ސްކޮލާރޝިޕަކާއެކު ޤައުމީ ޓީމުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އަފާފްއާއި ރައުދާއަށް

އަފާފްއާއި ރައުދާ، ކުޅިވަރުގެ ދާއިރާގައި ފިޔަޖަހަމުން އަންނަ ދެތަރިން

ބ އަތޮޅު ގޮއިދޫ ސްކޫލުން ކިޔެވުން ނިންމި އަފާފްއާއި ރައުދާއަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަވާލުކުރި ސްކޮލަރޝިޕާއެކު ޤައުމީ ވޮލީ ޓީމުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިއްޖެއެވެ.

އައިމިނަތު އަފާފް ނިޒާމް އަދި އައިމިނަތު ރައުދާއަކީވެސް ކުޅިވަރުގެ ދާއިރާއިން އެކި ލެވެލްތަކުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ދެ ކުދިންނެވެ.

މި ފުރުސަތާއެކު, މި ދެ ކުދިންވަނީ ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ވޮލީބޯލް ޓޯރނަމެންޓްގައި ވާދަކުރުމަށް ޤައުމީ ވޮލީބޯލްގެ އަންހެން ސީނިއަރ ޓީމާއެކު ފުރާފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ސްޕޯރޓްސް ސްކޮލަރޝިޕްއަކީ, ހުރިހާ ކުޅިވަރުތަކެއް ކުޅޭ ކުދިންނަށްވެސް ދޭ ސްކޮލަރޝިޕެކެވެ. މި ސްކޮލަރޝިޕްގެ ދަށުން މާލޭގައި ތިބެ މަތީ ތަޢުލީމަށް ކިޔަވުމުގެ ފުރުސަތު ލިބިގެންދެއެވެ.

އައިމިނަތު އަފާފް ނިޒާމް އަދި އައިމިނަތު ރައުދާގެ ހުނަރު ކުޅިވަރުގެ ދާއިރާއިން ފެނިފައިވާއިރު ކޮވިޑް-19 ގެ ސަބަބުން ކުޅިވަރުތައް މަޑުޖެހުނުކަމުގައިވިއަސް, މީގެ ކުރިން, ވޮލީބޯޅައިގެ 21 އަހަރުން ދަށުގެ ޖޫނިއަރ ޓީމުގެ ކެޕްޓެއިން ކަމުގައި އަފާފް ހުރުމަށްފަހު ވަނީ ރާއްޖެއިން ބޭރުގައި ޓޯރނަމެންޓެއް ކުޅެފައެވެ. ރައުދާވަނީ ބީޗް ވޮލީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްދީފައެވެ.

ރައުދާއާއި އަފާފްއަށް މި ލިބުނު ފުރުސަތުގެ ސަބަބުން ބ. ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް އެކަމަށް މަރުހަބާ ވިދާޅުވެ، ޝުކުރުއަދާކުރައްވާފައިވެއެވެ. އަދި މިފަދަ ފުރުސަތެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން, މި ދެކުދިންނަށް ދެއްވީތީ އުފާކުރައްވާކަމަށް ބ. ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް, މުޙައްމަދު ނިޒާމް ވިދާޅުވިއެވެ.

“ ވަރަށް އުފާވޭ މިކަހަލަ ފުރުސަތެއް އެޑިޔުކޭޝަން މިނިސްޓްރީން ދެއްވީތީ. ގިނަ ފަހަރު މާލޭގައި ހުރުމުގެ މާލީ ދަތިކަމާއެކީ ކުދިން ބެހެއްޓުމަށް ދަތިވޭ. އަދި މި ކަހަލަ ފުރުސަތުތައް ގިނައިން ލިބެނީ ފިރިހެން ކުދިންނަށް ކަމުން, އަންހެން ދެކުދިންނަށް މިކަހަލަ ފުރުސަތެއް ލިބުނީތީ އުފާކުރަން. ރަނގަޅު ވަޒީފާ ލިބި ކާމިޔާބު މުސްތަޤްބަލެއް ލިބިގެންދާތީ އުފާކުރަން”

ޕްރިންސިޕަލް މުޙައްމަދު ނިޒާމް

ގޮއިދޫ ސްކޫލަކީ ގްރޭޑް 10އަކާ ހިސާބަށް ކިޔަވައިދޭ ސްކޫލެއްކަމުން, މަތީ ތަޢުލީމަށް ކިޔެވުމަށް ފަހި ފުރުސަތެއް މި ދެ ކުދިންނަށް ހުޅުވާލަ ދެއްވީތީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށްވެސް ޕްރިންސިޕަލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *