ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
އެގޮތުން، ތަފާތު އެކި ވަޒީފާތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު ރަނގަޅު ދިރިއުޅުމަކަށް ވަޒީފާއަދާ ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދޭނެއެވެ. އަދި ވަޒީފާގައި ކުރިއަށް ދިއުމާއި މަސައްކަތު މާހައުލުގައި އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެއެވެ.
އޭގެ އިތުރުން، ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށް އެ ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
22 ޒުވާނަކު ބައިވެރިވެފައިވާ މި ޕްރޮގްރާމުގައި މައުލޫމާތުދޭނީ ފުލުހުންނެވެ.
advertisment
ހިޔާލު