ހދ. އަތޮޅު މަދަރުސާގައި ވައިކަރަދޫ ކައުންސިލުން ބޭބީ ނާސަރީ ކުލާސްތައް ފަށަން ތައްޔާރުވާން ފަށައިފިއެވެ.
ބޭބީ ނާސަރީ އަދި ނާސަރީ ކްލާސްތައް ހިންގަން ވައިކަރަދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ކުލާސްރޫމްތައް ބޭނުން ކުރުމުގެ އެއްބަސްވުމެއްގައި އެ ސްކުލާއި އެރަށު ކައުންސިލުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ވައިކަރަދޫ ކައުންސިލްގެ މެމްބަރު އާމިނަތު ޒީނިޔާ ދަރިވަރު ނޫހަށް ވިދާޅުވީ ނާސަރީ ކުލާސްތައް ފަށަން އެރަށުގެ ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި، ދެވަނަ ޓާމުގެ ކިޔެވުން ފަށާއިރު، ނާސަރީ ކުލާސްތަކުގެ ކިޔެވުން ވެސް ފަށާނެ ކަމަށެވެ.
ބޭބީ ނާސަރީއާއި ނާސަރީގެ ކުލާހެއްގައި މަދުވެގެން ބާރަ ނޫނީ ތޭރަ ކުދިން ކިޔަވަމުން ދާނެ ކަމަށާއި، މުދައްރިސުން ހޯދަން މި ހަފްތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
" ރަށުގެ ރައްޔިތުން ތިބީ ކެތްމަދުވެފައި. އަޅުގަނޑުމެން އަމާޒު ކުރަނީ މުދައްރިސުން ހޯދައިގެން ދެވަނަޓާމަށް ކިޔެވުން ފެށުން" މުދައްރިސެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ ވިދާޅުވީ ނާސަރީ ކުލާސްތައް ކުރިއަށް ގެންދަނީ ފީއެއް ނަގައިގެން ކަމަށް ވިޔަސް ކައުންސިލުން ވެސް ޚަރަދުތަކެއް ހިނގާނެ ކަމަށެވެ.
މަތީ ގުރޭޑްތަކަށް ދާއިރު، ބޭބީ ނާސަރީއަކީ ވަރަށް މުހިންމު ބިންގަލެއް. އެ ބިންގާ ވަރުގަދަ ކުރުމަށް މިއީ މުހިންމު ފެށުމެއް" ޒީނިޔާ ވިދާޅުވިއެވެ.
advertisment
ހިޔާލު