ތ.މަޑިފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މަޑިފުށީ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މަޑިފުށި ސްކޫލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމުގައި ގެވެށިއަނިޔާއަކީ ކޮބައިކަމާއި، ގެވެށި އަނިޔާގެ ހާލަތުގެ އިތުރުން ގެވެށި އަނިޔާއާމެދު ކުރެވިފައިވާ ބައެއް ކުށްހީތައް ބެލެނިވެރިންނާ ހިއްސާކޮށްފައިވެއެވެ.
އެގޮތުން، ގެވެށި އަނިޔާ މުޖްތަމައު ތެރޭގައި އާންމުވަމުންދާ މިންވަރާއި ގެވެށި އަނިޔާ ލިބިފައިވާ މީހުން ދެނެގަންނާނެ ގޮތްތަކާއި ގެވެށި ގުޅުމަކީ ކޮބައިކަމާއި ގެވެށި ގުޅުމެއްގައި ހިމެނޭ ފަރާތްތަކަކީ ކޮބައިކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ކޮބައިކަމާއި، އަނިޔާކުރުމަށް މަގުފަހިވާ ސަބަބުތަކާއި، އަނިޔާގެ އަމަލުތައް ހިނގަމުންދާ ގޮތާއި އަދި އަނިޔާކުރާ ފަރާތްތަކުން ބާރުގެ ބޭނުންކޮށްގެން އަނިޔާ ލިބޭ ފަރާތްތައް ކޮންޓްރޯލްކޮށް، އަނިޔާކުރުމުގައި ދެމިހުންނަ ސަބަބުތަކާއި، އަނިޔާގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.
އޭގެއިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، އަނިޔާގެ އަމަލެއް ހިނގައިފިނަމަ އެކަން ރިޕޯޓު ކުރެވޭނެ ވުޒާރާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަނިޔާގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ރައްކާތެރިވުމުގެ އަމުރުގެ މުހިންމުކަމާއި ރައްކާތެރިވުމުގެ އަމުރަށް އެދެވޭނެ ގޮތްތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.
ގެވެށި އަނިޔާގެ އަމަލުތަކުުގެ މައްޗަށް ކުޅެފައިވާ ބައެއް ތަމްސީލްތަކާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަޑިފުށީ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު