވައި ތަފާތު ކުޅިވަރުތައް ކުޅުވައި މުބާރާތްތައް ބޭއްވުންފަދަ އިންތިޒާމުތައްވެސް ކުރެއްވިއެވެ. ތަޢުލީމީ ދާއިރާގެ ތަފާތު މަގާމުތަކުގައި ހުންނަވައިގެން ތަޢުލީމު އުނގަންނައިދެއްވުމާއި، ސްކޫލު ހިންގުމުގެ ތަފާތު މަސައްކަތްތައް ކުރައްވައިފައިވާ މުޙައްމަދު ޙުސައިންގެ ޚިދުމަތް ނިންމަވައިލެއްވީ، މުޙައްމަދު ޙުސައިންގެ އުފަން ރަށް، ރާއްޖޭގައި މިވަގުތު ހުރި އެންމެ ގިނަދުވަސްވީ އެއް މަދަރުސާ މަދްރަސަތުލް އިފްތިތާޙުގައި ހުންނަވައިގެންނެވެ. އެ މަދަރުސާގައި ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު އަދާކުރައްވައި، 38 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހުގައެވެ.
ޢުމަރު ވަޙީދު
1983 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަދުވަހު ސަރުކާރުގެ ޚިދުމަތަށް އުމަރު ވަޙީދު ނުކުންނެވީ، ވ.އަތޮޅު މަދަރުސާގެ ވަގުތީ މަސައްކަތު މީހެއްގެ މަގާމުންނެވެ. ހީވާގިކަމާއި، މުރާލިކަމާއެކު ޚިދުމަތް ކުރެއްވުމުގައި، ޢުމަރު ވަޙީދު މިހާރުވެސް ދެމި އެބަ ހުންނެވިއެވެ.
މަސައްކަތު މީހެއްގެ ވަޒީފާގައި ހުންނެވިނަމަވެސް، ޢުމަރު ވަޙީދަކީ، ވަރަށް ހުނަރުވެރި ބޭފުޅެކެވެ. މަދަރުސާގައި ކުރަންޖެހޭ އިލެކްޓްރިކަލް މަސައްކަތްތަކާއި، އެކިއެކި މެޝިންތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި ޢުމަރު ވަޙީދުގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބެމުން ދެއެވެ. ރަސްމީ މަސައްކަތު ވަގުތުގައްޔާއި، އެނޫން ވަގުތުތަކުގައިވެސް، މައްސަލައެއް ދިމާވެގެން އަންގަވާ ކޮންމެ ވަގުތަކުވެސް ވަޑައިގެން އެކަމެއް ވަގުތުން ޙައްލުކޮށްދެއްވައެވެ.

ޢުމަރު ވަޙީދަކީ، މަދަރުސާގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ މުވައްޒަފެކެވެ. ސްކޫލާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރެއްވުމުގެ މަސައްކަތްތަކަކީ ކޮންމެ ދުވަހަކުވެސް ބަރާބަރަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ. ޢުމަރު ވަޙީދަކީ، އަމިއްލައަށް އިސްނަންގަވައިގެން އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޢުމަރު ވަޙީދު، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 37 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މުޙައްމަދު ވަޙީދު ޢަލީ
މުޙައްމަދު ވަޙީދު ޢަލީ، ދިވެހި ދައުލަތުގެ ޚިދުމަތުގައި 37 އަހަރަށްވުރެން ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، އޭގެތެރެއިން އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އެކި މަގާމުތަކުގައި، ފައިސާއާބެހޭ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމުގެ މަސައްކަތުގައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ބަޖެޓް އޮފިސަރުކަމުގެ މަގާމަށް 1991 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު ބަދަލުވެވަޑައިގަތީއްސުރެން ފެށިގެން މިއަދާ ހަމަޔަށްވެސް މުޙައްމަދު ވަޙީދު ޢަލީ ހުންނެވީ، އެ މިނިސްޓްރީގެ ޚިދުމަތުގައެވެ. ފުރަތަމަ ކުރެއްވީ، އެ މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދިޔަ މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގގެ ބަޖެޓް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން، ބަޖެޓް ސެކްޝަން ހިންގަވައި ބެލެހެއްޓެވުމުގެ މަސައްކަތެވެ. އަދި އެ ފެކަލްޓީން ހިންގެވި ފައިސާ ބެލެހެއްޓުމާބެހޭ ކޯސްތަކުގައިވެސް ކިޔަވައިދެއްވައި މީހުން ތަމްރީނު ކުރެއްވިއެވެ.

މުޙައްމަދު ވަޙީދު ޢަލީއަކީ، 1995 ން ފެށިގެން 2004 އަށް ފެކަލްޓީ އޮފް މެނެޖްމަންޓް އެންޑް ކޮމްޕިއުޓިންގއިން ހިންގެވި ރަށްރަށުގެ ވެރިން ތަމްރީނުކުރާ ކޯހާއި، 2005 ން ފެށިގެން 2008 އަށް ހިންގެވި އެޑްވާސްންޑް ސެޓްފިކެޓް އިން އައިލެންޑް އެޑްމިނިސްޓްރޭޝަން ކޯހުގައި، ފައިސާއާބެހޭ ގަވާއިދު ކިޔަވައިދެއްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، 1994 ން ފެށިގެން އެ ފެކަލްޓީން ހިންގެވި ކުރު މުއްދަތުގެ ކޯސްތަކުގައިވެސް، ސަރުކާރުގެ ފައިސާއާއި ހިސާބު ބެލެހެއްޓުމުގެ ގަވާއިދު ކިޔަވައިދެއްވައިފައި ވެއެވެ.
އޯޑިޓް އޮފީހުގައި މުޙައްމަދު ވަޙީދު ޢަލީ ކުރައްވައިފައިވަނީ، ފައިސާ ބެލެހެއްޓުމާބެހޭ ގަވާއިދުތަކާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުން ފައިސާގެ މުޢާމަލާތު ކޮށްފައިވޭތޯ ބެއްލެވުމުގެ މަސައްކަތެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބަދަލުވެވަޑައިގަތުމަށްފަހުގައިވެސް މައިގަނޑު ގޮތެއްގައި ކުރައްވަމުން ގެންދަވައިފައިވަނީ، މި މަސައްކަތެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި މިދާއިރާގައި މުޙައްމަދު ވަޙީދު ޢަލީ ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކާއި، މިނިސްޓްރީގެ ދަށުން ހިންގާ ސްކޫލްތަކުގެ އިންޓަރނަލް އޮޑިޓްތައް ރާވައި ހިންގެވުން ހިމެނެއެވެ. އަދި މި ދާއިރާގައި ފައިސާއާބެހޭ ކަންކަމުގައި ޙަރަކާތްތެރިވާ މުވައްޒަފުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި މަސައްކަތު ބައްދަލުވުންތައް ރާއްވަވައި ހިންގަވައިގެން، ގިނަ އަދަދެއްގެ މުވައްޒަފުން ތަމްރީނު ކުރައްވައިފައިވާކަންވެސް ފާހަގަކުރެވެއެވެ.
ހިންގުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއެކު ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ފައިސާއާބެހޭ ކަންކަން ބެލެހެއްޓުމަށްޓަކައި ގެނެވުނު ބަދަލުތަކާ ގުޅޭ ގިނަ މަސައްކަތްތަކެއް މުޙައްމަދު ވަޙީދު ޢަލީ ކުރައްވައިފައި ވެއެވެ. ހަމައެއާއެކު ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުން މިކަންކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގަވައިދެއްވައިފައި ވެއެވެ. ތަޢުލީމީ ދާއިރާގައި މި މަސައްކަތުގައި ގާތްގަނޑަކަށް 27 އަހަރު ހޭދަކުރައްވައިފައި ވެއެވެ.
މުޙައްމަދު ވަޙީދު ޢަލީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ، ފައިނޭންސް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމާއި، ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ބަޖެޓް ޕްލޭނިންގ އެންޑް ފައިނޭޝަލް ކޮންޓްރޯލް އެންޑް އިންޓަރނަލް އޯޑިޓް ސެކްޝަނާއި، އޯޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނާއި، ފައިނޭންސް ޑިވިޜަނުގައިވެސް މަސައްކަތްކުރައްވައިފައި ވެއެވެ. މުޙައްމަދު ވަޙީދު ޢަލީ، މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ، ފައިނޭންސް ޑިވިޜަނުގައި، ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.
މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1 ޖަނަވަރީ 1983 ގައެވެ. ކަނޑުހުޅުދޫ މަކްތަބުގެ މުދައްރިސެއްގެ ވަޒީފާއިން ޚިދުމަތް ފެށްޓެވި މުޙައްމަދު ޒާހިރު، ގދ.އަތޮޅު މަދަރުސާގައިވެސް ޚިދުމަތް ކުރެއްވުމަށްފަހު އަލުން ކަނޑުހުޅުދޫ ސްކޫލަށް ބަދަލުވެވަޑައިގަތެވެ. އަތޮޅު މަދަރުސާގައި ޚިދުމަތް ކުރެއްވީ ރަށު މަކުތަބު މަރާމާތު ކުރެއްވުމަށްފަހު ތަޢުލީމު ދޭނެ ރަނގަޅު އިމާރާތެއް ބިނާކުރެވެންދެނެވެ. އަތޮޅު މަދަރުސާގައި މުޙައްމަދު ޒާހިރު ދެ އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވިއެވެ.
ކަނޑުހުޅުދޫ މަކުތަބުގެ ނަން ކަނޑުހުޅުދޫ ސްކޫލުގެ ނަމަށް ބަދަލުވުމަށްފަހު، އެ ސްކޫލުގެ ވަޒީފާއަށް މުޙައްމަދު ޒާހިރު ބަދަލުވެވަޑައިގަތީ އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ. ސްކޫލު ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުއްލަވައިގެންނެވެ. 2008 ވަނަ އަހަރު އެ ސްކޫލަށް ޕްރިންސިޕަލެއް ހަމަޖެއްސެވުމުން، ޒާހިރު އަނެއްކާވެސް ކިޔަވައިދެއްވަން ފެށްޓެވީއެވެ. ސެކަންޑްރީ ގްރޭޑްތަކަށް އިސްލާމް މާއްދާ ކިޔަވައިދެއްވާ މުދައްރިސެއްގެ ގޮތުންނެވެ.
މުޙައްމަދު ޒާހިރު އަބަދުވެސް ޚިދުމަތް ކުރައްވަމުން ގެންދެވީ، މުދައްރިސެއްގެ ގޮތުންނެވެ. ފުރަތަމަ ޚިދުމަތް ފެށްޓެވިއިރު ހުންނެވީ، ރާއްޖެތެރޭގެ މަދަރުސާ މަކުތަބު ތަކުގެ މުދައްރިސަކަށެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމާއި، ޕްރައިމަރީ ޓީޗަރުކަމާއި، ގްރެޖުއޭޓް ޓީޗަރުކަން ކުރައްވައިފައި ވެއެވެ.

މުޙައްމަދު ޒާހިރު ޕްރައިމަރީ ޓީޗަރެއްގެ ގޮތުން ޚިދުމަތް ކުރެއްވިއިރު، ޕްރައިމަރީ ގްރޭޑްތަކުގެ ހުރިހާ ދަރިވަރުންނަށް ތަޢުލީމު އުނގަންނަވައިދެއްވިއެވެ. ވަސީލަތްތައް މަދު ދުވަސްވަރެއްގައި ފެށްޓެވި މި މަސައްކަތް ކުރިއަށް ގެންދެވީ، ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކުގައެވެ. ދަރިވަރުންނަށް އުނގަންނައިދެއްވުމަށް ކުރެއްވި ބުރަ އަދި އުނދަގޫ މަސައްކަތް ކުރެއްވީ، ޤައުމަށް ޚިދުމަތްކުރާނެ ރަނގަޅު ދަރީންތަކެއް ތަރުބިޔަތު ކުރުމުގެ ވިސްނުމާއި އުންމީދުގައެވެ. މުޙައްމަދު ޒާހިރު ތަޢުލީމު އުނގަންނައިދެއްވި ދަރިވަރުން، މުޙައްމަދު ޒާހިރާ އެއްފުރާޅެއްގެ ދަށުގައި އެކުގައި މަސައްކަތް ކުރަމުން ގެންދާކަމީ، ރަނގަޅު ދަރީންތަކެއް ރަނގަޅު ބިންގަލެއްގެ މަތީގައި ތަރުބިޔަތު ކުރެވިފައިވާކަމުގެ ދަލީލެކެވެ. އެއީ، ދެކެވަޑައިގަންނަވަން ބޭނުންފުޅުވި ނަތީޖާއެވެ.
މުޙައްމަދު ޒާހިރު، ސްކޫލާ ގުޅިވަޑައިގެންނެވިއިރު ދަނޑިފަނުން ހުރި އިމާރާތްތަކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ބަދަލުވެގެން ދިޔުމުގައި މުޙައްމަދު ޒާހިރުގެ ހިއްސާ ބޮޑުކަން ފާހަގަ ކޮށްލަން ޖެހެއެވެ.
މުޙައްމަދު ޒާހިރަކީ، އުނގަންނައިދިނުމުގެ އިތުރުން، ދަރިވަރުންގެ އަޚުލާޤު ރަނގަޅު ކުރުމަށާއި، ދީނީގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުމަށް، ޢަމަލީގޮތުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މުޙައްމަދު ޒާހިރު ވަނީ، 40 އަހަރަށްވުރެ ގިނަދުވަހު އިޚުލާޞްތެރިކަމާއެކު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.
ޝަމީމާ ޢަލީ
ޝަމީމާ ޢަލީ، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުން ހިންގި ދިވެހި، ދީނިއްޔާތު، ތިމާވެށި ކޯސް ފުރިހަމަކުރައްވައި، 1985 ވަނަ އަހަރު މުދައްރިސްކަމުގެ ސަނަދު ހާސިލު ކުރެއްވުމަށްފަހު، ޖަމާލުއްދީން ސްކޫލްގެ މުދައްރިސެއްގެ ވަޒީފާއަށް ވެދެވަޑައިގަތެވެ. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް، މެދުކެނޑުމެއްނެތި ޓީޗަރެއްގެ ވަޒީފާގައި ހުންނަވައިގެން، ހީވާގިކަމާއި މުރާލިކަމާއެކު ދަރިވަރުންނަށް އުނގަންނައިދެއްވުމުގެ ބުރަ މަސައްކަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ.
ކިޔަވައިދެއްވުމުގެ އިތުރުން، ސްކޫލްގެ އިތުރު ހަރަކާތްތަކާއި، ދަރިވަރުންގެ ކުރިއެރުމަށް އެކި ކަންކަން ކޮށްދެއްވައިފައި ވެއެވެ. ދަރިވަރުންގެ ތެރެއިން އެވްރެޖް ލެވެލްއަށް ނާންނަ ކުދިންނަށް އެންރިޗްމަންޓް ޕްރޮގްރާމް ހިންގެވުމާއި، ސްކޫލް ކޮންސެޓާއި، މިނިވަންދުވަހުގެ އައިޓަމް ތައްޔާރުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމާއި، ކަބް ސްކައުޓް، ލިޓްލްމެއިޑް، އަދި ސްވިމިންގ ފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މީގެއިތުރުން، ސްކޫލްގައި ހިންގާ ކްލަބުތަކުގައި ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކޮށްދެއްވައިފައި ވެއެވެ. އަދި އަޑުއިވުމުގެ ދަތިކަން ހުންނަ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމާއި، އެކުދިން މުޖުތަމަޢަށް ފައިދާހުރި ކުދިބަޔަކަށް ހެއްދެވުމަށް، އެފަދަ ކުދިންނަށް ސްކޫލްގައި ހިންގާ މާޖެހުމާއި ފަހަން ދަސްކޮށްދޭ ކްލާސްތަކާއި، އެފަދަ އެހެން ޕްރޮގްރާމްތަކުގައި، އެކުދިންނަށް ތަރުޖަމާ ކޮށްދެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
ޝަމީމާ ޢަލީއަކީ، ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވާ ހުރިހާ ޙަރަކާތެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.
ޝަމީމާ ޢަލީ، މަތީ ތަޢުލީމު ހާސިލު ކުރައްވައިފައި ވަނީ ވިލާ ކޮލެޖުންނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯއިން އޮނަރސް ޑިގްރީ ހާސިލުކުރައްވައި، ކިޔަވައިދިނުމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޯމާ ހާސިލު ކުރައްވައިފައި ވެއެވެ. އަދި ދިވެހި ލޭންގްވިޖުން މާސްޓަރ އޮފް އެޑިޔުކޭޝަން ފުރިހަމަކުރައްވައިފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ.
ޝަރީފާ އިބްރާހީމް
ޝަރީފާ އިބްރާހީމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ނޮވެންބަރު 1984 ގައެވެ. މިވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި ޝަރީފާ އިބްރާހީމް އަދާކުރެއްވީ، މަސައްކަތު މީހެއްގެ ވަޒީފާއެވެ.
ޝަރީފާ އިބްރާހީމަކީ، ޙަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު އަމިއްލައަށް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސަޕޯޓް ސްޓާފެއްގެ ގޮތުން މި ދިގު މުއްދަތުގައި ޝަރީފާ އިބްރާހީމް ކޮށްދެއްވި ޚިދުމަތްތަކަކީ،ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ކުރީސަފުގައި ހުންނަވައިގެން މަސައްކަތް ކުރައްވާ ހީވާގި، މަސައްކަތުގެ އަޚްލާޤު ރަނގަޅު ނަމޫނާ ބޭފުޅެކެވެ.

ޝަރީފާ އިބްރާހީމަކީ، ތަނުގެ ކުރިއެރުމަށް ނުހަނު ޝައުޤުވެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާކަން އެއީ މިކަމުގެ ހެތްކެކެވެ. އަދި ޝަރީފާ އިބްރާހީމަކީ، ފ.އަތޮޅު މަދަރުސާގެ އެހެން މުވައްޒަފުންނަށްވެސް އެކި ކަންކަމުގައި ނަމޫނާ ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.
އިބްރާހީމް ޢަބްދުﷲ
ދައުލަތުގެ ޚިދުމަތުގައި އިބްރާހީމް ޢަބްދުﷲ ހޭދަކުރެއްވި 39 އަހަރުދުވަހުގެ ތެރޭގައި މުޅީންވެސް ޚިދުމަތް ކުރެއްވީ، ތަޢުލީމީ ދާއިރާގައެވެ. 1982 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ޚިދުމަތް ފެށްޓެވީ، ޅ.ހިންނަވަރުގައި އޭރު ހުރި ޅ.އަތޮޅު މަދަރުސާގައެވެ. އެ މަދަރުސާގައި، ޕްރައިމަރީ ޓީޗަރެއްގެގޮތުން ހުރިހާ މާއްދާތަކެއް ކިޔަވައިދެއްވިއެވެ. 1984 ވަނަ އަހަރު ޅ.އަތޮޅު ތަޢުލީމީ މަރުކަޒަށް ބަދަލު ކުރެއްވުމުން އެ މަރުކަޒުގައި ދިވެހި މާއްދާ ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި 1999 އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު، ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ހެޑްމާސްޓަރުގެ މަގާމަށް ބަދަލު ކުރައްވައި، އޭގެފަހުން ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުވެސް އަދާކުރެއްވިއެވެ.
ސްކޫލުގެ އިދާރީ މަގާމުތަކަށް ބަދަލުކުރެއްވުމުން ކުރައްވަން ޖެހިވަޑައިގަތީ، އިދާރީގޮތުން ކުރައްވަންޖެހޭ މަސައްކަތްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކެވެ. މިހާރު އެޑްމިނިސްޓްރޭޓަރަކަށް ހުންނެވި ކަމުގައިވިޔަސް ކުރައްވާ މަސައްކަތަށް ބަދަލު އައިސްފައެއް ނުވެއެވެ. ޤާބިލުކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރެއްވުމުގައި އިބްރާހީމް ޢަބްދުﷲ ދެމިހުންނެވިއެވެ.

އިބްރާހީމް ޢަބްދުﷲ އަކީ، ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ރަނގަޅު ނަތީޖާ ހޯއްދަވައިދެއްވުމުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ސްކޫލުގައި ޒަމާނީ ފެންވަރުގެ ޢިމާރާތްތައް ބިނާކުރެއްވުމުގައްޔާއި، ޒަމާނީ ވަސީލަތްތަކާއި، ޓީޗަރުން ހޯއްދަވައިދެއްވުމުގައިވެސް އަގުނުކުރެވޭފަދަ ޚިދުމަތްތައް އިބްރާހީމް ޢަބްދުﷲ ކުރައްވައިފައި ވެއެވެ. ސްކޫލުގެ ބަޖެޓުގެ އެންމެހައި ކަންތައްތަކާއި، ޕްރޮކިއުމަންޓާއި، އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމުގައިވެސް އިބްރާހީމް ޢަބްދުﷲ އިސްވެ ޙަރަކާތްތެރިވެ ވަޑައިގަންނަވައެވެ.
ސްކޫލުން ހޯދާ ގިނަ ކާމިޔާބީތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރައްވާ އެއްބޭފުޅަކީ، އިބްރާހީމް ޢަބްދުﷲ އެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޅ.އަތޮޅު ތަޢުލީމީ މަރުކަޒާ ހަވާލުކުރައްވާ ފޮތްތަކާއި ވައުޗަރުތައް ހަވާލުކުރެއްވުމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވައިގެން އަތޮޅުތަކަށް ވަޑައިގެން ބައެއް ސްކޫލްތައް އޯޑިޓް ކުރެއްވުމާއި، އަތޮޅުތަކުގެ ސްކޫލްތަކުގައި ފައިސާ ބަލަހައްޓާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ފައިސާއާބެހޭ މަސައްކަތު ބައްދަލުވުންތަކުގައި މަޢުލޫމާތު ދެއްވުންފަދަ ކަންކަމަކީވެސް އިބްރާހީމް ޢަބްދުﷲ ގެ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ.
ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމް
ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމް، ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެނަންބަރު ކާތިބެއްގެ ވަޒީފާއިންނެވެ. 1983 އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެ މަރުކަޒުގެ ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމުގެ މަގާމު ޢަބްދުލްޢަޒީޒް އަދާކުރެއްވުމަށްފަހު މިހާރު ހުންނެވީ، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.
ޢަބްދުލްޢަޒީޒަކީ، ތަޢުލީމީ މަރުކަޒުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، ފައިސާއާބެހޭ މަސައްކަތްތަކާއި، ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރެއްވުމުގެ މަސައްކަތް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ސްކޫލު ހުޅުވަންޖެހޭ ވަގުތަށް ހުޅުވައި ލެއްޕުމުގެ ޒިންމާއަކީވެސް ޢަބްދުލްޢަޒީޒް އިސްނަންގަވައިގެން ވަރަށް ބަރާބަރަށް ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އަބަދުވެސް ސާފުތާހިރު ވެށްޓެއްގެގޮތުގައި ސްކޫލް ބޭއްވެވުމުގެގޮތުން ޗެކްލިސްޓެއް ހައްދަވައިގެން ކޮންމެ ދުވަހަކުވެސް އެދުވަހަކު ކުރަންޖެހޭ މަސައްކަތްތައް ކުރުވުމުގައްޔާއި، އެކިއެކި ބޭނުންތަކުގައި ސްކޫލަށް ޒިޔާރަތްކުރާ މީހުންނާ ބައްދަލުކުރައްވައި، އެމީހުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވުމުގައިވެސް ޢަބްދުލްޢަޒީޒް އިސްވެ ޙަރަކާތްތެރިވެވަޑައިގަންނަވައެވެ.

ތަޢުލީމީ މަރުކަޒުގައި ޖާގައިގެ ދަތިކަން ބޮޑުވުމުން ސަރުކާރުން ތަކެތި ދެއްވުމުން ބެލެނިވެރިންނާ ގުޅިގެން، ރައްޔިތުންނާއި، ބެލެނިވެރިންނާއި، ވިޔަފާރިވެރިންނާއި، ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީ ހޯއްދަވައިގެން ސްކޫލުގައި 3 ކްލާސްރޫމާއި، ސައިންސް ލެބޯރެޓަރީއެއް ޤާއިމުކުރެއްވުމުގެ މަސައްކަތުގައިވެސް އެންމެ އިސްކޮށް އުޅުއްވީ ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމެވެ. ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލު ތައްޔާރުކުރެއްވުމުގައިވެސް ޢަބްދުލްޢަޒީޒްގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުން ދެއެވެ.
ޢަބްދުލްޢަޒީޒް ޢަބްދުލްކަރީމް، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 38 އަހަރަށްވުރެން ގިނަދުވަސް ވެއްޖެއެވެ.
1985 ޖަނަވަރީ 1 ވަނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވި އަބޫބަކުރު އަޙްމަދު ފުރަތަމަ ޚިދުމަތް ފެށްޓެވީވެސް ތަޢުލީމީ ދާއިރައިގައެވެ. ތަޢުލީމީ ދާއިރައިގައި ފެށްޓެވި އެ ޚިދުމަތަށް މެދުކެނޑުމެއް ނުގެންނަވައެވެ. އަދިވެސް ހުންނެވީ އެ ޚިދުމަތުގައި، އެ ދާއިރާގައެވެ.
އަބޫބަކުރު އަޙްމަދު
އަބޫބަކުރު އަޙްމަދު ފުރަތަމަ ޚިދުމަތް ފެށްޓެވީ ގދ.އަތޮޅު މަދަރުސާގައެވެ. ޕްރައިމަރީ ޓީޗަރެއްގޮތުންނެވެ. ގދ.އަތޮޅު މަދަރުސާގައި، ޕްރައިމަރީ ގްރޭޑްތަކަށް، ގްރޭޑް 1 ން 5 އަށް ހުރިހާ މާއްދާތަކެއް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ޝައުޤުވެރިކަމާއި، ތެދުވެރިކަމާއެކު ދަރިވަރުންނަށް އުނގަންނައިދެއްވިއެވެ. ކިޔަވައިދެއްވުމުގެ އިތުރުން، އަދަބީ ޙަރަކާތްތަކާއި، ކުޅިވަރުގެ ޙަރަކާތްތަކާއި، އިޖުތިމާޢީ ޙަރަކާތްތަކާއި، ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތައް ފާހަގަކުރުމުގެ ޙަރަކާތްތައް ހިންގެވުމުގައި އިސްނަންގަވައިގެން ޚިދުމަތް ކުރެއްވިއެވެ. 1986 ޖަނަވަރީގައި، އަބޫބަކުރު އަޙްމަދު ބަދަލުވެވަޑައިގަތީ، ލ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. އެ މަރުކަޒުގައިވެސް ޕްރައިމަރީ ގްރޭޑްތަކަށް ހުރިހާ މާއްދާތަކެއް ކިޔަވައިދެއްވިއެވެ. އޭގެ އިތުރުން ސްކޫލުން ރާވައި ހިންގާ ހުރިހާ ޙަރަކާތްތަކެއްގައްޔާއި، 1987 ވަނަ އަހަރު ބޮޑެތި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ލ.ފޮނަދުއާއި، ލ.ގަމުގައި ހިންގުނު ޕްރޮގްރާމްތަކުގައި ވޮލަންޓިއަރެއްގެގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގައި 1998 ފެބުރުވަރީ 15 ވަނަ ދުވަހު ކިޔަވައިދޭން ފެށީއްސުރެން ފެށިގެން މެދުކަނޑުވައިނުލައްވައި، އަބޫބަކުރު އަޙްމަދު ގެންދަވަނީ އެ ސްކޫލުގައި ޚިދުމަތް ކުރައްވަމުންނެވެ. ޕްރައިމަރީ ޓީޗަރެއްގެގޮތުންނާއި، މިހާރު އިސްލާމް މުދައްރިސެއްގެގޮތުން، ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށާއި، މަތީ ޘާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔަވައިދެއްވަމުން ގެންދަވައެވެ. އަބޫބަކުރު އަޙްމަދަކީ، ބަރާބަރަށް ފިލާވަޅުތަކުގެ ލެސަން ޕްލޭން ހައްދަވައިގެން ކިޔަވައިދެއްވައި، ކުދީންގެ ރެކޯޑްތަކާއި ކުދީންނާ ގުޅުންހުރި އެހެން ރެކޯޑްތައް ވަރަށް ފުރިހަމައަށް ބަލަހައްޓަވަމުން ގެންދަވާ ޓީޗަރެކެވެ.

ސްކޫލުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ރާއްވަވައި ހިންގަވާ ކޮންމެ ޙަރަކާތެއްގައާއި، ޚާއްޞަކޮށް އިސްލާމް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ސްކޫލްގެ ހައުސްތަކުގެ މެދުގައި ބާއްވާ ޤުރްއާން މުބާރާތާއި، މަދަޙަ މުބާރާތްފަދަ މުބާރާތްތައް ރާއްވަވައި އިންތިޒާމު ކުރެއްވުމުގައި އިސް ދައުރެއް އަދާކުއްވަމުން ގެންދަވައެވެ. މީގެ އިތުރުން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ދަރިވަރުން ބައިވެރިވާ މުބާރާތްތަކުގައި ދަރިވަރުންނާއެކު އަތޮޅުގެ އެހެން ރަށްރަށުގެ ސްކޫލުތަކަށާއި މާލެއަށް ދަތުރުތައް ކުރައްވަމުން ގެންދަވައެވެ. އިސްލާމް ޑިޕާޓްމަންޓުގެ އިތުރުން ސްކޫލުގެ ދަރިވަރުންނަށް ހިންގޭ ކުޅިވަރު މުބާރާތްތަކާއި، ދަރިވަރުން، ޔުނިފޯމުގައި ތިބެގެން ބައިވެރިވާގޮތަށް ރާވައި ހިންގާ ޙަރަކާތްތަކުގައިވެސް އަބޫބަކުރު އަޙްމަދު ބައިވެރިވެވަޑައިގެން އެހީތެރިވެދެއްވަމުން ގެންދަވައެވެ. ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ސްކޫލުގައި ހިންގުނު ނަމާދު ޕްރޮގްރާމުގެ ދަށުން، ނަމާދުގައި ކިޔާ ދުޢާތަކާއި، ޒިކުރުތަކާއި، ނަމާދުގެ ޙަރަކާތްތައް ސްކޫލުގެ ދަރިވަރުންނަށް ދަސްކޮށްދެއްވައި ހިންގެވުމުގައި އަބޫބަކުރު އަޙްމަދުގެ ޙިއްސާ ވަރަށްބޮޑަށް ލިބިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.
އަބޫބަކުރު އަޙްމަދު ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
ފަހީމާ އިދުރީސް
1985 ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ތަޢުލީމީ ދާއިރާއިން ދައުލަތުގެ ޚިދުމަތަށް ނުކުންނެވި ފަހީމާ އިދުރީސް މިހާރުވެސް ހުންނެވީ، ތަޢުލީމު އުނގަންނައިދެއްވުމުގައެވެ. ފުރަތަމަ ޚިދުމަތަށް ނުކުންނެވީ، ވަގުތީ މުދައްރިސެއްގެ ގޮތުންނެވެ.
ފަހީމާ އިދުރީސް، އުލިގަމު ސްކޫލުގައި ފުރަތަމަ ޚިދުމަތް ފެށްޓެވިއިރު އެ ސްކޫލު ހިންގަމުން ގެންދިޔައީ، ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައެވެ. އޭރު އެ ސްކޫލުގައި އިދާރީ މުވައްޒަފުން ނެތުމުން، އިސް ޓީޗަރެއްގެގޮތުން ކިޔަވައިދެއްވުމުގެ އިތުރަށް ޓައިމްޓޭބަލް ހެދުމާއި، އިދާރީގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ޒިންމާދާރުކަމާއެކު ފަހީމާ ކުރެއްވިއެވެ. ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދެމުން ގެންދިޔައިރު ފިލާވަޅުތައް ތައްޔާރު ކުރެއްވުމާއި، ކިޔަވައިދެއްވުމުގައި ކޮންމެ ދުވަހަކުވެސް 12 ވަރަކަށް ގަޑިއިރު މަސައްކަތް ކުރައްވައިފައި ވެއެވެ.
ސްކޫލުގައި ޒަމާނީ ވަސީލަތްތައް ނެތްދުވަސްވަރު، އިމްތިޙާނު ކަރުދާސް ޗާޕު ކުރެވޭނެ ވަސީލަތެއް ނެތުމުން، ކޮޕީ ލައްވައިގެން އިމްތިޙާނު ކަރުދާސްތައް ލިޔުއްވައި ތައްޔާރު ކުރައްވައި، އިމްތިޙާނު ކަރުދާސްތައް ބައްލަވައި މާކްސް ދެއްވައި ކުދީންގެ ނަތީޖާތައް ދިރާސާކުރައްވަމުން ގެންދެވީ، ރެއެއް ދުވާލެއްނެތި ހިތްވަރާއި ހީވާގިކަމާއެކުގައިކަން ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްލަން ޖެހެއެވެ.
ބެލެނިވެރީން ހޭލުންތެރިކުރުވުމުގެގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގެވުމާއި، އިތުރު ހަރަކާތުގެ ގޮތުގައި ދަރިވަރުންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދެއްވުމާއި، ކުޅިވަރާއި އަދަބީ ހަރަކާތްތައް ރާއްވަވައި ހިންގެވުމުގައިވެސް ފަހީމާ އިސްކޮށް އުޅުއްވިއެވެ. އަދި ރައްޔިތުންގެ މަދަރުސާއެއްގެ ގޮތުގައި އުލިގަމު ސްކޫލް ހިންގަމުން ގެންދިޔައިރު ސްކޫލުގެ މާލިއްޔަތު މުއްސަނދިކުރުމަށް ބެލެނިވެރިންނާއި ދަރިވަރުންނާ ގުޅިގެން އިތުރު ހަރަކާތްތައް ހިންގަވައި، ފައިސާ ހޯއްދެވުމާއި، ލައިބްރަރީ ކޯނަރއެއް ޤާއިމުކުރައްވައި، ލައިބްރަރީއަށް ބޭނުންވާ ފޮތްތައް ހޯއްދެވުމުގެ މަސައްކަތްތައްވެސް ފަހީމާ އިސްނަންގަވައިގެން ކުރެއްވިއެވެ.
އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކުގައި ސްކޫލުގެ ދަރިވަރުން ބައިވެރިކުރުވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ޕްރީ ސްކޫލްގެ ޚިދުމަތް ދެއްވަން ފެށްޓެވުމާއި، ޓީޗަރުން ހޯއްދެވުމާއި، ތިމާވެށި ރައްކާތެރިކުރުމުގެގޮތުން ރަށުގެ އެކި ހިސާބުތަކުގައި، ހިޔާދޭ ގަސް އިންދުމާއި، ދަރިވަރުންގެ އަދަބީ ހަރަކާތްތައް އިތުރުކުރުމުގެގޮތުން އަތުން ލިޔެގެން "އަލިމަގު" ގެ ނަމުގައި މަޖައްލާއެއް ނެރުއްވުމާއި، ސްކޫލަށް ބޭނުންވާ ޓީޗަރުން ހޯއްދެވުމުގެ މަސައްކަތާއި، ބިދޭސީ ޓީޗަރުންގެ އެކޮމޮޑޭޝަންގެ ކަންކަން ޙައްލުކުރެއްވުމަށް ރަށްކުރިއަރުވާ ކޮމިޓީއާ ގުޅިގެން އެކޮމޮޑޭޝަން ބްލޮކެއް ޤާއިމުކުރެއްވުމަށް ފަހީމާ އިސްނަންގަވައިގެން ފަހީމާގެ ލަފައާއެކު ކުރި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ބެލެނިވެރިން ހޭލުންތެރިކުރުވުމަށާއި، ދަރިން ތަރުބިޔަތު ކުރުމަށާއި، ބެލެނިވެރިންގެ ތަޢުލީމީ ފެންވަރު މަތިކުރުމުގެގޮތުން ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެއްވުމާއި، ޚާއްޞަ މުނާސަބަތުތައް ފާހަގަކުރުމާބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ރާއްވަވައި ހިންގެވުމާއި، ސްކޫލުގެ މުވައްޒަފުންނާ ގުޅިގެން ހިންގާ ގިނަ ޙަރަކާތްތަކުގައިވެސް ފަހީމާ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ.
ފަހީމާ އިދުރީސް ކިޔަވައިދެއްވާ ދިވެހި މާއްދާގައި ބައިވެރިވި ދަރިވަރުން 2011 ވަނަ އަހަރާއި، 2014 ވަނަ އަހަރާއި، 2020 ވަނަ އަހަރު އެސް.އެސް.ސީ. އިމްތިޙާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ފާސްވެފައި ވެއެވެ. ފަހީމާވަނީ، ޑިޕްލޮމާ އިން ދިވެހި ލޭންގުއޭޖް ކޯހާއި، ބެޗްލަރ އޮފް ޓީޗިންގ ދިވެހި ލޭންގުއޭޖް ކޯހާއި، މާސްޓަރ އޮފް އެޑިއުކޭޝަން (ދިވެހި ލޭންގުއޭޖް ޓީޗިންގ) ކޯސްވެސް ފުރިހަމަ ކުރައްވައިފައެވެ. އަދި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުވެސް 2014 ވަނަ އަހަރު ހާސިލު ކުރައްވައިފައެވެ. އުލިގަމު ސްކޫލުގެ ސީނިއަރ ޓީޗަރުގެ މަގާމުގައި ހުންނެވި ފަހީމާ އިދުރީސްވަނީ، ދައުލަތަށް 35 އަހަރަށްވުރެން ގިނަދުވަހު ޚިދުމަތް ކުރައްވައިފައެވެ.
ޢަބްދުލްޙަމީދު އާދަމް
ޢަބްދުލްޙަމީދު އާދަމް، ދިވެހި ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، އަތޮޅު ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި، އޭދަފުށީގައި ހުންނަ ބ.އަތޮޅު ކޮމިއުނިޓީ ސްކޫލުގައި 17 ޖަނަވަރީ 1978 ގައެވެ. ޢަބްދުލްޙަމީދު ވަނީ ޚިދުމަތުގައި 37 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައެވެ. ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ހަމައަށްވެސް ހުންނެވީ، ދަރިވަރުންނަށް އުނގަންނައިދެއްވުމުގައެވެ.
