އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދެނީ

ބެލެނެވެރިންނަށް މަޢުލޫމާތުދިނުމުގެ ސެޝަންގެ ތެރެއިން. ފޮޓޯ: ފޮލިސް

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަަށް އައްޑޫސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، އެ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް އެބަގެންދެއެވެ.

މި ޕްރޮގްރާމްގައި ސްކޫލްތަކުގެ ދަރިވަރުންނަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތުދީ އެ ކުދިންގެ ހައްގުތަކަކީ ކޮބައިކަމާއި ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް އެ ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް މަޢުލޫމާތު ދީފައިވާއިރު މައިންބަފައިންނާއި، މުދައްރިސުންނާއި، ތިމާއަށްވުރެ ބޮޑެތި މީހުންނަށް އިހުތިރާމްކޮށް ރިވެތި ބަހުން މުއާމަލާތު ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ސްކޫލާއި ބޭރުތެރޭގައިވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމް ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ހަނގާކުރުމަކީ ކޮބައިކަމާއި އެކަމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ދުރުހެލިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތާއި ހަނގާކުރުން ހުއްޓުވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި ހަނގާގެ ޝިކާރައަށްވާ ކުދިން އެކަމުން ދުރުހެލިކޮށް އެ ކުދިންނަށް އެހީތެރިވެދިނުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

ދަރިވަރުން ރައްކާތެރި ގޮތުގައި އިންޓަނެޓު ބޭނުންކުރާނެގޮތުގެ މައުލޫމާތުވެސް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މި ޕްރޮގްރާމްގައި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން، އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ނޭދެވޭ ކަންކަން ބުނެދީ ދަރިވަރުން ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެކި މައުލޫމާތު ރައްކާތެރިކުރާނެގޮތާއި، އިންޓަނެޓުން ކުރިމަތިވާ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތާއި އަމިއްލަ މައުލޫމާތު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓުން ލިބޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، ތިމާގެ އަމިއްލަ މައުލޫމާތާއި އާންމު މައުލޫމާތުގެ ތަފާތު ބުނެދީ އިންޓަނެޓުގައި އާންމުކޮށްގެންނުވާނެ މައުލޫމާތު ބުނެދީފައިވެއެވެ. އަދި ދަރިވަރުންނާ ގުޅުންހުރި ރައްކާތެރި އެޕްލިކޭޝަންތަކަކީ ކޮބައިކަމާއި، ރައްކާތެރި ނޫން އެޕްލިކޭޝަންތައް ދެނެގަންނާނެ ގޮތްތައް ކިޔައިދީފައިވެއެވެ.

ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ރައްކާތެރިވާނެ ގޮތާއި، އިންޓަނެޓުން ދިމާވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި، ޒާތީ އެއްވެސް މައުލޫމާތަކާއި، ޕާސްވޯޑު ފަދަ މުހިންމު މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ނަސޭހަތްތެރިވެފައިވެ ދިމާވާ ކަންކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށްވެސް މި ޕްރޮގްރާމްގައި ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ގެވެށި އަނިޔާއިން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމަށް މިނިސްޓްރީ އޮފް އެޑިއުޔުކޭޝަނުން ހަދާފައިވާ ޕޮލިސީތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާއިރު ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އިސްކަންދޭންވީ ކަންކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ކުއްޖާގެ އުމުރާ ގުޅޭގޮތުން އެ ކުއްޖާގެ އުޅުމަށާއި މިޒާޖަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ ކުށުގެ މާހައުލުން ކުދިން ދުރުހެލިކުރުމަށް މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް ބެލެނިވެރިން ކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުމާއި ރަނގަޅު ގޮތްތަކަށް ކުދިން ހާނުވައި އެ ކުދިންގެ ކިބައިގައި ރަނގަޅު ސިފަތައް އަށަގެންނެވުމަށް މަސައްކަތްކުރުމަށް މައުލޫމާތު ދީފައިވެއެވެ.

އައްޑޫ ސިޓީގެ ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމް އަންނަ ހުކުރު ދުވަހު ހުޅުމީދޫގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އައްޑޫސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ ދިވެހި ފުލުހުންގެ ހިދުމަތާއި، ޔުނިސެފް މޯލްޑިވްސްއާއި، ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަނާއި، އަރކްގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ޖަމްޢިއްޔާތަކާއި އައްޑޫސިޓީ ކައުންސިލާއި އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި އެ އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *