ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ޙަމަދު ސްކޫލުން ޕްރޮގްރާމެއް ހިންގައިފި

ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަށްޓަކައި ލ. ގަން، ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލުން ވާހަކަދެއްކުމުގެ ޕްރޮގްރާމެއް ދަރިވަރުންނަށް ހިންގައިފިއެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ، ކުޅަދާނަ ވާހަކަދެއްކުންތެރިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދާރިސް އަންވަރު އިބްރާހީމެވެ.

"ދޫފަސޭހަ" ޕްރޮގްރާމުގެ ދާރިސް އަންވަރު އިބްރާހީމް ޕްރޮގްރާމް ނަގައިދިނުމުގެ ތެރެއިން:- ފޮޓޯ: ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލު

ނޮވެންބަރު 1 އިން ޑިސެންބަރު 2 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ވާހަކަދެއްކުންތެރިމުގެ އަސާސީ ބައިތައް ކިޔަވައިދީފައިވާއިރު މި ހަރަކާތުގައި މައިގަނޑު ދެ ބައެއް ހިމަނާފައި ވެއެވެ. އެއީ ދަރިވަރުންނަށާއި މުދައްރިސުންނަށް ބޭނުންވާ ވާހަކަދެއްކުންތެރިކަމުގެ މަޢުލޫމާތު އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ ބަޔާއި ވާހަކަދެއްކުމުގެ ޕްރެކްޓިސްބައިތައް ފޭސްޓުފޭސްކޮށް ކުރިއަށް ގެންދިއުމުގެ ބައެވެ. މިބައި، އަންވަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔައީ ހަމަދު ސްކޫލުގެ ދިވެހި މުދައްރިސުންނެވެ.

ދޫފަސޭހަ ޕްރޮގްރާމްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތު ހަމަދު ސްކޫލުގެ ހޯލުގައި ހުކުރު ދުވަހުގެ ރޭ ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަމަދު ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތެވެ. މި ރަސްމިއްޔާތުގައި ކޯހުގައި ކިޔަވާދެއްވި ދާރިސް އަންވަރު އިބްރާހީމްގެ އިތުރުން، ގަމު ކައުންސިލްގެ ރައީސާއި ގަމުގެ އެކި މުއައްސަސާތަކުގެ ވެރީންވެސް ބައިވެރިވެވަޑައިގަތެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދެއްކުމުގެ މި ހަރަކާތް ފުރިހަމަ ކުރި 19 ދަރިވަރަކަށް ހަނދާނީ ލިޔުން ހަވާލުކުރެވިފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *