ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ހުޅުމީދޫގައި ކުރިއަށް ގެންގޮސްފި

ހުޅުމީދޫގައި ބޭއްވި ކަލަރ ރަންގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި ފުލުހުންގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޕޮލިސް

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހުޅުމީދޫގައި ކުޑަކުދިންގެ ކަލަރ ރަންއެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި ކަލަރ ރަންގައި، ކުޑަކުދިންނަށް ހާއްސަކޮށްގެން ޒުންބާގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭންގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާއިރު ރޮބޯމޭންއާއެކު ފޮޓޯނެގުމުގެ ފުރުސަތުވެސް ކުޑަކުދިންނަށް ފަހިކޮށްދީފައިވެއެެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި މި ކަލަރރަންގައި މިނިސްޓްރީ އޮފް ޖެންޑަރ ފެެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރ ޒިފްލީން ހަސަންއާއި ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި ފުލުހުން ބައިވެރިވިއެވެ.

އޭގެ އިތުރުން، ބިލްބޯޑް އިފްތިތާހް ކުރުންވެސް ހުޅުމީދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ. ކުޑަކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތްކުރުމާއި އެ ކަމަކީ ފަރުދީ އަދި އިޖުތިމާއީ ޒިންމާއަކަށް ހެދުމުގެ އިތުުރުން ކުޑަކުދިންނަށް ލިބެމުންދާ އެކި ކަހަލަ އަނިޔާ ތަކާއި އެ އަނިޔާތަކުން އެ ކުދިން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މެސެޖުތައް އެ ބިލްބޯޑުގައި ލިޔެފައިވެއެވެ. އަދި ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭނަމަ ރިޕޯޓު ކުރާނެ ނަމްބަރު ލިޔެފައިވެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އައްޑޫސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ ދިވެހި ފުލުހުންގެ ހިދުމަތާއި، ޔުނިސެފް މޯލްޑިވްސްއާއި، ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަނާއި، އަރކްގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ޖަމުއިއްޔާތަކާއި އައްޑޫސިޓީ ކައުންސިލާއި އެ އަތޮަޅުގެ ރަށު ކައުންސިލުތަކާއި އެ އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *