ޔުނިސެފްއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެން ކުރިއަށް ގެންދާ ލޭމްޕް ޕްރޮޖެކްޓްގެ ދަށުން ސުކޫލްތަކުގެ ލިޓްރަސީ އެންޑް ނިޔުމެރަސީ ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕީޑީ ސެޝަންތަކުގެ ތެރެއިން ސެޝަންއެއް ހުރަވީ ސުކޫލްގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ އެސުކޫލްގެ ކީ ސްޓޭޖް 1، 2 ގެ މުދައްރިއްސުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންއެކެވެ،
މި ސްޓޭޖްތަކަކީ ލިޓްރަސީ އެންޑް ނިޔުމެރަސީ ސުކޫލެއްގައި ހަރުދަނާ ކުރުމަށް އެންމެ އިސްކަމެއް ދޭން ޖެހޭ ގްރޭޑްތައް ކަމަށްވާތީ މި ގްރޭޑްތަކުގެ މުދައްރިސުންނަށް އެކަމާ ގުޅޭ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް މަސައްކަތްކޮށް ދިނުމަކީ ސުކޫލްގެ ވަރަށް ބޮޑު އަމާޒެކެވެ.

މި ސެޝަންތައް ނަންގަވައިދެއްވީ ތައުލީމީ ދާއިރާގެ ފުންނާބު އުސްބޭފުޅެއްކަމުގައިވާ ތޯހާ ސަލީމްއެވެ.
ލިޓެރަސީ އެންޑް ނިޔުމެރަސީއަކީ ކިހާ އިސްކަމެއް ދޭންޖެހޭ ކަމެއްކަމާއި އަދި ސުކޫލްތަކުގައި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން ހާސިލް ކުރަންޖެހޭ ކަމެއްކަން މި ސެޝަންގައި މައުލޫމާތު ދެއްވަމުން ތޯހާ ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. މި ސެޝަންތަކުގައި 21 ވަނަ ގަރުނުގެ ލިޓްރަސީ އެންޑް ނިޔުމެރަސީ މާނަ ކުރާ ގޮތާއި މިކަން ހާސިލް ކުރަން ސުކޫލުން އަމާޒު ހިފަންޖެހޭ ގޮތުގެ މައްޗަށްވެސް ވަނީ ބައްލަވާލައްވާފައެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސުކޫލްގެ ލީޑިން ޓީޗަރ ނަޝީދާ އަލީ ވިދާޅުވީ މި ސެޝަންގެ މައިގަނޑު މަގްސަދަކީ ލިޓްރަސީ އެންޑް ނިޔުމަރަސީގެ މުހިއްމުކަން ވިސްނައި މުދައްރިސުންނަށް ހިތްވަރުދީ ދަރިވަރުންނަށް މާނަހުރި ތައުލީމެއް ފޯރުކޮށްދިނުން ކަމަށެވެ.
އަދި މި ސެޝަނަށް ފަހު ލިޓްރަސީ އެންޑް ނިޔުމެރަސީ ހަރުދަނާ ކުރުމަށްޓަކައި މުދައްރިސުންގެ މައުލުމާތާއި ހުނަރު އިތުރުކުރުމުގެ ތަފާތު ސެޝަންތައް ތަފާތު ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭނެކަމަށާއި އަދި ކުރިއަށްވެސް ސެޝަންތައް ޕްރޮގްރާމް ކުރެވި ލިޓްރަސީ އެންޑް ނިޔުމެރަސީއަކީ ސުކޫލްގެ ވަރަށް މުހިއްމު އަމާޒެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައިކަމަށް އެ ސްކޫލުން މަޢުލޫމާތު ދެއެވެ.
advertisment
ހިޔާލު