އަރަބިއްޔާގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުންދީނަށް، ހުޅުމާލޭގައި އިމާރާތް ކުރާ ސްކޫލެއް އަރަބިއްޔާއަށް ޚާއްޞަ ކުރަނީ

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް އެ ސްކޫލްގައި ކިޔަވަމުން ގެންދާ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން އެ ސްކޫލުގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އުޅޭ މައްސަލައިގައި ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން  މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ބަނީ ޢަރަބިއްޔާ ސުކޫލުގެ ޢިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލާ ޙައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

" ކޮންމެ ސުކޫލެއްގެ ދަރިވަރުންނާއި މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ދެވޭ ތަޢުލީމާއި އެއްހަމައަކަށް މުހިންމު ކަމެކެވެ. ޢަރަބިއްޔާ ސުކޫލުގެ ޢިމާރާތުގެ ޙާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަކީ އެންމެރައްކާތެރި ކަމެއްނޫނެވެ. ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި މި މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ޙައްލެއް ހޯދެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމުކަމެކެވެ" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ހުރިހާ ކަމަކަށް ބަލައި، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން ޢިއްޒުއްދީން ސުކޫލައް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، އެއް ސުކޫލް ޢަރަބިއްޔާއަށް ޚާއްޞަ ކުރުމާއި، ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް، އެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ. އަދި އަރަބިއްޔާ ސްކޫލް ޢިމާރާތް ހުންނާނީ އަބަދުވެސް ޢަރަބިއްޔާއަށް ޚާއްޞަ ކުރެވިފައި ކަމުގެ ޔަގީންކަން އެ ބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 700 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސުކޫލެއް ހިންގުމަށް ޢިމާރާތްކޮށްފައިހުރި ތަނެއްގައި ކަމަށާއި، މިފަދަ ޢިމާރާތަކީ ކިޔަވައިދިނުމަށް ޚާއްޞަކޮށް ފަރުމާ ކުރެވި އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވާ ތަނަކަށްވާން ޖެހެއެވެ.

އެޑިއުކޭޝަނުން ބުނީ، ސަރުކާރުން ހިންގާ 213 ސުކޫލުތެރޭގައި ހިމެނޭ ޚާއްޞަ ސިފަތަކެއް އެކުލެވިގެންވާ އަދި އެ ސުކޫލަކަށް ޚާއްޞަ ސަމާލުކަމެއްދެވިގެން ހިންގާ ސްކޫލެއް ކަމަށާއި، މި ސުކޫލަކީ ދިވެހިރާއްޖޭގެ ތަޢުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަޙުދަތު ރަމްޒުކޮށްދޭ އެންމެ މުހިންމު މުއައްސަސާއެއް ކަމަށެވެ.

" ޢަރަބިއްޔާ ސުކޫލުގައި ފޯރުކޮށްދެވޭ ތަޢުލީމީ މަންހަޖާއި ދަރިވަރުން ހަދާ އިމްތިޙާނުތަކަކީވެސް މިސްރުގެ އަލް އަޒުހަރު ޔުނިވަރސިޓީ ޤަބޫލުކުރާ އިމްތިޙާނެއްކަންވެސް ފާހަގަކުރަމެވެ. އަރަބިއްޔާ ސުކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ތަޢުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް އަބަދުވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ހިންގާނެ ސުކޫލެއް ކަމުގައި ދަންނަވަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *