ފިލިޕީންސްގައި ހާލުގައި ޖެހިފައިވާ ދިވެހި ދަރިވަރުންނަށް އައިއޭސީން އެހީތެރިވަނީ

ފިލިޕީންސްގައި ދިވެހި ދަރިވަރުން އުޅޭ ސަރަހައްދަށް އައި ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ވަނީވެފައި. ފޮޓޯ: އައިއޭސީ

ދާދިފަހުން ފިލިޕީންސްއަށް އެރި ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދިވެހި ކިޔަވާކުދިންނަށް އެހީތެރިވުމަށް އިނޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ނިންމައިފިއެވެ.

ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ހާލު އިންޓަރނޭޝަނަލް ރިލޭޝަންސްގެ ޑިރެކްޓަރ ދަނީ ވަރަށް ކައިރިން ބައްލަވަމުން ކަމަށް އައިއޭސީން ބުނެއެވެ.

މިކަމުގެ ތަފްސީލު ހޯދުމަށް އެ ކެމްޕެއިނުން ކުރި މަސައްކަތުން ޕިލިޕީންސްގައި ތިބި ބައެއް ކުދިންނާއި ވާހަކަދެކެވި އެތަނުގެ ހާލަތާ ގުޅޭ ބައެއް ތަފްސީލް ލިބިފައިވާކަމަށްވެސް އައިއޭސީން ބުނެއެވެ.

އެގޮތުން މިހާރުގެ ހާލަތަށް ބަލާއިރު  މުޅި ޑޯމިޓަރީއިން ކަރަންޓާއި ފެން ކެނޑިފައިވާއިރު އަލުން ކަރަންޓު ލިބުމަށް މަދުވެގެން 1 މަސް ދުވަހުގެ މުއްދަތެއް ބޭނުންވާނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފައިވާކަމަށް އައިއޭސީން ބުނެއެވެ.

ފެނުގެ ހިދުމަތް ލިބޭނެކަމަށް ވަނީ ކަރަންޓު އަނބުރާ ލިބުމުންނެވެ.  އެ ދަރިވަރުންނަށް ކެއްކޭނެ އެއްވެސް ވަސީލަތެއް ނެތްއިރު ހަމަ އެކަނި ހުރި ކާނާއަކީ ޕެކެޓްކުރި ތައްޔާރީ ކާނާއެވެ. އައިއޭސީން ބުނީ އެ ދަރިވަރުންގެ އަތުގައި އެއްވެސް ފައިސާއެއް ނެތްކަމަށާއި ގިނަ ކުދިން ފައިސާ ނަގަނީ މަހަކު އެއްފަހަރު ނުވަތަ ދެމަހުން އެއް މަހު އޭޓީއެމް އިންކަމަށެވެ. އަދި  މިވަގުތު ދަތުރުކުރެވޭނެ ގޮތެއްވެސް ނެތްއިރު އޭޓީއެމްގެ ޚިދުމަތެއްވެސް ނުލިބެއެވެ. ބައެއް ކުދިން އަތުގައި ޑޮލަރު ހުރިނަމަވެސް ފިލިޕީންސް ފައިސާއަށް ބަދަލުކުރެވޭނެ ގޮތެއް ނެތްކަންވެސް އައިއޭސީން ފާހަގަކުރެއެވެ.

ދިވެހި ދަރިވަރުން ދިރިއުޅެމުން އައި ތަނުގެ ބޮޑުބައެއްގެ ސީލިންގ ވަނީ ވެއްޓިފައިކަމަށާއި އެތަން މިވަގުތު ހުރީ ދިރިއުޅެން ކަމުދާ ހާލަތެއްގައެއް ނޫންކަމަށްވެސް އައިއޭސީން ބުނެއެވެ.

މިފަދަ ހާލަތެއްގައި ފޭރޭމީހުންގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ފާރައަށް ތިބެން ވަނީ އެ ދަރިވަރުންނަށް މަޖުބޫރުވެފައެވެ. އެގޮތުން ތަނުގެ ސެކިއުރިޓީއަށް 2 މީހުން ތިބި ނަމަވެސް ދިވެހިން ބައެއް ކުދިންވެސް ހޭލާ ތިބުމަށް މަޖުބޫރުވެފައިވާކަމަށްވެސް އައިއޭސީން ބުނެއެވެ.

ތޫފާނާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ސަބަބުން  ނެޓްވޯކް ނުލިބޭތީ، މި ހާލަތުގައި މައުލޫމާތު ދިނުމަށް އެންމެ ކައިރިން ފެނުނު މޯލްއަކަށް ގޮސްގެން ނޫނީ މެސެޖް ނުކުރެވޭކަމަށާއި އެތައް ކިލޯމީޓަރު ދުރުގައި ހުރި އެތަނަށް ދިޔުމަށް ބައިސްކަލުގައި ދިޔަ ނަމަވެސް ގިނަ ތަންތަނުން ބައިސްކަލުވެސް ކޮނޑުގައި އުފުލަން ޖެހޭކަން އައިއޭސީން ފާހަގަކުރެއެވެ. އެ ދަރިވަރުންގެ ހާލަތު ކިޔައިދޭން ކޮންމެ ދުވަހަކުވެސް މަސައްކަތްކުރަނީ މިގޮތަށް ކަމަށްވެސް އައިއޭސީން ބުނެއެވެ.

ފިލިޕީންސްގައިވާ ދަރިވަރުންގެ ހާލަތު ބެލުމަށްފަހު އައިއޭސީން ވަނީ އެ ކެމްޕެއިންގެ ޕާރޓްނަރ 2 ޖަމްޢިއްޔާކަމުގައިވާ އަލްޚައިރް އަދި އީހާހާއިއެކު މަޝްވަރާކޮށް، އެ ދަރިވަރުންނަށް ދެވޭނެ އެހީއެއް ބަލަމުންކަމަށްވެސް އައިއޭސީން ބުނެއެވެ.

އައިއޭސީން އެދެނީ އެ ދަރިވަރުންނަށް އެހީތެރިކަން ދެވެންދެންވެސް ކެތްތެރިކަމާއެކު އެ ދަރިވަރުން ތިބުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *