ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް އެން.އައި.އީއަށް ސިޓީއެއް ފޮނުވިކަމަށާއި އެހެންނަމަވެސް އެ ސިޓީއަށް ޢަމަލުނުކުރުމަށް ، ޖެހިގެން އައި ދުވަހު އެންއައިއީއަށް އެންގިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޤުރުޢާނާއި އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ޚަބަރާ ގުޅޭ ގޮތުން ތަފްސީލުކޮށްދިނުމަށް އެ މިނިސްޓްރީން ނެރިފައިވާ ނޫސްބަޔާނެއްގައިވަނީ އަލަށް ޗާޕުކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕުތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރުވުނު މަޝްވަރާކުރެވުނުކަމަށެވެ. އަދި އެންއައިއީއަށް ފުރަތަމަ ސިޓީ ފޮނުވާފައިވާނީ އެ މަޝްވަރާތަކަށްފަހު، ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށްކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫންކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށްވާނެތީ އެ ސިޓީއަށް އަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެން.އައި.އީ އަށް އަންގާފައިކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ. ކުރިން ފޮނުވި ސިޓީ ބާތިލްކަން އަންގާފައިވާކަަމަށްވެސް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަމަހު 25 ވަނަ ދުވަހު އެންއައިއީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ، ކަރިކިއުލަމް ރިވިޝަންގެ މަސައްކަތްތަކާއި ފޮތްތަކުގެ ކުށްތައް އިޞްލާޙުކުރުމުގެ މަސައްކަތް ކުރައްވާއިރު، ގްރޭޑު 1ން12 ގެ އިސްލާމްފޮތްތަކުގައިވާ ޤުރުޢާނުގެ އާޔަތްތައް އުނިކޮށް، އޭގެ ބަދަލުގައި ޚަތިމަށް ނުވަތަ ޢައްމާފޮތަށް ހަވާލާދިނުމަށެވެ. އަދި 2022-2023 ގެ ދިރާސީ އަހަރުގެ ފޮތްތައް ޗާޕުކޮށް ފޮނުވާއިރު އެގޮތަށް ބަދަލުކޮށް ފޮނުވުމަށް އެދިފައިވެއެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޤުރުޢާނާއި އިސްލާމް ފޮތްތަކުގައި ޤުރުޢާނުގެ އާޔަތްތަކާއި ކަލިމަތަށް ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ ޢައްމާފޮތަށް ހަވާލާދިނުމަށް ކުރިން ނިންމާފައިވަނީ، އެއްވެސް ވަރަކަށް ދަރިވަރުން ހިތްތަކުގައި ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތުގައި ނޫންކަމަށާއި ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް މަދުކުރުމުރުމުގެ ނިޔަތުގައާއި އަދި މި ފޮތްތައް ނައްތާލާއިރު ޤުރުޢާނުގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއްފަހަރު ޢަމަލުކުރެވިގެންދާކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީކަމަށެވެ.
ނަމަވެސް މިހާރު އެ މިނިސްޓްރީން ނިންމާފައިވަނީ ޤުރުޢާން އަދި އިސްލާމްފޮތްތަކުގައިވާ ކުށްތައް އިޞްލާޙުކޮށް ގްރޫޕް ރީޑިންގ ވަރުގަދަކުރުމަށެވެ. މިގޮތުން، މިފަހަރު ފޮތްތައް ޗާޕުކުރުމަށް ފޮނުވާއިރު ކުށްތައް އިޞްލާޙުވެފައިވާކަން ކަށަވަރުކުރުމަށް އެންއައީއީއަށް އަންގާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީންވަނީ މި ޚަބަރާ ގުޅިގެން ބެލެނިވެރިންގެ ހިތްތަކުގައި އުފެދިގެންދިޔަ ނުތަނަވަސްކަމަށް މަޢާފަށް އެދިފައެވެ.
advertisment
ހިޔާލު