ޢަބްދުލްޙަމީދު އާދަމް، ޚިދުމަތުގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި، އަތޮޅު ޕްރައިމަރީ ޓީޗަރުކަމާއި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމާއި، އެސިސްޓެންޓް ސުޕަވައިޒަރުކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުކަމާއި، ޑެޕިއުޓީ ޕްރިންސިޕަލްކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް، އެޑްމިނިސްޓްރޭޝަންގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޢަބްދުލްޙަމީދު އާދަމް ފާހަގަކުރެވިފައިވަނީ، އުނގަންނައިދިނުމުގެ ތަޖުރިބާކާރެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ކުޑަރިކިލުގެ ތަޢުލީމީ ހާލަތަށް އައި ހުރިހާ ބަދަލެއްގެ މޭސްތިރިއެއްގެ ގޮތުގައެވެ. އަދި ކުޑަރިކިލު ސްކޫލްގެ ތަޢުލީމީ ފެންވަރު މަތިކުރެއްވުމުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ހަރުދަނާ މުރުޝިދެއްގެ ގޮތުގައެވެ.
ޢަބްދުލްޙަމީދު އާދަމް 22 ފެބުރުވަރީ 1982 ގައި، ކުޑަރިކިލު ސްކޫލުގެ ވަޒީފާއަށް ވަޑައިގެންނެވިއިރު އެއީ ކުޑަރިކިލު މަކްތަބެވެ. އެ މަކްތަބުގައި އޭރު ތިބި 140 ކުދީންނަށް ވަގުތީ މުދައްރިސަކާއެކު ޕްރައިމަރީ ތަޢުލީމާއި، މެދު މަދުރަސީ ތަޢުލީމު ދެއްވަން ފެށްޓެވިއެވެ. އަދި 1985ގައި، ކުޑަރިކިލު ސްކޫލުގައި، ޕްރީސްކޫލުގެ ތަޢުލީމު ދެއްވަން ފެށްޓެވިއެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ބިދޭސީ 3 ޓީޗަރުންގެ އެހީއާއެކު ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވިއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ގްރޭޑް 10 ވެސް އުފައްދަވައި، އާބާދީ މަދު ރަށްރަށުގެ ތެރެއިން އެންމެ ފުރަތަމަ އޯލެވެލް އިމްތިޙާނު ހަދަންފެށި ސްކޫލަކަށް ކުޑަރިކިލު ސްކޫލް ހެއްދެވުމަށް ޢަބްދުލްޙަމީދު ކުރައްވައިފައިވަނީ، ބުރަ އަދި އިޚްލާޞްތެރި މަސައްކަތްތަކެކެވެ.

ތަޢުލީމު އުނގަންނައިދެއްވުމުގެ ކަންކަން ހަރުދަނާކުރައްވައި ތަރައްޤީކުރައްވަމުން ގެންދެވިއިރު ސްކޫލްގެ ޖާގައިގެ ދަތިކަން އިޙްސާސް ކުރެއްވުމުން، ބެލެނިވެރިންނާއި ސަރުކާރުގެ އެހީތެރިކަން ހޯއްދަވައިގެން 4 ކްލާސް ރޫމް އިތުރަށް ބިނާކުރެއްވުމުގައިވެސް ޢަބްދުލްޙަމީދު އާދަމް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން، ޤުރްއާން މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރައްވައި، އެ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރެއްވުމަށްވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. އަދި ވަޒީފާއިން ވަކިވެވަޑައިގަތުމާ ހަމައަށް ސްކޫލުގެ އިދާރީ ހުރިހާ ކަންތައްތަކެއްވެސް ބެލެހެއްޓެވީ، ޢަބްދުލްޙަމީދެވެ.
ޢަބްދުލްޙަމީދު އާދަމަކީ، ބ.އަތޮޅަށާއި، ޚާއްޞަކޮށް ކުޑަރިކިލުގެ ތަޢުލީމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ވަފާތެރިކަމާއެކު ކުރައްވައިފައިވާ ބޭފުޅެކެވެ. ކުޑަރިކިލުގައި ތަޢުލީމު ފެތުރުއްވުމަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް، ކުރައްވައިފައިވާ ބޭފުޅެކެވެ. ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން އެވަގުތަކަށް ކުރެއްވެން އޮތް ކޮންމެ މަސައްކަތެއްމެ، ފަސްޖެހިވަޑައިގަތުމަކާ ނުލައި ކުރެއްވި ބޭފުޅެކެވެ.
ޢަބްދުލްޙަމީދު އާދަމްވަނީ، މާޅޮސްމަޑުލު ދެކުނުބުރީގައި ތަޢުލީމަށް ކުރައްވައިފައިވާ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލުން ދެއްވި [ރަންނާ އެވޯޑް 2018] ހާސިލު ކުރައްވައިފައެވެ.
ޢަބްދުލްޙަމީދު އާދަމަކީ، ދިވެހިބޭސްވެރިކަމުގެ ކޯސް ފުރިހަމަ ކުރައްވައި، ދިވެހިބޭސްކުރުމުގެ ހުއްދަ ހޯއްދަވައިގެން ފުޅާ ދާއިރާއެއްގައި ދިވެހިބޭސް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.
މި ބޭފުޅުންނަށް ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގަތުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ފާހަގަކޮށް މަރުހަބާ ކިޔާފައެވެ.
advertisment
ހިޔާލު