އަރަބިއްޔާގެ ދަރިވަރުންނަށް ބާ ޖަމާލުއްދީން ބިން ހަމަޖައްސައިދީފި

އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ކިޔެވުން ރައްކާތެރި ނުވާތީ، އެ ސްކޫލްގެ ދަރިވަރުންނަށް ބާ ޖަމާލުއްދީން ސްކޫލް ބިން ސަރުކާރުން ހަމަޖައްސައިދީފިއެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމަށް އެ ސްކޫލްގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބާ ޖަމާލުއްދީން ސްކޫލްގެ ބިން އަރަބިއްޔާއަށް ހަމަޖެއްސެވިކަން، އަރަބިއްޔާގެ ޕޭރެންޓު ޓީޗާސް އެސޯސިއޭޝަނާ ބައްދަލުކުރައްވައި، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ވެސް، މި ވަގުތުން ވަގުތަށް ވަގުތީ ހައްލެއް ހޯދިފައި ނެތް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެފަދަ ހައްލެއް ހޯއްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ރައީސް ދެއްވާފައެވެ.

އަރަބިއްޔާ ސްކޫލަށް ހުޅުމާލެއިންވެސް ބިމެއް ހަމަޖެއްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބާ ޖަމާލުއްދީނުގައި މިހާރު ހިންގަމުން ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ އޮފީހުގެ އެއްބައެވެ. އޭގޭ ކުރިން އެތަނުގައި ހިންގަމުން ގެންދިޔައީ ގައުމީ ޔުނިވަރސިޓީގެ ބައެކެވެ.

އިމާރާތުގެ މައްސަލައަކާހުރެ އަރަބިއްޔާ ސްކޫލްގެ ކުދިން އިއްޒުއްދީން ސްކޫލަށް ވަގުތީ ގޮތުން ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމިނިންމުމަށް އެ ސްކޫލްގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އަރަބިއްޔާ ސްކޫލްގެ ޕިޓީއޭއާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ރޭ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތުގައި ވެސް ބެލެނިވެރިން ވަނީ އިހްތިޖާޖު ކޮށްފައެވެ.

އަރަބިއްޔާ ސްކޫލަކީ ދަރިވަރުން ކިޔަވަންދާން ރައްކާތެރި ތަނަކަށް ނުވާތީ، އެ ސްކޫލަށްދާ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމުމުން، ބައެއް ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުން ބަލައިނުގަނެ، އެ ސްކޫލަށް ދަރިވަރުން ނޮފޮނުވާނެ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން އެންމެ ދުވެހެއްގައި ވެސް މެދުކެނޑެން ބޭނުން ނުވާކަމަށާއި، ހިތްހަމަނުޖެހުނަސް ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ބެލެނިވެރިންނަށް އޮތް ޗޮއިސްއެއް ނޫން ކަމަށެވެ. އަދި އެކަމަނާ ވިދާޅުވީ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށާއި، އެ ސްކޫލްގައި ކިޔަވައިދޭނީ ވެސް ވަކިން ކަމަށެވެ.

އަރަބިއްޔާގެ ސްކޫލްގެ ބެލެނިވެރިންގެ ކަންބޮޑުވުމަކީ އަރަބިއްޔާ ހުރިން ހުރި އިމާރާތުން އިއްޒުއްދީން ސްކޫލް މިހާރު ހިންގާ އިމާރާތަށް ބަދަލުކުރުމުން ދިމާވި މައްސަލަތައް އަލުން ތަކުރާރުވެދާނެ ތީއެވެ. އެދުވަސްވަރު އެ އިމާރާތުގެ އެއްބައިގައި ހިންގަމުން ދިޔައީ މަންދު ކޮލެޖެއެވެ. އެހެންވެ އެ ސްކޫލްގެ ދަރިވަރުން އުޅެމުން ދިޔައީ ވަރަށް ދަތި، ނިކަމެތި ހާލެއްގައި ކަމަށް ބެލެނިވެރިން ބުނެއެވެ. އެ އިމާރާތުގައި ކިޔަވަމުން ދަނިކޮށް، އަރަބިއްޔާ ސްކޫލް މިހާރު ހުރި އިމާރާތަށް ބަދަލުކުރީ ވެސް އެ އިމާރާތުގެ މަސައްކަތް ނުނިމެނީހެވެ. އެހެންވެ ބައެއް ކުލާސްތައް ނަގަން ބޭނުން ކުރަން ޖެހުނީ އަމީނިއްޔާގެ ސްކޫލްގެ ކުލާސްރޫމް ތަކެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިހަ އަހަރުނުވަނީސް، ތަނބުތަކުގައި ރެނދުގައި ސްޓްރަކްޗަރަލް މައްސަލަތަކެއް ފެންމަތިވުމުން، އެ އިމާރާތުގެ އެސެސްމެންޓެއް ހެދުމަށް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *